ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ދެވޭނެ ރަށްރަށުގައި ހުންނަންޖެހޭ މިންގަނޑުތައް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ން ކަނޑައަޅައިފި އެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މިދިޔަ ބުރާސްފަތި ދުވަހު އާއްމުކޮށްފައިވާ އެ މިންގަނޑުގައި ބުނެފައި ވަނީ ސިޓީއެއްގެ ދަރަޖަ ދޭ ރަށެއް ނުވަތަ ސަރަހައްދެއް، ނުވަތަ އަވަށެއްގައި އެފަދަ ތަނަކާއި އެކަށީގެންވާ ފެންވަރުގެ ހިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ލިބެން ހުންނަންވާނެ ކަމަށެވެ.

އެ މިންގަނޑުގައި ބުނެފައި ވަނީ އިސްލާމީ ޝިއާރު ފާޅުކުރުމާއި އިޖްތިމާއީ ކަންކަމަށް ބޭނުންވާ ވަސީލަތްތަކާއި ސިއްހީ ހިދުމަތާއި ތައުލީމަށް ބޭނުންވާ ވަސީލަތްތައް އެތަނެއްގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެއްގަމާއި ކަނޑުގެ ދަތުރުތައް ކުރެވުމާއި އެކު އެތަނަކުން ނުވަތަ އެތަނަކާ ދުރު ނޫން ހިސާބަކުން ވައިގެ ދަތުރު ފަތުރުކުރެވޭނެ އިންތިޒާމު ހުންނަންވާނެ ކަމަށް ވެސް އެލްޖީއޭއިން އާންމުކޮށްފައިވާ މިންގަނޑުގައިވެ އެވެ.

އެލްޖީއޭއިން ބުނީ ސިޓީއެއްގެ ދަރަޖަ ދެވޭ ރަށަކީ ނުވަތަ އަވަށަކީ ނުވަތަ ސަރަހައްދަކީ އުފެންދުންތެރިކަމުގެ ގޮތުން ބަލާއިރު އެތަނެއްގެ އާބާދީއާ އިގްތިސާދީ އަދި ސިނާއީ ފުރުސަތުތަކަށް ބިނާކޮށް އެވްރެޖު ގޮތެއްގައި އުފެއްދުންތެރިކަމުގެ ނިސްބަތް ގައުމީ މިންގަނޑާއި އަޅާބަލާއިރު އެކަށީގެންވާ މިންވަރަކަށް ހުންނަ ތަނަކަށް ވާންޖެހޭނެ ކަމަށެވެ.

މިހާރު ސިޓީގެ ދަރަޖަ މިހާރު ދީފައި ވަނީ މާލެ އާއި އައްޑު އަށް އެކަންޏެވެ. ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ޏ. ފުވައްމުލައް ވެސް ސިޓީއަކަށް ބަދަލުވެގެންދާނެ އެވެ.