މަޑުއްވަރީން: ފާތިމަތު ސައީދު

ރ މަޑުއްވަރީގައި ރައްޔިތުންގެ ބަޖެޓުން 70،000 ރުފިޔާ ހަރަދުކޮށްގެން އީދު ފާހަގަ ކުރުމަށް ތައްޔާރީތައް ވާން ފަށައިފި އެވެ.

ހަނިމާދޫގެ އަމިއްލަ ކްލަބަކުން އިންތިޒާމްކޮށްގެން އީދު ފާހަގަ ކުރުމަށް ބާއްވާ ކުޅިވަރުތަކަށް ރައްޔިތުންގެ ބަޖެޓުން 8،750،00 ރުފިޔާ ހަރަދު ކުރަން ނިންމުމުން އެކަން އޭސީސީއިން ވަނީ ހުއްޓުވާފަ އެވެ.

މަޑުއްވަރީ ކައުންސިލުގެ މެމްބަރަކު ވިދާޅުވީ ރައްޔިތުންގެ ބަޖެޓުން ފައިސާ ހަރަދުކޮށްގެން އީދު ފާހަގަކުރުމަށް ނިންމީ އީދު ކޮމިޓީގެ ނަމުގައި ރައްޔިތުންގެ ތެރެއިން ނެގި 30 މީހުންގެ ކޮމިޓީގެ އަގުލަބިއްޔަތުން އެގޮތަށް ފާސްވުމުން ކަމަށެވެ.

މަޑުއްވަރީ ކައުންސިލުގެ ރައީސް ހަސަން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ބަޖެޓުން ފައިސާ ހަރަދު ކުރަނީ އީދު ދުވަހު ބާއްވާ ކުޑަކުދިންގެ ހަވީރާއި، ސްޓޭޖް ޝޯ އަދި ސަގާފީ ކުޅިވަރުތަކަށް ކަމަށެވެ. އަދި 70،000 ރުފިޔާ އަކީ ނިސްބަތުން ބަލާއިރު ބޮޑު އަދަދެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީ އަދި ކަމާ ގުޅުން ހުރި ބައެއް މުއައްސަސާތަކުގެ ލަފަޔަކަށް އެދުނު ކަމަށާއި ރައްޔިތުންގެ ބަޖެޓުން ރައްޔިތުން ފައިސާ ހަރަދު ކުރުމަކީ މައްސަލަ އެއް ނޫން ކަމަށް ބުނެ ލަފާ އަރުވާފައިވާ ކަމަށްވެސް ހަސަން ވަނީ ވިދާޅުވެފަ އެވެ.

މަޑުއްވަރީގައި އީދު ފާހަގަ ކުރަނީ އެންޖީ އޯ ތަކާއި ކްލަބް ޖަމިއްޔާތަކާއި ކައުންސިލުން ގުޅިގެން ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން 'ސަން' އިން ސުވާލު ކުރުމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ރަށްރަށުގައި އީދު ފާހަގަކުރުމަށް ރަށުތެރެ ޒީނަތްތެރި ކުރުމާއި ރަށުތެރެ ސާފު ކުރުމަށް ރައްޔިތުންގެ ބަޖެޓުން ފައިސާ ހަރަދު ކުރެވިދާނެ ކަމަށެވެ.

ނަމަވެސް ސްޓޭޖް ޝޯ ބޭއްވުމާއި ކުޅިވަރުތަކަށް ރައްޔިތުންގެ ބަޖެޓުން ހަރަދު ކުރުމަކީ މާލިއްޔަތު ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެހެން ކަމުން އެކަން ކަމަށް ހަރަދު ނުކުރުމަށް ލުތުފީ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ލުތުފީ ވިދާޅުވީ ލ ފޮނަދޫގައިވެސް މިފަހަރު އީދު ފާހަގަ ކުރުމަށް ރައްޔިތުންގެ ބެޖެޓުން ފައިސާ ނެގި ކަމަށާއި ނަމަވެސް އެފައިސާ ހަރަދު ކުރަނީ ރަށުތެރެ ޒީނަތްތެރި ކުރުމަށް ކަމަށެވެ.

ހަނިމާދޫގައި ރައްޔިތުން ބަޖެޓުން ހަރަދުކޮށްގެން އީދު ފާހަގަ ކުރުން ހުއްޓުވި ހުއްޓުވުމާއި ގުޅިގެން ލުތުފީ ވިދާޅުވީ އެރަށުގައި އީދު ފާހަގަކުރުމަށް ރައްޔިތުންގެ ބަޖެޓުން ބޮޑު އަދަދަކުން ފައިސާ ނަގައި ދިނީ އަމިއްލަ ޖަމިއްޔާއަކަށް ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.