އިނގިރޭސި ޕްރިމިއާ ލީގުގައި ސްވަންސީ ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ސްވަންސީގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. އެ މެޗުގެ ކުރިން ލީގުގައި ޗެލްސީން ކުޅުނު ތިން މެޗުން މޮޅުވެފައިވާ އިރު، ސްވަންސީން ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން ވަނީ މޮޅުވެފައެވެ.

ޕްރިމިއާ ލީގުގެ އެއް ވަނަގައި އޮތް މެންޗެސްޓާ ސިޓީއަށް، ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ޗެލްސީ އަށް ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ސްވަންސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން --- ފޮޓޯ: ގެޓީ

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ސްވަންސީ އަށް މާ ބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަން އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ވިލިއަން އުފެއްދި އެ ހަމަލާ ސްވަންސީގެ ޕޮލެންޑް ގޯލްކީޕަރު ލޫކަސް ފަބިއަންސްކީ ވަނީ މަތަކޮށްފައެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ބްރެޒިލް މިޑްފީލްޑަރު އޮސްކާ ދިން ބޯޅައަކުން ޗެލްސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިއެގޯ ކޮސްޓާ އެވެ. އޭނާ އަށް ލިބުނު ބޯޅައިން އުފެއްދި ހަމަލާ އަމާޒުވެފައިވަނީ ސްވަންސީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ޗެލްސީގެ ކޮސްޓާ އަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ސްވަންސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ، ކޮސްޓާ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ސްވަންސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން --- ފޮޓޯ: ގެޓީ

މެޗުގެ 59 ވަނަ މިނެޓުގައި ސްވަންސީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސްވަންސީން އެ ލަނޑު ކާމިޔާބުކޮށްފައިވަނީ ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގިލްފީ ސިގާޑްސަން އަށް ކީޕަރު ތިބައުޓް ކޯޓުވާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ސްވަންސީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސިގާޑްސަން އެވެ.

ސްވަންސީން ނަތީޖާ ހަމަހަމަކުރިތާ ތިން މިނެޓް ފަހުން އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޗެލްސީގެ ޑިފެންޑަރު ގޭރީ ކޭހިލް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސްވަންސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލެރޯއީ ފާ އެވެ.

ޗެލްސީއަށް ނަތީޖާ ހަމަހަމަ ކުރެވުނީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށެވެ. ސްވަންސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކޮސްޓާ އެވެ.