ދެހާސް ހަތް ވަނަ އަހަރު ނުކުތް ފިލްމު، "ތާރޭ ޒަމީން ޕަރް" އަކީ އަދިވެސް ގިނަ ބަޔަކު ރޮއްވާލާ ފިލްމެކެވެ. ގިނަ އެވޯޑުތަކެއް ހޯދައި ރެކޯޑުތަކެއް އާކުރި ފިލްމު ވެގެން ގޮސްފައި ވަނީ މިހާތަނަށް ވެސް ބޮލީވުޑުން ފެނުނު އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

ފިލްމުގައި އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔައީ، އެ ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔަ "އިޝާން" އެވެ. އަސްލު ނަމުން ނަމަ ދަރްޝީލް ސަފާރީ އެވެ. ދަރްޝީލްގެ ވަރަށް މޮޅު އެކްޓިން އެއް ފެނިގެން ދިޔަ އެ ފިލްމުން، އޭނާ ވަނީ އެންމެ މޮޅު އެކްޓަރުންގެ އެވޯޑަށް ނޮމިނޭޓް ވެފަ އެވެ.

ދަރްޝީލް އަކީ ޝާހު ރުކް ޚާން މެން ފަދަ ކުޅަދާނަ އަދި ތަޖުރިބާކާރު އެކްޓަރުންނާ އެކު އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވި އެންމެ ހަގު ފަންނާނު ވެސްމެ އެވެ.

"ތާރޭ ޒަމީން ޕަރް" އިން ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯދުމަށް ފަހު، ދަރްޝީލް ވަނީ ދާއިރާއާ މުޅިން ހެން ދުރަށް ގޮސްފަ އެވެ. ނަމަވެސް އޭގެ ނުވަ އަހަރު ފަހުން ދަރްޝީލް މިވަނީ އޭނާގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް ދީފަ އެވެ.

އިންޑިއާގެ އޮންލައިން ނޫހަކަށް ދިން އިންޓަވިއު އެއްގައި އުމުރުން 19 އަހަރުގެ ދަރްޝީލް ބުނީ "ތާރޭ ޒަމީން ޕަރް" އަށް ފަހު، އޭނާ ފިލްމީ ދާއިރާ އަށް ޝައުގުވެރިކަން ހުރިކަން ނުވަތަ ނޫން ކަން ޔަގީން ނުވާތީ، ދާއިރާ އިން އެއްފަރާތްވީ ކަމަށެވެ.

އަދި އެކްޓިން އިން ބްރޭކެއް ނެގުމަށް ފަހު ހުރިހާ ވަގުތެއް ހުސްކުރީ ކިޔެވުމަށް ކަމަށާއި ނަމަވެސް ކޮލެޖަށް ދާން ފެށުމާ އެކު އަނެއްކާ ވެސް އެކްޓު ކުރުމަށް ޝައުގުވެރިކަން އުފެދުނީ ކަމަށް ދަރްޝީލް ވަނީ ބުނެފަ އެވެ.

ފިލްމު "ތާރޭ ޒަމީން ޕަރް" ގެ މަންޒަރެއް ---

"ކޮލެޖަށް ދިޔަ ފަހުން މިހާރު މުޅިން ވެސް މި އުޅެނީ އެކި ކަހަލަ ޑްރާމާތައް ކުޅުމުގައި. މިހާރު އެނގިއްޖެ އަހަރެން ވާން ބޭނުންވަނީ އެކްޓަރަކަށް ކަން،" ދަރްޝީލް ބުންޏެވެ.

ދަރްޝީލް މިހާރު ވެސް އަންނަނީ ޑައިރެކްޓަރު އަބީޝެކް ޕަޓްނައިކްގެ ޕްލޭ އެއްގައި މަސައްކަތް ކުރަމުންނެވެ.

ބޮލީވުޑަށް އަލުން ނުކުތުމާ ގުޅޭގޮތުން ސުވާލު ކުރުމުން ދަރްޝީލް ބުނީ ބޮލީވުޑުން ކުރިއަށް ދާން ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް އަދި މާ އަވަސް އަރުވާލައިގެން ފިލްމެއްގެ މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފިލްމު "ތާރޭ ޒަމީން ޕަރް" ގެ މަންޒަރެއް ---

"އަހަރެންނަށް އަދި އެންމެ 19 އަހަރު. ބޭނުމެއް ނޫން ލޯބި ވެގެން އުޅޭ ޒުވާން ފިރިހެން ކުއްޖެއްގެ ރޯލުން އަލުން ބޮލީވުޑަށް ތައާރަފުވާކަށް. ބޭނުން ވަނީ "ތާރޭ ޒަމީން ޕަރް" ކަހަލަ ރަނގަޅު ފިލްމަކުން އަނެއްކާ ވެސް ތައާރަފު ވާން،" އޭނާ ބުންޏެވެ.