ބޮޑުބެރުގައި ރާއްޖޭގައި ނަގާކިޔާ އެއް ގުރޫޕަކީ ހަރުބީ އެވެ. އެ ގްރޫޕުގެ ލަވަތަކަށް ލޯބިނުކުރާ މީހަކު މަދުވާނެ އެވެ. ޖަހާލައި ބެރުގެ ރާގުތަކުން އެތައް ބައެއްގެ ހިތްތައް އެ ގުރޫޕުން ވަނީ ދަމައިގެންފަ އެވެ.

ހިތްތައް ދަމައިގަނެ ލޭ ކައްކުވާލަނީ ހަމައެކަނި ދިވެހިންގެއެއް ނޫނެވެ. މިމަހުގެ ތިނަކުން ނުވަ އަކަށް މިސްރުގެ ސިޓީއެއް ކަމަށްވާ އިސްމައިލިއާގައި ކުރިއަށްދިޔަ "އިސްމައިލިއާ އިންޓަނޭޝަނަލް ފޯކްލޯރ ފެސްޓިވަލް" ގައި ބައިވެރިވެ ހަރުބީން ވަނީ މިސްރު ރައްޔިތުންގެ ފޭވަރިޓުންނަށް ވެފައެވެ.

މިސްރުގެ ސިޓީ، އިސްމައިލިއާގައި ކުރިއަށްދިޔަ ސަގާފީ ކުޅިވަރާ މިއުޒިކް ފެސްޓިވަލެއްގައި ރާޢްޖޭގެ ހަރުބީ ބޮޑުބެރު ގްރޫޕުން ހުށަހަޅައިދިން ފުރަތަމަ ޝޯވގެ ތެރެއިން --- ފޮޓޯ/ ހަރުބީ

އަހަރަކު އެއްފަހަރު އިސްމައިލިއާގައި ބާއްވާ ސަގާފީ ކުޅިވަރާއި މިއުޒިކް ދައްކައިދޭ އެ ފެސްޓިވަލުގައި މިއަހަރު 14 ގުރޫޕަކުން ބައިވެރިވެފައިވެ އެވެ. ފެސްޓިވަލުގައި ރާއްޖޭގެ އިތުރުން އަލްޖީރިއާ، ޖޯޑަން، ރަޝިއާ، ފަލަސްތީން، އިންޑޮނޭޝިއާ، އިންޑިއާ ގެ ގުރޫޕުތަކުގެ އިތުރުން މިސްރުގެ އެކި ކަންކޮޅުތަކުން ގުރޫޕްތައް ބައިވެރިވެފައިވެ އެވެ.

ހަރުބީ ބޮޑުބެރު ގްރޫޕުގެ މެނޭޖަރު މުހައްމަދު ޝިފާއު ސަން އަށް އިއްޔެ ވިދާޅުވީ، އިސްމައިލިއާގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހެއްގައި ވެސް ކުރިއަށްގެންދިޔަ އެ ފެސްޓިވަލުގައި ހަރުބީ އަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.

"ފެސްޓިވަލުގައި ބައިވެރިވި އެންމެ ތަފާތު އަދި މިސްރުގެ ރައްޔިތުންގެ ފަރާތުން ރާއްޖޭގެ ހަރުބީ ބޮޑުބެރު ގްރޫޕަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ. އަދި ފެސްޓިވަލުގެ ފޭވަރިޓުންނަކީ ރާއްޖެ،" ޝަފީއު ވިދާޅުވި އެވެ.

މިސްރުގެ ސިޓީ، އިސްމައިލިއާގައި ކުރިއަށްދިޔަ ސަގާފީ ކުޅިވަރާ މިއުޒިކް ފެސްޓިވަލެއްގައި ބައިވެރިވި ރާޢްޖޭގެ ހަރުބީ ބޮޑުބެރު ގްރޫޕުގެ މެމްބަރުން --- ފޮޓޯ/ ހަރުބީ

އޭނާ ވިދާޅުވީ، ފެސްޓިވަލުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އަށް ވަރުބަލި ކަމެއް ނެތި ފޯރިގަދަ ލަވަތަކެއް ގެނެސްދިނުމުން މިސްރުގެ ރައްޔިތުން ތިބީ ހައިރާންވެފައި ކަމަށެވެ.

ހަރުބީ އިން ބުނީ މިސްރުގައި ހުށަހަޅައިދިނުމަށް އެމީހުންނަށް ލިބުނު ފުރުސަތުގައި ރާއްޖޭގެ ސަގާފީ މިއުޒިކާއި ނެށުން ޕްރޮމޯޓްކުރުމުގެ އިތުރުން ދިވެހި ރާއްޖެ ޕްރޮމޯޓްކުރި ކަމަށެވެ. އަދި އެ ގްރޫޕަށް ޔޫތް މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޑެޓުގެ ސީއީއޯ މުހައްމަދު ޖުނައިދު ދެއްވި އެއްބާރުލުމަށް އެ ގުރޫޕުން ޝުކުރުއަދާކުރެއެވެ.

މިސްރުގައި ބޭއްވި އެ ފެސްޓިވަލަށްފަހު ހަރުބީ ގުރޫޕް އެނބުރި ރާއްޖެ އައިސްފައިވަނީ އިއްޔެ އެވެ. އަދި މިރޭ މާލޭގައި ބާއްވާ ދިރާގު އީދު ޝޯގައި ކުޅުމަށް ފަހު ހަރުބީގެ އީދު ޝޯވ ދިނުމަށް ލ. ފޮނަދޫ އަށް ފުރާނެ އެވެ.