12 Sep 2016, 15:43
މިއަހަރުގެ ހައްޖު މޫސުމުގައި މާތް ވެގެންވާ މައްކާ ކައިރީގައި އޮންނަ މިނާއަށް އުފަންވި ފުރަތަމަ ކުއްޖާއަށް މިނާގެ ނަމުން ނަން ދީފި އެވެ.
ސައުދި އަރަބިއްޔާގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ، އިއްޔެ ވިހެއި އެ ކުއްޖާއަކީ މިއަހަރުގެ ހައްޖު މޫސުމުގައި މިނާގެ ހޮސްޕިޓަލަކަށް އުފަންވި ފުރަތަމަ ކުއްޖާ ކަމަށެވެ. އަދި އެ ކުއްޖާ ވިހާފައިވަނީ ހައްޖުވެރިންނަށް ސިއްހީ ފަރުވާ ދެމުންދާ މިނާ ހޮސްޕިޓަލުގެ އެމަޖެންސީގަ އެވެ.
ސައުދީގެ ހެލްތު މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީގެ ޓްވިޓާ އެކައުންޓަގަ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ވަނީ އެކަން ހާމަކޮށް ޓްވީޓެއް ކޮށްފަ އެވެ.
Baby "Mina" delivered @ Mina Hospital a few hours ago where@WHOhealth staff are treating Hajj pilgrims#EidAlAdhahttps://t.co/cSZP7c5xaG
— United Nations (@UN)September 11, 2016
ސައުދީ ސަރުކާރުގެ އަލް ޔައުމް ނޫހާ ހަވާލާދީ އަލް އަރަބިޔާ ނޫހުގައި ބުނެފައިވަނީ، ވިހެއި ކުއްޖާއަކީ އަފްގާނިސްތާނު ކުއްޖެއް ކަމަށެވެ. އަދި ސިޒޭރިއަން ހަދައިގެން އުފަންކުރި އެ ކުއްޖާގެ ހާލާއި މައިމީހާގެ ހާލުވެސް ރަނގަޅު ކަމަށާއި ދެމައިން ވެސް އަރާމު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.