11 Sep 2016, 19:34
ސަރުކާރަށް ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވިކަމުގައިވިޔަސް އަދި ރާއްޖޭގެ އަގު ވައްޓާލުމަށް ކިތަންމެ މަސައްކަތްތަކެއް ކުރި ކަމުގައިވިޔަސް، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ސަރުކާރުން ހިންގަމުން ގެންދާ އެއްވެސް މަޝްރޫއަކަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ބަރަކާތްތެރި އަޟުހާ އީދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ ސަރުކާރުން އަމާޒު ހިފާފައި ވަނީ، ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދިނުމުގެ މައްޗަށް ކަމަށެވެ. އެގޮތުން ވައުދުތައް ފުއްދައިދިނުމަށާއި، ރައްޔިތުންގެ ލުއިފަސޭހައަށް ސަރުކާރުން މި ކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސް ޔާމީންގެ ތަހުނިޔާގެ މެސެޖުގައި ވަނީ ވިދާޅުވެފަ އެވެ.
"އެހެންކަމުން، ސަރުކާރަށް ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވިކަމުގައިވިޔަސް އަދި ރާއްޖޭގެ އަގު ވައްޓާލުމަށް ކިތަންމެ މަސައްކަތްތަކެއް ކުރި ކަމުގައިވިޔަސް، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ސަރުކާރުން ހިންގަމުން ގެންދާ އެއްވެސް މަޝްރޫއަކަށް އިރާދަކުރެއްވިއްޔާ އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުސަތުގައިވެސް ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ." ރައީސް ޔާމީންގެ މެސެޖުގައި ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ ތަހުނިޔާ މެސެޖުގައި ވަނީ ރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރަށް އެކި ފިއްތުންތައް ކުރިމަތި ކުރުވައި، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރައިގެން ރާއްޖެ ބަދުނާމު ކުރުމުގެ މަސައްކަތްތަކެއް ބޭރުގެ އެކިފަރާތްތަކާ ގުޅިގެން ދިވެހިންގެ މަދު ބަޔަކު ކުރަމުންގެންދާކަން ފާހަގަކުރައްވާފަ އެވެ. އެކަމުގެ ސަބަބުން ރާއްޖެއަށާއި ރާއްޖޭގެ އިގްތިސާދަށާއި ރާއްޖޭގެ ރައްޔިތުންނަށް ހީނުކުރާފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުމަކީ، ދުރުގައި އޮތް ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީންގެ ތަހުނިޔާ މެސެޖުގައި ވިދާޅުވި އެވެ.
"މިފަދަ އަމަލުތަކަކީ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އެއްބައިވަންތަކަމުގެ ގުޅުމަށް ބުރޫ އަރައި، ޤައުމުގެ މަސްލަހަތު ގެއްލިގެންދާނެ ކަންކަންވެސް މެއެވެ" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ އްޖޭގެ އެންމެހައި ލޮބުވެތި އުހުތުންނަށާއި އަހުންނަށާއި ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި އެންމެހައި އަހުންނާއި އުހުތުންނަށް އީދުގެ ތަހުނިޔާ އަރިސްކުރައްވާފަ އެވެ.