ގ.އެސްބަރީގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާއަށް ބަދަލުކުރި 21 މީހުންގެ ތެރެއިން 12 މީހުން އެމީހުންގެ ގެތަކަށް ބަދަލުވެފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

އެސްބަރީގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ގެއަކަށް ގެއްލުންތަކެއް ވެފައިވާއިރު 14 ފިރިހެނުންނާއި ހަތް އަންހެނުންނަށް ވަނީ މާލޭގެ ހޮޓަލަކުން އެކޮމެޑޭޝަން ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ސްކޫލަށްދާ ފަސް ކުދިން ހިމެނެއެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެގޭގެ ބައެއް އިމާރާތްތައް މަރާމާތުކޮށް 21 މީހުންގެ ތެރެއިން 12 މީހުން އެމީހުންގެ ގެތަކަށް ބަދަލުވެފައިވާ ކަމަށެވެ. މިވަގުތު ވަގުތީ ހިޔާގައިތިބީ ނުވަ މީހުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިވަގުތު ވަގުތީ ހިޔާގައި ތިބީ އެސްބަރީގެ ތިން އެޕާޓްމަންޓެއްގައި ދިރިއުޅޭ ތިން އާއިލާއެކެވެ. ގިނަ ދުވަސްތަކެއްނުވެ އެމީހުންނަށްވެސް ދާއިމީ ހިޔާތަކަށް ވަދެވޭނެ ކަމަށް ބަލައެވެ.

ދުވަސްވީ އެއިމާރާތުގައި 13 ބަޔެއް ހުންނައިރު އެކިބައިތަކަށް ވަނީ އެކިވަރުގެ ގެއްލުންތައްވެފައެވެ.

އެސްބަރީގައި ކަރަންޓް ޝޯޓެއްވެގެން ހިނގި ކަމަށް ބެލެވޭ އެ ހާދިސާގައި ގ.އަސޭނާ އާއި، ގ. މެމޯރީ ވިލާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.