02 Jun 2011, 16:59
ސަންޢާ : ޔަމަންގެ ވެރިރަށް ސަންޢާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ ސަބަބުން ސަންޢާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ޔަމަންގެ ސިވިލްއޭވިއޭޝަނާބެހޭ ދާއިރާއާ ޙަވާލާދީ ރޮއިޓާސް ބުނިގޮތުގައި ސަންޢާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ރަސްމީ ސިފައެއްގައި ބަންދުކޮށްފައިނުވި ނަމަވެސް ސަލާމަތީ ސަބަބު ތަކަށްޓަކައި އެބަނދަރަށް މަތިންދާބޯޓު ޖެއްސުން ވަގުތީ ގޮތުން މިހާރުވަނީ މެދުކަނޑާލެވިފައެވެ.
ޔަމަންގެ ސަރުކާރުގެ ސަލާމަތީ ބާރުތަކާއި އިދިކޮޅު ނުފޫޒު ގަދަ ލީޑަރެއް ކަމަށްވާ ސާދިޤުލްއަޙްމަރުގެ ހަނގުރާމަވެރިންނާ ދެމެދު މިދިޔަ އާދީއްތަ ދުވަހުން ފެށިގެންދަނީ ހަނގުރާމަ ހިނގަމުންނެވެ. މިކުރިމަތިލުންތަކުގައި 50 އެއްހާ މީހުން މަރުވެ ސަތޭކައަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާއިރު ސަރުކާރުގެ ބައެއް މުއައްސަސާތައްވަނީ އަލްއަޙްމަރުގެ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައެވެ.
ޔަމަނުން ލިބޭ ޚަބަރުތައް ބުނާގޮތުން ވެރިރަށް ސަންޢާގައި ބަޑީގެ އަޑުތައް އިވެމުންދެއެވެ. އަދި ސަރުކާރުގެ ބާރުތަކާއި އަލްއަޙްމަރުގެ ބާރުތަކާ ދެމެދު ހިނަގމުންދާ ކުރިމަތިލުންތައް މިހާރު ކުރިޔަށްވުރެވެސް ފުޅާވެ އަހްލީ ހަނގުރާމައެއް ފެށުމުގެ ކުލަވަރަށް ބަދަލުވާން ފަށާފައިވާ ކަމަށްވެސް ޚަބަރުލިބެއެވެ.
ޔަމަންގެ މަސްރަޙް ގޯސްވުމާ ގުޅިގެން ބޭރުޤައުމުތަކުގެ އެންބަސީތަކުގެ ބައެއް މުވައްޒަފުން ވޭތުވެދިޔަ ދެހަފްތާތެރޭގައި ވަނީ ޔަމަނުން ބޭރުވެފައެވެ. ޔަމަންގެ މަސްރަޙު ގޯސްވަމުންދަނީ ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ވެރިކަމުން ފޭބުމަށް ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ދެކޮޅު ހައްދަވަމުން ގެންދިޔުމުންނެވެ. (ރޮއިޓާސް)