11 Sep 2016, 12:05
ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭސިކް ހޭންޑްބޯލް ފައުންޑޭޝަން ކޯހެއް ކުރިއަށް ގެންގޮސްފި އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކުރިއަށް ގެންދިޔަ އެ ކޯހަކީ ރެފްރީންނާއި ކޯޗުން ތަމްރީން ކުރުމަށް ބޭއްވުނު ކޯހެއް ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.
މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ އެ ކޯހުގައި 36 ފަރާތަކުން ބައިވެރިވި އިރު، ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައި ވަނީ އޭގެ ތެރެއިން 25 ފަރާތެކެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަކީ މިހާރު ވެސް ހޭންޑްބޯލްގެ އެކި ހަރަކާތްތަކެއް ހިންގަމުންދާ ފަރާތްތަކެކެވެ. އެގޮތުން މިހާރު ލަންކާގައި ދިވެހިންގެ މައްޗަށް އެކުލެވޭ އަންހެން ފަސް ޓީމެއް އޮވެ އެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން އެ ކޯސް ކުރިއަށް ގެންދިޔަ އިރު، ގައުމީ ފިރިހެން ހޭންޑްބޯލް ޓީމުން ވެސް ވަނީ ލަންކާގައި ތަމްރީންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ތަމްރީނުގެ ތެރެއިން ލަންކާގެ ޓީމާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ރާއްޖޭގެ ޓީމު ވަނީ މޮޅުވެފަ އެވެ.