ސަރުކާރުން ކަނޑައަޅާފައިވާ އިގްތިސާދީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޓަކައި މަޖިލީހުން ފާސްކުރަން ޖެހޭ ބިލްތަކުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވަވައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ކަނޑެޅުމަށްޓަކައި ބޭނުންވާ ގާނޫތައް ހެދުމަށް ހުށަހަޅަން ޖެހޭ ބިލްތައް މަޖިލީހަށް ވައްދާނީ ތިން ފިޔަވައްސަކަށް ބަހައިލައިގެން ކަމަށެވެ. އެ ގޮތުން މިއަދުން ފެށިގެން މި މަހުގެ 15 އާ ހަމަޔަށް ޓެކްސް ނެގުމާ ބެހޭ ގާނޫންތަކުގެ ބިލްތައް ހުށަހަޅަނެ ކަމަށް ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އަދި މި މަހުގެ 15 ން 30 އަށް ވިޔަފާރިއާ ގުޅޭ ގާނޫންތަކުގެ ބިލްތަކާއި ބިމާ ގުޅޭ ގާނޫންތަކުގެ ބިލްތަކާއި ރަހުނާ ގުޅޭ ގާނޫންތަކުގެ ބިލްތަކާއި ދައުލަތުގެ ބަޖެޓާ ގުޅޭ ޒިންމާ ކަނޑެޅުމުގެ ބިލެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ބިލް ހުށަހަޅުއްވަނީ 2005 އަހަރުން ފެށިގެން ހިންގަމުންދާ ބަޖެޓްތަކަކީ ލިބޭ އާންދަނީއާ ބައްދަލުނޫން ހަރަދުތަކެއް ކުރަން ޖެހޭ ވަރަށް ބޮޑަށް ޓެފިޒިޓް ބަޖެޓްތަކެއް ކަމަށް އިޝާރާތްކުރައްވާފައިވެ އެވެ. އަދި އަންނަ މަހުގެ 1-15 އަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިއާ ގުޅޭ ބިލްތައް ހުށަހަޅުއްވާނެ ކަމަށް ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އިގްތިސާދާ ގުޅުން ހުރި އާ ބިލްތަކެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު، މިހާރު އަމަލް ކުރަމުންދާ ބައެއް ގާނޫނުތަކަށް އިސްލާހު ގެނެސް އަދި އިގްތިސާދާ ގުޅުން ހުރި އެހެން ގާނޫނުތައް އުވާލުމަށް ނިންމަވާ ކަމަށް ރައީސް ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

އެގޮތުން ފޮރިން އިންވެސްޓްމަންޓްތައް ރާއްޖޭގައި ފުޅާ ކުރުމުގެ ގޮތުން ފޮރިން އިންވެސްޓްމަންޓާ ގުޅޭ ގާނޫނު އުވާލައި ބޭރުފަރާތްތަކުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކާ ގުޅޭ އުސޫލުތައް ކުންފުންޏާ ބެހޭ ގާނޫނުގެ ތެރެއިން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ލިމިޓެޑް ލައިބިލިޓީ ޕާޓްނާޝިޕް ހިންގުމަށްޓަކައި މަގުފަހިކޮށްދިނުމަށް ޓަކައި ޕާޓްނާޝިޕާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

ރާއްޖޭގައި ވިޔަފާރިގެ އެކި ރޮނގުތަކުން މަސައްކަތްކުރާ ބީދޭސީނަށް ރާއްޖޭގައި ވަޒަންވެރިވެގެން އުޅެވޭނެ ގޮތަށް ފަސޭހަކަމާ އެކު ހަދައިދިނުމަށްޓަކާ އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކުރުން ނިންމާފައިވާ ކަމަށް ރައީސް ނަޝީދުގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"ވިޔަފާރީގެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، އިގްތިސާދީ ކުރިއެރުން ގެނައުމުގެ މަގުސަދުގައި ރާއްޖޭގައި ވިޔަފާރި ކުރާ ބިދޭސީންނަށާއި ރާއްޖޭގައި އިންވެސްޓްކޮށްގެން އުޅޭ ބިދޭސީންނަށާއި ރާއްޖޭގައި ވިޔަފާރީގެ އެކި އުސޫލުން ހިދުމަތްދޭ ބިދޭސީންނަށް ދިވެހިރާއްޖޭގައި ފަސޭހަކަމާ އެކު ވަޒަންވެރިވެ، ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަށްޓަކާ އިމިގްރޭޝަނާ ބެހޭ ގާނޫނު އިސްލާހު ކުރުން ހިމެނެއެވެ." މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުންނަށް އިއްވަވައިދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ވިޔަފާރި ކުންފުނިތަކުން ޓެކްސް ނެގުމާއި އަމިއްލަ ފަރުދަކު ކުރާ މަސައްކަތަކުން ލިބޭ އާމްދަނީ ޓެކްސް ނެގުމާއި ފަތުރުވެރިކަމުގެ ދާއިރާއިގެ ހިދުމަތްތަކުން ޓެކްސް ނެގުމާ ބެހޭ ތަފްސީލްތައް ވެސް މިއަދު މަޖިލީހަށް ރައީސް ދެއްވާފައިވެ އެވެ.

"އަމިއްލަ ފަރުދުންނަށް ލިބޭ އާންދަނީގެ ޓްކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްނަގަން ހުށަހަޅަނީ މީހަކަށް މަހެއްގެ މައްޗަށް ލިބޭ އާންދަނީއަކީ 30،000 ރ. އާއި 60،000 އާއި ދެމެދުގެ މިންވަރެއް ނަމަ ތިނެއް އިންސައްތަ 60،001ރ. އާއި 100،000 ރ. ދެމެދުގެ މިންވަރެއް ނަމަ ހައެއް އިންސައްތަ. 100،001ރ. އާއި 150،000ރ. ދެމެދުގެ މިންވަރެއް ނަމަ ނުވައެއް އިންސައްތަ. 150،001 ރ. އަށް ވުރެ އިތުރުވާނަމަ 15 އިންސައްތަ އެވެ." ރައީސް ސިޓީގައި ވިދާޅުވެފައިވެ އެވެ.

އިގްތިސާދާ ގުޅުން ހުރި ބިލްތަކާ މާލީ ގާނޫނުތައް އިސްލާހު ކުރުމަށް ބޭނުންވަނީ ކުޑަކޮށް ތަރައްކީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖޭ އުނިވެ ތަރިއްގީ ވަމުންއަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ބަދަލުވުމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.