12 Sep 2016, 00:01
ކ. ދިއްފުށީ ޒުވާނުން އިސްނަގައިގެން އަޟްހާ އީދު ފާހަގަކުރުމަށް އެ ރަށުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
އީދުގެ ފުރަތަމަ ދުވަހު ދިއްފުށީގައި އީދު ފާހަގަކުރުމަށް ފަސް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، އީދު ނަމާދަށްފަހު އެ ރަށު ސްކޫލުގައި ސަޔެއް ހަމަޖެއްސުމަށް ނިންމާފައިވެ އެވެ.
ކ. ދިއްފުށީ އީދު ކުޅިވަރުގެ ތައްޔާރީތަކުގެ ތެރެއިން ---
ހެނދުނު ކުރިއަށްގެންދާ ފެންކުޅީގެ ހަރަކާތަށް ފަހު، އެ ދުވަހުގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދަފި ނެގުމުގެ ހަރަކާތެވެ. އެއަށްފަހު އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މިއުޒިކް ޝޯވ އެވެ. އީދުގެ ފުރަތަމަ ދުވަހުގެ ރޭ ބާއްވާ މިއުޒިކް ޝޯވގައި މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީގެ ހަރަކާތްތަކެއް ފެނިގެންދާނެ އެވެ.
އީދުގެ ދެވަނަ ދުވަހު ދެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. އެ ދުވަހު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެ ރޭ މިއުޒިކް ޝޯވ ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. އެ ޝޯވ ގައި ބިދަބިން ބޮޑުބެރު ގްރޫޕްގެ ހަރަކާތްތައް ފެނިގެންދާނެ އެވެ.
ކ. ދިއްފުށީ އީދު ކުޅިވަރުގެ ތައްޔާރީތަކުގެ ތެރެއިން ---
އީދުގެ ތިން ވަނަ ދުވަހުގެ ހަރަކާތްތައް ފެށިގެންދަނީ ވޯޓާ ސްޕޯޓްސްގެ ހަރަކާތުންނެވެ. އެ ދުވަހުގެ މެންދުރު ފަހު ކުރިއަށްގެންދާ އެ ހަރަކާތަށްފަހު އެ ދުވަހުގެ އެންމެ ތަފާތު ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެއީ ފިރިހެނުންގެ މެދުގައި ބަށި މެޗެކެވެ. އެ މެޗުގެ އިތުރުން އަންހެން ވެޓެރެންސް ބަށި މެޗަކާއި އަންހެން ޒަމާނީ ބަށި މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހަފައިވާ ހަރަކާތަކީ ބޮޑުމަސް ބޭނުމާއި އީދު ފޯރި ސްޕޯޓްސް ފެސްޓިވަލެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ހަރަކާތްތައް ފެށިގެންދަނީ ހަވީރު ކުޅޭ އަންހެނުންގެ ފުޓްބޯޅަ މުބާރާތަކުންނެވެ. އޭގެ އިތުރުން އެ ދުވަހުގެ ހަވީރު އީދު ފޯރި މަސް ރޭސް ދިއްފުށީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. އެ ދުވަހުގެ ރޭ މަސް ރޭސް ބާބަކިއު އާއެކު ސްޓޭޖް އިވެންޓުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
ކ. ދިއްފުށީ އީދު ކުޅިވަރުގެ ތައްޔާރީތަކުގެ ތެރެއިން ---
ހުކުރު ދުވަހުގެ ހަވީރު ފިރިހެނުންގެ ވެޓެރަންސް ފުޓްބޯޅަ މެޗާއި ބުރާސްފަތި ދުވަހު ފެށޭ އަންހެނުންގެ ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެ ދުވަހުގެ ރޭ މިއުޒިކް ޝޯވް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެ ޝޯވް ގައި މަރިޔަމް އައްޒަ އާއި އިސްމާއިލް ޖުމައިހް (ޖުމާ)ގެ ހަރަކާތްތައް ފެނިގެންދާނެ އެވެ.
ހޮނިހިރު ދުވަހު ދިއްފުށީގެ އީދު ކުޅިވަރުގެ ހަރަކާތްތައް ނިމިގެންދަނީ ވެސް ތަފާތު ކަމަކާއެކު އެވެ. އެ ދުވަހު ހަވީރު ކުރިއަށްދާ އެ ހަރަކާތަކީ ބަންގްލަދޭޝްގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެ ރަށުގައި ބާއްވާ ފުޓްބޯޅަ މެޗެވެ.