05 May 2010, 10:14
14:30
އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް މެދުކެނޑި، އޭޑީކޭ ހޮސްޕިޓަލަށް ބާރު ބޮޑުވާން ފަށައިފި އެވެ.
އައިޖީއެމްއެޗަށް ބޭނުންވާ ބޭހުގެ ބައެއް ބާވަތްތަކާ ލެބޯޓްރީއަށް ބޭނުންވާ ބައެއް ތަކެތި ނުލިބި ބައެއް ޓެސްޓްތައް އެ ހޮސްޕިޓަލުން ހެދެން ނެތުމާއި، އަދި ކުޑަކުދިންގެ އޯޕީޑީ މެދު ކަނޑާލުމާއި ގުޅިގެން ދެން އެންމެ ފުޅާކޮށް އާންމުންނަށް ޚިދުމަތް ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލަށް މިދުވަސްކޮޅު ވަނީ ވަރަށް ބާރު ބޮޑުވެފަ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އައްފާލް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ ފަރާތްތައް އިތުރުވެ، ހޮސްޕިޓަލަށް މިދުވަސްކޮޅު ވަރަށް ބޮޑަށް ލޯޑު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ އެނދުތައް ފުރި އެނދެއް ހުސްވަންދެން، އެޑްމިޓްވާން ތިބޭ މީހުން ކިޔޫގައި މަޑުކުރަން ޖެހިފައިވާ ކަމަށްވެސް އައްފާލް ވިދާޅުވި. އަދި ބައެއް ފަހަރު ވިހައިގެން އޮންނަ މީހާއަށް އެނދެއް ނުލިބިގެން ލޭބަރ ރޫމްގައި ނުނެރެވި އޮންނަން ޖެހިފައިވާ ކަމަށްވެސް އައްފާލް ވިދާޅުވި އެވެ. އައްފާލް ވިދާޅުވީ އެ ހޮސްޕިޓަލަށް އެހާ ބާރުބޮޑުވާން ދިމާވި ސަބަބެއް ކަމަށް ބެލެވެނީ އޭޑީކޭއިން ދެމުން އަންނަ ޚިދުމަތުގެ ފެންވަރު ރަނގަޅުވެފައި އާންމުންނަށް އަތްފޯރާ އަގުގައި ޚިދުމަތް ދެވެމުންދާތީ ކަމަށެވެ. އަދި އައިޖީއެމް ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް މެދު ކެނޑުން އެއީ ވެސް ސަބަބެއް ކަމަށް ބެލެވޭ ކަމަށް އައްފާލް ވިދާޅުވި އެވެ.
އައްފާލް އިތުރަށް ވިދާޅުވީ އެހޮސްޕިޓަލް ހިންގުމުގައި އެންމެ ބޮޑު ދައްޗަކީ އެކަށީގެންވާ ރަނގަޅު ޑޮކްޓަރުން ނުލިބުމާއި ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން އިންޑިޔާއިން ޑޮކްޓަރުންގެ މުސާރަ ބޮޑުކުރުމާއި ގުޅިގެން ޑޮކްޓަރުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އައްފާލް ވިދާޅުވި އެވެ. އިންޑިޔާއިން ޑޮކްޓަރުންނަށް ދެމުން އަންނަ މުސާރަ ބޮޑުކުރުމާއި ގުޅިގެން ޑޮކަޓަރުން ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ ޒުބައިރު މުހައްމަދު ވެސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އައްފާލް ވިދާޅުވީ މިއަހަރުގެ ތެރޭ އޭޑީކޭ ހޮސްޕިޓަލުގެ އާ އިމާރާތުން ޚިދުމަތް ދޭން ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އާ އިމާރާތުން ޚިދުމަތް ދޭން ފެށުމުން ޖާގަ ބޮޑުވެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށެވެ.