12 Sep 2016, 07:52
ލިއޮނަލް މެސީއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ އަޅައިކިޔޭވަރަށް ވުރެ މާ މޮޅު ކުޅުންތެރިއެއްކަމަށް ބުނެ، ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ކުރި ކޮމެންޓަކަށް ރޮނާލްޑޯ ރައްދު ދީފިއެވެ.
ރެއާލް މެޑްރިޑްގެ ސުޕަރސްޓަރ ރޮނާލްޑޯއާ ގުޅޭ ގޮތުން މިދިޔަ ހަފްތާގައި ޒަވީ ބުނެފައި ވަނީ، ރޮނާލްޑޯއަކީ ''އެކްސްޓްރާއޯޑިނެރީ'' ކުޅުންތެރިއެއް ނަމަވެސް އޭނާއާ މެސީއާ އަޅައިނުކިޔޭނެ ކަމަށެވެ. ސަބަބަކީ އާޖެންޓީނާ އަދި ބާސާގެ ތަރި މެސީއަކީ، ރޮނާލްޑޯއާ އަޅައިކިޔާއިރު މާ ބޮޑަށް ވެސް މޮޅު، މުޅިން އެހެން ލެވެލްއެއްގެ ކުޅުންތެރިއެއް ކަމަށެވެ.
އުމުރުން 36 އަހަރުގެ ޒަވީ ދެއްކި ވާހަކައިން ރޮނާލްޑޯއަށް މާބޮޑު ހައިރާންކަމެއް ނުލިބުނެވެ. އަދި އޭނާ ބުނީ، ތިމަންނައާ ޒަވީއާ ދެމީހުންގެ ޓްރޮފީ ހަރުގަނޑަށް ބަލައިލުމުން ވެސް ޒަވީގެ މަގުސަދު އެނގޭ ކަމަށާއި، ޒަވީ އެފަދަ ވާހަކައެއް ދެއްކީ ''ހެޑްލައިން''އިން ޖާގަ ހޯދުމަށް ކަމަށެވެ.
"އެންމެނަށްވެސް އެނގޭ ނޫސްތަކުގެ ފުރަތަމަ ސަފްހާއިން ޖާގަ ހޯދަން ބޭނުން މީހަކު ވެއްޖިއްޔާ އަހަރެންގެ ވާހަކަން ދައްކާނީ،" ނޫސްވެރީންނާ ވާހަކަދައްކަމުން ރޮނާލްޑޯ ބުންޏެވެ.
"ޒަވީއަށް ނެތް މިހާތަނަށް އެންމެ ފަހަރަކުވެސް ބެލޮންޑިއޯ ހޯދިފައެއް. އަހަރެން ވާނީ ތިން ފަހަރު އެ އެވޯޑް ހޯދާފައި."

މޮނާކޯ، 25 އޯގަސްޓް 2011: ކްރިސްޓިއާނޯ ރޮނާލްޑޯ (ވ)، ޒަވީ ހެނާންޑޭޒް (މ)، ލިއޮނަލް މެސީ (ކ) -- ފޮޓޯ: ނިއުސްވީކް
ޒަވީ ފަހުން ބުނެފައި ވަނީ، އޭނާ ރޮނާލްޑޯއާ ގުޅޭ ގޮތުން ދެއްކި ވާހަކަތައް ސްޕެއިންގެ މީޑިއާއިން ގެނެސްދީފައި ވަނީ، އޮޅުވާލައިގެން ކަމަށާއި ރޮނާލްޑޯއަށް ފުރައްސާރަ ކުރާފަދަ ވާހަކައެއް އޭނާ ނުބުނާ ކަމަށެވެ. އަދި ރޮނާލްޑޯއާ މެސީއަކީ ފިޒިކަލީ ގޮތުން ހަމަހަމަ ދެކުޅުންތެރީން ނަމަވެސް، ޓީމްވޯކަށް ބަލާއިރު، މެސީ މާބޮޑަށް ފާހަގަކުރެވޭކަމަށް އޭނާ ބުނެފައި ވާނޭކަމަށެވެ.
ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު އޮސަސޫނާއާ ދެކޮޅަށް ކުޅެ 5-2 ލަނޑުން ރެއާލް މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.
"މިހާރު އަހަރެން ފިޒިކަލީ ގޮތުން ރަނގަޅަށް ފިޓް. އެއްވެސް މައްސަލައެއް ނެތި 90 މިނިޓްވަންދެން ކުޅެވޭނެ،" ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރެފައި ކުޅެން އެރުމުން ބައެއް ފަހަރު އަދިވެސް ކުޑަކޮށް ޖެހިލުން ވާކަން ފާޙަގަކުރަމުން ރެއާލްގެ ޕޯޗްގީޒް ތަރި ބުންޏެވެ.
"ރަނގަޅު ރިދަމެއްގައި އަހަންނަށް މިހާރު ކުޅެވޭ، ލަނޑު ޖެހޭ އަދި ހިތްހަމަޖެހޭ. ހުރިހާ ކަމެއްވެސް ބަރާބަރު."
ރޮނާލްޑޯވަނީ އޭނާ ރެއާލްއާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކައިފައެވެ. އެގޮތުން އޭނާ ބުނީ، ތިމަންނައަކީ ރެއާލްގެ ރައީސް ނަމަ އެއްބަސްވުން އާކުރަން ކުޑަކޮށްވެސް ފަސް ނުޖެހޭނޭ ކަމަށެވެ.
"އަހަންނަކީ ކްލަބުގެ ޕްރެޒިޑެންޓް ނަމަ، އަހަރެންގެ ކޮންޓްރެކްޓް އިތުރު 10 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކުރާނަން،" ރޮނާލްޑޯ ބުންޏެވެ.
މިހާރު އުމުރުން 31 އަހަރުގެ ޕޯޗްގީޒް ތަރި، ރެއާލްއާއެކު ވެފައިވާ އެއްބަސްވުން 2018 ވަނަ އަހަރު ނިމުމަކަށް އަންނާނެއެވެ.