11 Sep 2016, 21:14
މާލޭގެ ބާޒާރުގައި ދިވެހި ކުކުޅެއްގެ އަގު 400 ރުފިޔާއަށް ވުރެ މައްޗަށް އަރައިފިއެވެ.
މާދަމާ އީދު ފާހަގަ ކުރާއިރު ކެއުމުގައި ކޮންމެހެން ހިމަނާ އެއްބާވަތްކަމަށްވާ ކުކުޅުގެ އަގުތަކަށް ބަލާއިރު ބާޒާރުގައި ދިވެހި ކުކުޅު ޖޯޑެއް 1000 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. ހާލެއް ވަކިން 600 ރުފިޔާއަށް ވިއްކާއިރު ކުކުޅެއް ވަކިން ވިއްކަނީ 400 ރުފިޔާއަށެވެ.
އެހެން އަހަރުތަކަށް ބަލާއިރު އީދު ދުވަހު ހާލެއް ވިއްކާފައި ވަނީ 900 ރުފިޔާ އާއި 1000 އާއި ދެމެދުގެ އަގުތަކެއްގައެވެ. ކުކުޅެއް ވިއްކާފައި ވަނީ 800 ރުފިޔާ އާއި 900 ރުފިޔާ އާއި ދެމެދުގައެވެ.
ފިނިކުރި ކުކުޅުގެ އަގުތަކަށް ބަލާއިރު ކުކުޅު ކިލޯއެއް އުޅެނީ 45 ރުފިޔާއަށެވެ. އަދި 1200 ގުރާމް ކުކުޅެއް 54 ރުފިޔާއަށް ވިއްކާއިރު 900 ގުރާމް ކުކުޅެއް ވިއްކަނީ 40 ރުފިޔާއަށެވެ.
ބާޒާރުގައި 100 ގުރާމް މިރުސް 25 ރުފިޔާއާއި 40 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގައި ހުރިއިރު ލުނބޯ ކިލޯއެއް އުޅެނީ 40 ރުފިޔާއާއި 50 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގައެވެ. ކެބެޖް ކިލޯއެއް 50 ރުފިޔާއަށް އުޅޭއިރު ކިއުކަމްބާ ކިލޯއެއް އުޅެނީ 40 ރުފިޔާއަށެވެ. ޓޮމާޓޯ ކިލޯއެއް 30 ރުފިޔާއަށް އުޅޭއިރު ބީންސް ކިލޯއެއް އުޅެނީ 65 ރުފިޔާއަށެވެ.
ކެޕްސިކަމް ކިލޯއެއް 60 ރުފިޔާއަށް އުޅޭއިރު ލީކްސް ކިލޯއެއް އުޅެނީ 65 ރުފިޔާއަށެވެ. އަދި ކެރޮޓް ކިލޯއެއް 22 ރުފިޔާއަށް އުޅޭއިރު ފިޔާ އަދި އަލުވި ކިލޯއެއް އުޅެނީ 12 ރުފިޔާއަށެވެ.