ކާބަފައިން މުޖުތަމައުއާ ހަމައަށް ވާރުތަ ކޮށްދިން ކަންތައްތަކާ ވިސްނާއި ފިކުރުކޮށް، ކާބަފައިން ގެނެސްދިން ރީތި އާދަކާދަ އާއި ރީތި އުޅުންތެރިކަން މުޖުތަމައުގައި އަށަގަންނުވަން އަޒުމް ކަނޑައަޅަންޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަޟްހާ އީދުގެ ތަހުނިޔާގެ ބަޔާނުގައި ސިޔާމް ވިދާޅުވީ، އީދުތައް ބައްދަލުވާ ހިނދު އިހްސާސް ވަނީ މި ފަދަ ދުވަސްތަކުން އެއްބައިވަންތަކަން ގެނެސް އެއްހަށިގަނޑަކުން ގުޅުވާލާފައިވާ ވަރުގަދަ ގުޅުމުގެ އަސާސްތައް ކަމަށެވެ.

ނަމަވެސް އެއްބައިވަންތަ ގުޅުން މުޖުތަމައުގެ މިއަދު ނެތި ފަރުދުންގެ މެދުގައި ފަސާދަ އިތުރުވަމުންދާތީ ހިތާމަކުރަންޖެހޭ ކަމަށް ސިޔާމް ވިދާޅުވެފައިވެ އެވެ.

އެންމެން މިއަދު މަސައްކަތްކުރަންވީ އެއް ރޫހެއްގައި ތެދުވެ މާޒީގެ ތެރެއިން މިފަދަ އީދުތަކުގައި ދަސްކޮށްދީފައިވާ ރީތި އަހުލާގީ ފޭރާން އަލުންވިޔެ އެ ފޭރާމުގައި ޒީނަތްވެ ތިބުމަށް ކަމަށް ސިޔާމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"އަޅުނގަޑުމެން މިއަދު އަޒުމް ކަނޑައަޅަންވީ އެކަކު އަނެކަކަށް ދޭންޖެހޭ އިހްތިރާމާއި ގަދަރު އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންދީގެން މި ގައުމުގެ އެއްބައި ވަންތަ ސަފުގެ ތެރެއަށް ނުރައްކާތެރި އެއްވެސް ވިހައެއްގެ އަސަރު ފޯރިއަނުދިނުމަށް ކުރެވެންހުރި މަސައްކަތްތަކެއް ކުރުމުގެ މަތިވެރި އަޒުމެވެ،" ސިޔާމްގެ ތަހުނިޔާ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ސިޔާމްގެ ބަޔާނުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމުގެ އިތުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި އެމްޑީއޭގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށާއި އެމްޑީއޭގެ މެމްބަރުންނަށް އަޟްހާ އީދުގެ ތަހުނިޔާ ފޮނުއްވާފައިވެ އެވެ.