މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި ކަމުގެ ދައުވާ ލިބޭ ޏ. ފުވައްމުލަކު، ޑެއިލީބްލޫ، އަބްދުއްލަތީފް މުހައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނީ އަދި ޝަރުއީ ގޮތުން ހިލާފް އަމުރެއް ކަމަށް ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް އިއްވެވުމުގެ ކުރިން ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ، ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ރ.ގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ޝަރުތަކާ ނުލައި ނުވަތަ ޝަރުތަކާއެކު ބަންދުގައި ބެހެއްޓުމަށް ނުވަތަ ބަންދުން ދޫކޮށްލުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. އަދި ވިދާޅުވީ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ޝަރީއަތުގެ މަރުހަލާގައި އެމީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ބާރު އެ މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ނުވަތަ އެ ފަނޑިޔާރު ނެތް ހާލަތެއްގައި އިސް ފަނޑިޔާރަށް ނުވަތަ އިސް ފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރަކަށް ލިބިގެންވާ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ބަލަން ޖެހޭނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ގަވާއިދުގައި ބުނާ ސަބަބުތަކަށް ކަމަށެވެ. އަދި އެ ސަބަބުތަކަށް ބެލުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމުމުގެ ބާރު ވެސް ލިބެނީ ފަނޑިޔާރަށް ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު އައްބާސް ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނީ ފަނޑިޔާރުން އެބޭފުޅުންގެ ބާރު ބޭނުން ކުރަންވާނީ ގާނޫނު އަސާސީ އާއި ގާނޫނުގެ ހުދޫދުގެ ތެރެއިން ކަމަށެވެ. އަބްދުއްލަތީފް ދޫކޮށްލުމުގެ އަމުރު ނެރުއްވި ފަނޑިޔާރު އެ ފަނޑިޔާރުގެ ބާރު ބޭނުން ކުރައްވާފައި ވަނީ އެ ހުދޫދުގެ ބޭރުން ކަމަށް ޕީޖީ އޮފީހުން ސާބިތުކޮށްދީފައިނުވާ ކަމަށް ވެސް ހައި ކޯޓުގެ ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލައިގެ ހުކުމް ކުރައްވަމުން ފަނޑިޔާރު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

ފަނޑިޔާރު އައްބާސްގެ އިތުރުން ދެން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.