12 Sep 2016, 08:00
ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގައި ޝާހު ރުކް ޚާންގެ ޚާއްސަ ފެނިލުމެއް ހިމެނޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ހަބަރުތައް ބުނާ ގޮތުން އެ ފިލްމުގައި ޝާހުގެ ޚާއްސަ ފެނިލުމެއް ހިމެނޭނެ ކަން ކަފަން ޔަގީންކޮށްދީފައި ވަނީ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ވާހަކަ ދައްކަމުންނެވެ.
"އަހަރެން، ޝާހު ހިމެނޭ ފިލްމެއް ޑާއިރެކްޓު ނުކުރާތާ މިހާރު ހަތް އަހަރު ވެއްޖެ. އެކަމަކު ޝާހު ވަނީ މި އަހަރުގެ ދިވާލީ ގައި ރިލީޒް ކުރާ އަހަރެންގެ ފިލްމުގެ މަންޒަރެއް ކުޅެދީފައި،" ކަރަން ބުންޏެވެ.
ކަރަން ބުނީ ގިނަ އަހަރުތަކަކަށް ފަހު ޝާހު އާއެކު މަސައްކަތް ކޮށްލަން ލިބުނު ނަމަވެސް، އަދިވެސް ޝާހު ބަދަލު ނުވާ ކަމަށެވެ. އަދި ދެމީހުންނަށް އެކަކު އަނެކަކު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ފިލްމުގެ ލީޑު އެކްޓަރު ރަންބީރު ކަޕޫރު ވެސް އެކަން ފާހަގަކޮށް ތައުރީފު ކޮށްފައިވާ ކަމަށެވެ.
ކަރަން ވަކި ފިލްމެއްގެ ނަން ބުނެފައި ނުވި ނަމަވެސް، ކަރަން މިހާރު މަސައްކަތް ކުރަމުން އަންނަނީ "އޭ ދިލް ހޭ މުޝްކިލް" ގައި އެކަންޏެވެ. އެހެންކަމުން އެ ފިލްމުން ޝާހު ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރަންބީރު ކަޕޫރު، އަނުޝްކާ ޝަރްމާ އަދި އައިޝްވާރްޔާ ރާއި ބައްޗަން މުހިންމު ރޯލުތަކުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.