12 Sep 2016, 10:46
ހއ. ތަކަންދޫ، ކާމިނީގޭ ޒުލައިހާ ހަސަންގެ އުމުރުން 67 އަހަރު ވެފައިވާއިރު މިހާތަނަށް އީދުގެ މާކަބޮޑު ފޯރިއެއް ފެނިފައެއް ނުވެއެވެ. ރަށުގައި ދިރިއުޅޭ ޒުލެއިހާއަށް އީދުގެ ފޯރި ނުފެންނަނީ ކޮންމެ އީދެއްގަހެން ރަށުގައި އުޅެން ޖެހުމެވެ. އެރަށަކީ އީދަށް ހާއްސަ މާކަ ބޮޑު ހަރަކާތްތަކެއް އޮންނަ ރަށެއް ނޫނެވެ. ނަމަވެސް މިއީދާއެކު އެތާރީހު ވަނީ ބަދަލުވެގެންގޮސްފައެވެ. އުމުރުން ދުވަސްވެފައިވާ ޒުލައިހާއަށް އީދު ފޯރި ފެނިއްޖެއެވެ.
"ކަމެއް އެބަހުރި، މީހުން އަރާ ފުރިފައި، އެއްބަޔަކު ކުޅިވަރު ކުޅެނީ އަނެއް ބަޔަކު ބަކަރި ކަތިލަނީ، މިވަރު ކަމެއް އުމުރުގައިވެސް ނުދެކެން،" އީދު ސިފަކޮށްދެމުން ޒުލެއިހާ ބުންޏެވެ.

އާބާދީގައި 900 އެއްހާ މީހުން ރަޖިސްޓްރީގައި ހިމެނޭ ތަކަންދޫގައި އީދު ދުވަހު އީދު ނަމާދު ކުރުމާއި މެންދުރުގެ ހާއްސަ ކެއުން ފިޔަވާ އީދޭ ކިޔައިގެން ވަކި ހާއްސަ ކަންތައްތަކެއް މީގެ ކުރިން ނޯވެއެވެ. ދޭތެރެދޭތެރެއިން ޒުވާނުން ނުކުމެ ސަކަރާތެއް ޖެހިޔަސް ރަށު ފެންވަރުގައި މާކަ ބޮޑު ހަރަކާތްތަކެއް ނުހިންގައެވެ. މާކަބޮޑު ކުޅިވަރުތަކެއްވެސް ނޯވެއެވެ. ހާއްސަކޮށް އަތޮޅުތެރޭ އެހެން ރަށްރަށުގައި އޮންނަ އާދަތައް ނުފެނެއެވެ. ނަމަވެސް މިފަހަރުގެ އީދު މިވަނީ އެރަށަށް ބޮޑު ބަދަލެއް ގެނެސްފައެވެ.
ތަކަންދޫގައި ދިރިއުޅޭ ފަސް ޒުވާނުންގެ ރޭވުމެއްގެ މަތިން މިފަހަރު ފެށި ހަރަކާތްތަކާއެކު މުޅި ރަށަށް ވަނީ ދެ އީދު އެއްފަހަރާ އައިސްފައެވެ. ހެޔޮއެދޭ ފަރާތްތަކުގެ 60000 އެއްހާ ރުފިޔާގެ ބަޖެޓަކާއެކު އީދު ފާހަގަކުރަން ވަނީ ފަށާފައެވެ. އީދު ނަމާދަށް ފަހު ރަށު ރައްޔިތުން އެއްތަނަކަށް އެއްވެ މިވަނީ ސައިބޮއެެވެ. އެއަށްފަހު ބަކަރި ކަތިލުން ކުރިއަށް އެބަދެއެވެ. ރަށު ރައްޔިތުން އެއްވެ ކެއުން ވެސް މިރޭ އެބައޮތެވެ. ކެއުންތައްޔާރު ކުރަނީވެސް ރަށު ރައްޔިތުން ނުކުމެއެވެ. މިއީ އެރަށަށް ބަލާއިރު ވަރަށްވެސް އާ ކަންކަމެވެ.

"ވަރަށް ފޯރި އެބަހުރި، އަޅުގަނޑުމެން އުންމީދުކުރިވަރަށްވުރެ މިކަން މާ ވައިގަ ހިފައިފި، މިއީ މިރަށަށް ބަލާއިރު ވަރަށް އާ ކަންތައްތަކެއް،" އީދުގެ ކަންކަން އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ތަކަންދޫ ސްކޫލުގެ ޕްރިންސިޕަލް އަލީ މުހައްމަދު ވިދާޅުވިއެވެ.
މާލެ އާއި ދުރުގައި އޮންނަ ތަކަންދޫގެ ގިނަ ބަޔަކު އުޅޭނީ މާލޭގައެވެ. އާންމުގޮތެއްގައި ރަށަށް ދާނީ ސްކޫލް ބަންދަށެވެ. ނަމަވެސް މިފަހަރު އެކަންވެސް ތަފާތެވެ. އީދަށް ވެގެން މާލޭގައި ދިރިއުޅޭ 100 އަށްވުރެ ގިނަ މީހުން ވަނީ އެރަށަށް ގޮސްފައެވެ. މިއީވެސް އެހެން އީދު ތަކުގައި ފެންނަ މަންޒަރެއް ނޫނެވެ.
ގިނަ އަދަދެއްގެ ބަޔަކާއެކު ފޯރީގައި އީދު ފާހަގަ ކުރަމުންދާއިރު ކުރިއަށްއޮތް ތިން ދުވަހު ސަގާފީ އެކިއެކި ކުޅިވަރުތަކާއި ސްޓޭޖް ޝޯތައް ފަދަ ހަރަކާތްތައް އެރަށުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޒުވާނުންތަކެއް އިސްވެ ރޭވި ރޭވުމަކުން ތަކަންދޫގެ ތާރީހު މިވަނީ ބަދަލުވެފައެވެ. އެރަށުގެ ޒަމާންވީ ފޫހި އީދު މިވަނީ ފޯރިގަދަވެފައެވެ. މުޅި އެރަށަށް މިވަނީ އުފާވެރިކަން ގެނެސްފައެވެ. ޒުލެއިހާމެން ފަދަ އުމުރުން ދުވަސްވީ ފަރާތްތަކަށް އެމަންޒަރު ވަނީ ވަރަށްވެސް އުފާވެރި މަންޒަރަކަށެވެ.