އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހިލަރީ ކްލިންޓަން ނިއުމޯނިއާ އަށް ފަރުވާ ހޯއްދަވަމުންދާ ކަމަށް އެކަމަނާގެ ޑޮކްޓަރު ޔަގީންކޮށްދީފި އެވެ.

ސެޕްޓެމްބަރު 11 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް ނިއު ޔޯކުގައި ބޭއްވި ރަސްމިއްޔާތުގައި ހުންނަވަނިކޮށް ހިލަރީ ވަނީ ރަސްމިއްޔާތު ދޫކޮށް ވަޑައިގެންފަ އެވެ.

އަދި ރަސްމިއްޔާތު ދޫކުރައްވާ އެހީތެރިންނާއެކު ހިލަރީ ވޭނަކަށް އަރުވާތަން ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ އާއްމުވެފަ އެވެ.

ހިލަރީގެ ޑޮކްޓަރު ލިސާ ބާޑަކް ވިދާޅުވި ގޮތުގައި، ހިލަރީ އަށް ނިއުމޯނިއާ ޖެހިވަޑައިގެންފައިވާކަން ހުކުރު ދުވަހު ޔަގީން ވެފައިވާ ކަމަށާއި އެކަމަނާ އަށް އެންޓިބައޮޓިކް ދީފައިވާ ކަމަށެވެ. އަދި ހިލަރީ ނިއު ޔޯކުގެ ރަސްމިއްޔާތު ދޫކޮށް ވަޑައިގަތީ ޑީހައިޑްރޭޓް ވެގެން ކަމަށާއި ނަމަވެސް މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ޑޮކްޓަރު އެހެން ވިދާޅުވި ނަމަވެސް، ހިލަރީގެ ކެމްޕެއިން އޮފިޝަލަކު ވިދާޅުވެފައިވަނީ އެކަމަނާގެ އާލާސްކަންފުޅާ ގުޅިގެން ކެލިފޯނިއާ އަށް ކުރައްވަން އޮތް ކެމްޕެއިން ދަތުރުފުޅެއް ކެންސަލް ކުރައްވާފައިވާ ކަމަށެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ކެލިފޯނިއާއަށް ހިލަރީ ފުރާވަޑައިގަންނަވަން އޮތީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

އެމެރިކާގެ ވެރިކަމަށް ވަޑައިގަތުމަށް ޖިސްމާނީ ގޮތުން ހިލަރީ ފިޓް ނޫން ކަމަށް ވިދާޅުވެ އެކަމަނާގެ ވާދަވެރިޔާ ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

އެގޮތުން މިދިޔަ މަހު ޓްރަމްޕުގެ ސަޕޯޓަރުންނާ ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ އެމެރިކާގެ ރައީސް ކަން ކުރެއްވުމަށާއި އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާ ހަނގުރާމަ ކުރެއްވުމަށް ހިލަރީގެ ގައިގާ ޖިސްމާނީ އަދި ނަފްސާނީ ހިތްވަރު ނެތް ކަމަށެވެ. (ބީބީސީ)