02 Jun 2011, 16:10
ކ. ތުނބަފަޅުގައި ގާނޫނާ ހިލާފަށް މަސައްކަތްކޮށް އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްދީފައިވާ ކަމަށް ބުނެ ޗަމްޕާ މުހައްމަދު މޫސާ 100،000،000ރ. އިން ޖޫރިމަނާކުރުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ން ނިންމައިފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އަދި އެ ރަށް ކުއްޔަށް ދިނުމުގެ އެގްރިމެންޓާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ޗަމްޕާ މޫސާ (އުއްޗު) ނިންމަވައިފި އެވެ.
ޗަމްޕާގެ ވަކީލަކަށް ހަމަޖައްސަވާފައި ވަނީ މަޝްހޫރު ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާ ވަނީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އުއްޗުގެ ފަރާތުން ބަޔާނެއް ދެއްވައިފަ އެވެ.
އެ ބަޔާނުގައި އުއްޗު ވިދާޅުވެފައިވާ ގޮތުގައި، އޭނާ ކޯޓަށް މައްސަލަ ވައްދަން ނިންމެވީ އީޕީއޭން ޖޫރިމަނާކުރުމަށް ނިންމައިފައި ވަނީ ގާނޫނު އަސާސީއާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާއި އަދި ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމުގައި ނުވާތީ ކަމަށެވެ.
އަދި ތުނބަފަޅުގައި ގާނޫނާ ހިލާފަށް މަސައްކަތްކޮށް އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްދީ އިއާދަ ނުކުރެވޭނެ ވަރުގެ ބޮޑެތި ބަދަލުތަކެއް އެފަޅުގެ ގުދްރަތީ ވެއްޓަށް ކޮށްފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައިވާ ވާހަކަތަކަށް ރައްދުދެމުން އެ ބަޔާނުގައި ބުނެފައި ވަނީ، 1999 ވަނަ އަހަރު ސިނާއީ ބައެއް މަސައްކަތްކުރުމަށް ސަރުކާރުން ދިން ތުނއްބަފުށީގެ އެގްރިމެންޓް 2006 ގައި، އަހަރަކު 100،000ރ. އަށް 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް އެއްބަސްވެ، އެގްރިމެންޓް އާކޮށްދީފައި ވަނީ ތުނބައްފަޅުގައި ގާނޫނާ ހިލާފަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ނުފެންނާތީ ކަމަށެވެ.
އަދި 2007 ވަނަ އަހަރު ނިންމާލައިފައިވާ ތުނބަފުށި އިތުރަށް ހިއްކުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ "ތިމާވެއްޓަށް ލިބޭ ގެއްލުން އެންމެ ކުޑަކުރުމަށްޓަކައި، ބޭނުންވާ ސަލާމަތީ ފިޔަވަޅުތައް ބެސްޓް ޕްރެކްޓިސަސް އާއެއްގޮތްވާ ގޮތުގެ މަތިން" ކަމަށް ވެސް އޭނޭ ވިދާޅުވެފައިވެ އެވެ.
އެ ބަޔާނުގައި އުއްޗު ވިދާޅުވާ ގޮތުގައި، 2007، 2009 އަދި މިއަހަރުގެ މާޗު މަހު އެންވާރަމެންޓްގެ ސާވޭ ޓީމުން ތުނބަފުއްޓަށް ގޮސް ކުރި ސާވޭގެ ރިޕޯޓު ވެސް ދައްކާފައިނުވާ ކަމަށާއި އަދި އެ ސާވޭ އަށް ޖަވާބު ދިނުމަށް ފުރުސަތެއް ވެސް ދީފައިވާ ނުވާ ކަމަށެވެ.
މީގެ އިތުރުން، މިއަހަރު ނެރެފައިވާ "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދު"ގެ ދަށުން އެ ޖޫރިމަނާގެ އަދަދު ކަނޑައަޅާފައިވާ އިރު، އެ ގަވައިދު ވޫޖޫދަށް އައުމުގެ ކުރިން ހިނގައިފަވާ ކަމެއްގައި ނެގިދާނެ ކަމާ މެދުވެސް އުއްޗުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ސުވާލު އުފައްދައިފަ އެވެ.
އާޒިމާ ވިދާޅުވީ، އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި ފާހަގަކުރެވޭ މައިގަނޑު ދެތިން ނުކުތާއެއް އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެން މި ފާހަގަކުރީ މިދެންނެވި ސާވޭ ރިޕޯޓް ކޮށްފައި ވަނީ އެއް ފަރާތުން ކަމާއި މިފަދަ ނިންމެވުމެއް ނިންމެވިއިރު ދެ ފަރާތުގެ ބަހެއް ނޫނީ ޖަވާބުދާރީ ވުމުގެ ފުރުސަތެއް ]އުއްޗުއަށް[ ލިބިފައިނުވާ ކަމާއި އަދި ހަމަ މިދެންނެވި ފަދައިން މައްސަލާގައި ޖޫރިމަނާ ކުރައްވާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެކުލަވާލައިފައިވާ ގަވައިދެއްގެ ދަށުން ކަމަށްވާތީ، މީގައި ގާނޫނީ ބޮޑެތި މައްސަލަތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ އިތުރަށް ވިދާޅުވީ، މިއަދު މެންދުރު 2 ޖެހުމާ ހަމައަށް ވެސް އީޕީއޭން ރަސްމީކޮށް ޖޫރިމަނާކުރި ކަމުގެ ލިޔުން ފޮނުވާފައިނުވާ ކަމަށާއި ކޯޓަށް މައްސަލަ ވައްދާނީ އެ ލިޔެކިތުންތައް ލިބި، އަދި އީޕީއޭން ދައުވާ ކުރަނީ ކޮން ކަންތައްތަކެއްކަން ސާފުކޮށް އެނގުމުން ކަމަށެވެ.
މިއަދުގެ ޕްރެސްކޮންފަރެންސްގައި ބައިވެރިވި ތިމާވެށީގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ޑރ. އަހުމަދު ޝާއިގު ވިދާޅުވީ، ތުނބަފުށީގެ ގެއްލުމަކީ "އެހެންތަންތަނުގައި ވެސް ހުރި ޑެމޭޖް ]ގެއްލުން[" ކަމަށެވެ. އަދި ކުޑަބޮޑުމިނުން ބަލާއިރު، ހުޅުމާލެ އަދި ތިލަފަޅު ހިއްކުމުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުން މާ ބޮޑުވާނެ ކަމަށާއި ތުއްބައްފުއްޓަށް ލިބިފައިވާ ގެއްލުން އެއްވަރުވާނީ ރަށެއްގެ ބަނދަރު ހެދުމުން ތިމާވެއްޓަށް ލިބޭ ގެއްލުމާ ކަމަށެވެ.
މީގެ އިތުރުން، 100 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އެ ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި ކަނޑައަޅައިފައިވާއިރު އެ އަދަދު ހޯދުމަށް އީޕީއޭން ހަދައިފައިވާ ދިރާސާއާ މެދު ޓެކްނިކަލީ ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އަދި އެފަދަ ދިރާސާއެއް ފުރިހަމަ އަށް ހެދުމުގެ ގާބިލުކަން ރާއްޖޭގެ ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީޕީއޭ އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ތުނބަފުއްޓާއި އެ ރަށް ހިމެނޭ ފަޅު ސާވޭކޮށް ބަލާފައިވާ ކަމަށާއި ތުނބަފަޅުގައި ބިން ހިއްކާފައިވުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުމުގެ ގޮތުގައި 2،730،293،566ރ. އަރާ ކަމަށެވެ. ނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމުން އެ އަދަދުން މުހައްމަދު މޫސާ ޖޫރިމަނާ ކުރީ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.