11 Sep 2016, 16:26
ފައިވާނެއްގެ ތެރޭގައި ރައްކާކޮށްގެން ކ. މާފުށި ޖަލަށް ފޯނުތަކެއް ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި 24 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މާފުށީ ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެގެ ވަގުތެއްގަ އެވެ.
އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި އިރު އޭނާ ގެންގުޅުނު ކޮތަޅެއްގެ ތެރޭގައި އޮތް ފައިވާނެއްގެ ތެރޭގައި ރައްކާކޮށްފައިވަނިކޮށް ދެ ފޯނު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.