ރަށްރަށަށް އަންނަ އެންމެ ބޮޑު އީދު މިއޮތީ އައިސް ޖެހިފަ އެވެ. އެތައް ބަޔަކު އީދަށް ރަށްރަށަށް ފުރައިގެން ގޮސްފި އެވެ. އީދުގެ ކުލަތައް ކޮންމެ ރަށެއްގައިވެސް އެހާމެ ގިނަ އެވެ. ފޯރިގަދަ ވެފައި ފުރިހަމަ އެވެ.

ދ. ކުޑަހުވަދޫ އަށް ބަލާއިރުވެސް އީދު ކުޅިވަރުތައް މިރެއިން ފެށިގެން މިވަނީ މެކުހަށް ޖަހާފަ އެވެ. ފެނަކަ ކޯޕަރޭޝަނާއި ކުޑަހުވަދޫ ކައުންސިލުން އިސްނަގައިގެން އެރަށުގައި ދަނީ ތަފާތު ހަރަކާތްތަކެއް ހިންގުމަށް ރާވަފައެވެ. ކުޑައެއް ބޮޑެއް އަންހެނެއް ފިރިހެނެއް، ވަކިނުކޮށެވެ.

ފާހަގަކޮށްލެވޭ ކަމަކީ އެރަށުގައި އުޅޭ ބިދޭސީންނަށް ވެސް ހާއްސަ ހަރަކާތްތަކެއް އީދާ ގުޅިގެން ރާވަފައިވާ ކަމަށެވެ. އެގޮތުން ބިދޭސީންގެ ތެރޭގައި މަޝްހޫރު ކުޅިވަރެއް ކަމަށްވާ ކަބައްޑީގެ މުބާރާތެއް ވަނީ ރާވާފައެވެ.

"ބިދޭސީންނަކީ އަބަދުވެސް ހުރިހާކަމެއްގައި ވެސް ވަރަށް އެހީތެރިވާ ބައެއް. ބައެއް ފަހަރު އީދުގައި އެމީހުން ވަކިން އެބައުޅޭ. އެމީހުންނަށް ހާއްސަ ހަރަކާތްތަކެއް ނެތުމުން. އެގޮތުން އެމީހުންނަށް ހާއްސަ ކަބައްޑި މުބާރާތެއް ވަނީ ބާއްވަން ނިންމާފައި،" ކުޑަހުވަދޫގައި ކުރިއަށްދާ އީދު ހަރަކާތްތަކާ ގުޅޭގޮތުން ފެނަކަ ދ. ރީޖަންގެ މެނޭޖަރު އަލި ޝަކީބު ސަން އަށް ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ކުރިއަށްދާ އީދު ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ---

އޭނާ ވިދާޅުވީ، ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުން އަންނަ ކުޑަހުވަދޫގައި ބިދޭސީންނަށް ހާއްސަކޮށްގެން ބާއްވާ ކަބައްޑި މުބާރާތުގައި މިފަހަރު ދެ ޓީމު ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް ތަރުހީބު ބޮޑު ކަމަށެވެ.

ކުޑަހުވަދޫގައި މިރޭ ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި މަގުމަތީ ބާޒާރެއްގެ އިތުރުން 25 އަހަރު ކުރިން ރާއްޖޭގައި ކުޅުނު ސަގާފީ ކުޅިވަރެއް ކަމަށްވާ، "ނަގިލި ނެގުން" މާއި ބޮޑު މަސް ބޭނުމާއި މާލި ނެށުން ފަދަ ސަގާފީ ކުޅިވަރުތަކެއް ކުރިއަށް އޮތް ތިން ދުވަހަށް ވަނީ ރާވާފައެވެ.

އަދި އަންހެން ފިރިހެން ވާދެމުގެ މުބާރާތެއް މިރެއާ މާދަމާ ކުރިއަށްދާއިރު އުޟުހިއްޔާ ކަތިލުމާއި މާދަމާގެ ހަވީރު ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކަކާއެކު ފެއާއެއް ބޭއްވުމަށް ވަނީ ރާވަފައެވެ.

ޝަކީބު ވިދާޅުވި ގޮތުގައި، ބޮޑު އީދާ ދިމާކޮށް އެރަށަށް ގާތްގަނޑަކަށް 800 މީހުން އައިސްފައިވާ ކަމަށެވެ.