ވޯލްޑް ގުރުއާން އަވާގައި ފުރަތަމަ ފަހަރަށް ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

އިސްލާމިކް ޔުނިވާސިޓީން އިސް ނަގައިގެން މި އަހަރުގެ ވޯލްޑް ގުރުއާން އަވާގައި ބައިވެރި ވުމަށް ހާއްސަ ހަރަކާތެއް މިއަދު ބާއްވާފައިވާ އިރު، އެ ހަރަކާތުގައި މައިގަނޑު ގޮތެއްގައި އޮތީ ކީރިތި ގުރުއާން ތިލާވަތު ކުރުމާއި، ގުރުއާނުގެ ހަތަރު އާޔަތެއްގެ މައްޗަށް އިލްމީ ގޮތެއްގައި ބަލައިލެއްވުމެވެ.

އިސްލާމިކް ޔުނިވާސިޓިގައި މިއަދު ބޭއްވި އެ ފޯރަމް ވޯލްޑް ގުރުއާން އަވާގެ މައުލޫއާ މެދު އިލްމުވެރިން ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެ ޔުނިވާސިޓީގެ ކައުންސިލް މެމްބަރު ޑރ. މުހައްމަދު އަލީ އަދި ލެކްޗަރާ އައްޝައިޚް އަބްދުލް އަޒީޒު ހުސެއިންގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލާ ހައްވާ ލަތީފް ވާހަކަފުޅު ދެއްކެވި އެވެ.

މި އަހަރުގެ ގުރުއާން އަވާގެ މައުލޫއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކީރިތި ގުރުއާނުން އިލްހާމް ލިބިގަނެގެން އަޅުގަނޑުމެންގެ ތެރޭގައި ލޮބުވެތިކަމާއި ޝުކުރުވެރިކަން ދިރުވައި އާލާކުރުމެވެ. އެ ހަރަކާތް ހިންގުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަހަރަކު ވެސް ކަނޑައެޅޭ ވަކި ދުވަހެއްގައި ކޮންމެ ގައުމެއްގެ ވެސް ހެނދުނު 9ން 10އަށެވެ.

އެ ފޯރަމުގައި ޑރ. ޝަހީމް ދެއްކެވި ވާހަކަފުޅުގައި ކީރިތި ގުރުއާނުގެ އިލްހާމުން ހަމްދުކުރުމާއި ޝުކުރުވެރިވުމާއި ކުލުނުވެރިކަމުގެ ސިފަ ލިބިގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މައިންބަފައިންނަށާއި އަނބިދަރިންނަށް ހެޔޮކޮށްހިތާ، ﷲ ސުބްހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ހިދާޔަތް ދެއްވި ކަމަށް ޓަކައި ހަމްދުކޮށް ޝުކުރުވެރިވާން ޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެ ފޯރަމް ވާހަކަފުޅު ދައްކަވަމުން ހައްވާ ލަތީފް ވިދާޅުވީ ޝުކުރު އަދާ ކުރެވޭނީ ހަމަ އެކަނި ހިފާ ގެންގުޅޭ އެއްޗެހިން ނޫން ކަމަށާއި، ހެޔޮދުއާ ކޮށް ދިނުމަކީ ވެސް ޝުކުރުވެރިވުން ކަމަށެވެ.

ވޯލްޑް ގުރުއާން އަވާގައި ރާއްޖެ ފުރަތަމަ ފަހަރަށް ބައިވެރިވާ އިރު އެންމެ ފުރަތަމަ އެ ހަރަކާތް ބާއްވާފައި ވަނީ 2013 ވަނަ އަހަރު މެލޭޝިޔާގަ އެވެ. މިހާރު މެލޭޝިޔާގެ އިތުރުން ސައުދީ އަރަބިއްޔާ، ތުރުކީ، އިންޑޮނޭޝިއާ، މިސްރު، ބުރުނާއީ، އެމެރިކާ، ސިންގަޕޫރު، އޮސްޓްރޭލިއާ އަދި އިނގިރޭސި ވިލާތުގެ މުސްލިމް މުޖުތަމައުތަކުން ބައިވެރިވެ އެވެ.

މިއަދު އެ ހަރަކާތް ފާހަގަ ކުރުމަށް ބޭއްވި ފޯރަމްގައި ސްކޫލްތަކުގެ ދަރިވަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.