12 Sep 2016, 10:22
ބޮލީވުޑްގެ ދެ ފަންނާނުން ކަމަށްވާ ސޮހެއިލް ޚާން އަދި ހުމާ ޤުރޭޝީ އާދެމެދު ސިއްރު ގުޅުމެއް ވާކަމަށް ބުނެ ޚަބަރުތައް ފެތުރެމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.
ހުމާ ވަނީ މީގެ ކުރިން އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ހުމާ ބުނީ ސޮހެއިލް އަކީ އޭނާ އަށް ބޭބެ އެއް ކަހަލަ މީހެއް ކަމަށެވެ. ނަމަވެސް ސޮހެއިން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ.
އަނެއްކާ ވެސް މިވަނީ އެ ވާހަކަތަކުގެ އަޑު ގަދަވެފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާގެ 18 އަހަރުވީ ކައިވެނި ވެސް މިހާރު ވަނީ ރޫޅެން ކައިރިވެފަ އެވެ.
އެެއާއެކު ސޮހެއިލް ވެސް މިވަނީ ރިޕޯޓުތަކަށް ޖަވާބުދީފަ އެވެ. ސޮހެއިލް ބުނީ އެ ވާހަކަތައް އަންނަނީ ކޮން ދިމާލަކުން ކަން އޭނާ އަށް ނޭނގޭ ކަމަށާއި ނަމަވެސް އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
"އެއީ ތެދެއްކަން ސާބިތު ކުރެވޭ ވަރުގެ ހެއްކެއް މީހަކު ދައްކައިފި ނަމަ އަހަރެން މިކަމާ ގުޅޭގޮތުން އިތުރު ވާހަކަ އެއް ނުދައްކާނަން،" ސޮހެއިލް ބުންޏެވެ.
ސޮހެއިލް ވަނީ އެއްވެސް ހެއްކެއް ނެތި މީޑިއާ އިން ޚަބަރު ނުފެތުރުމަށް އިލްތިމާސް ކޮށްފަ އެވެ. ސޮހެއިލް ބުނީ އޭނާގެ ދެ ކުދިން ސްކޫލަށް ދާއިރު އެ ކުދިންނަށް ވެސް ފާޑު ފާޑުގެ ސުވާލުތައް އަމާޒުވަމުން އަންނަ ކަމަށެވެ.
އެކަމުގެ ސަބަބުން އެކުދިންނަށް ވަރަށް ނުބައި އަސަރު ކުރާނެ ކަން ފާހަގަ ކުރަމުން ސޮހެއިލް ވަނީ ކަމުގެ ހަގީގަތް ނުބަލައި ވާހަކަ ނުފެތުރުމަށ އިލްތިމާސް ކޮށްފަ އެވެ.