11 Sep 2016, 08:37
ފެނާ ނުލައި ދިރުން ނުވާނޭކަން އެއީ ސައިންސުގެ އަލީގައި އިންސާނާއަށް މިހައިތަނަށް ހޯދިފައިވާ ހޯދުންތައް އިއްތިފާގުވާ ނުކުތާއެކެވެ. ދިރުން ހުރި ކޮންމެ އެއްޗެއްގައިމެ ހިމެނޭ ދިރުމުގެ ބިންގާ ކަމަށް ބެލެވޭ "ޕްރޮޓޯޕްލާޒްމް" އަކީ ގާތްގަނޑަކަށް މުޅީންހެން ފެނުން އުފެދިފައިވާ، އަދި ފެނާ ނުލައި ވުޖޫދު ނުވާނޭ މާއްދާއެކެވެ. ފެނަކީ ހަޔާތުގެ ނުވަތަ ދިރުމުގެ އަސްލު ކަމަށް ސައިންސްވެރީން ވިދާޅުވާ ސަބަބަކީ މިއެވެ. ދުނިޔެ ފިޔަވައި ކާއިނާތުގައި ހިމެނޭ އެތައް ބިލިއަން ޕްލެނެޓެއްގެ ތެރެއިން، އިންސާނާގެ ހޯދައިބެލުމުގެ ދުރުމިއަށް މިހާތަނަށް ފެނިފައިވާ އެއްވެސް ޕްލެނެޓެއްގައި ދިރުން ނުވާ ސަބަބަކީ ވެސް އެއިން އެއްވެސް ޕްލެނެޓެއްގައި ފެން ނެތުމެވެ. ސައިންސް މިވާހަކަ ދެއްކުމުގެ 1400 އަހަރު ކުރީން ކީރިތި ޤުރްއާނުގެ އަންބިޔާއު ސޫރަތުގެ 30 ވަނަ އާޔަތުގައި ފެނަކީ ހަޔާތުގެ އަސްލުކަން އަންގަވައިފައި ވެއެވެ.
ފެނުން ދުނިޔެއަށް ދިރުން އަންނަ މަންޒަރު ދެކެދެނެގަންނާން ބޭނުން ނަމަ ޒިޔާރަތް ކޮށްލާން އެންމެ ރަނގަޅު އެއް ތަނަކީ އެފްރިކާގެ ދެކުނު ސަރަހައްދުގައި އޮންނަ ކަލަހާރީ ސަހަރާ އާއި އެ ސަހަރާއާ ގުޅިފައި އޮންނަ އޮކަވާންގޯ އޮޅެވެ. ކޮންމެ އަހަރެއްގެ ވެސް ހަނަފަސް މޫސުން އައުމުން މި ސަރަހައްދުން ފެން ހުސްވެ އޮޅުގެ ސަރަހައްދު މުޅީން މަރުވެ ހިކިގެން ދެއެވެ. ހިކި މަރުވެފައި އޮންނަ އިރު އެ ސަރަހައްދު އޮންނަނީ ކެކިއަރާ ހޫނުގެ އާތްވާއި ހިކި ބިމުން އަރާ ހިރަފުހުގެ ވިލާތަކުން ބައްދާލައިފައެވެ. މެއްސެއް މާބުރަކަށް ވެސް އެ ސަރަހައްދަށް ވައި އެޅިލަން ނުކެރޭ ފަދަ ހޫނަކާއި "މަރުވުމެއްގެ" ތެރޭގައެވެ. ނަމަވެސް ވާރޭ މޫސުން އައިސް، އެންގޯލާގެ އުސްބިންތަކުން އުފެދިގެން އަންނަ ފެނުގެ ސައިލުތައް ދެމެން ފެށުމުން އިސާހިތަކު އެ ބިމަށް ދިރުން އައިސް އާރޯކަމާއި ފެހިކަން ފާޅުވެ، ގަސްގަހާގެހި ކޯދުލައި ހެދިގަންނަ އިރު އެތަން ދެކޭ މީހެއްގެ ބުއްދި އުދުހިގެން ދާފަދައެވެ. އެ މަންޒަރު ދުށް މީހަކަށް ކީރިތި ޤުރްއާނުގެ އިސްވެ ނަންގަނެވުނު ބަސްފުޅުގެ ތެދުކަން ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭނެއެވެ. ފެނަކީ ދިރުމުގެ އަސްލު ކަމަށް ސައިންސް ބުނެދޭ ބުނުމުގެ މާނަ ރަނގަޅަށް ފަހުމު ކުރެވޭނެއެވެ.
ފެނަކީ ދިރުމުގެ އަސްލު ކަމުގައި ވާއިރު، ދުނިޔޭގައި ދިރުން ލެއްވެވި ﷲ އެ ބިމުގެ އަހުލުވެރީންނަށް ޓަކައި ބާވައިލެއްވި އެންމެ ޚާއްސަ އެއް ނިއުމަތަކީ ވެސް ފެނުގެ އާރެކެވެ. ރަސޫލު ބޭކަލުންގެ ބަފައިކަލުނަވި އިބްރާހީމް ޢަލައިހިއްސަލާމްގެ އާއިލާއަށް ޚާއްސަ ހަދިޔާއެއްގެ ގޮތުގައި ބާވައިލެއްވުނު އެ ފެނަކީ ޒަމްޒަމްގެ ބަރަކާތްތެރި ފެނެވެ. ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮތް ބައްކާގެ ވާދީގައި ދިރުން ލެއްވެވުމަށް ޓަކައި މުޢުޖިޒާތެއްގެ ގޮތުގައި ނެރުއްވެވި ފެނެވެ.

ޒަމްޒަމްފެން: ވަޅުކޮޅަށް ފެންއަންނަށް ގޮތާއި ފެންހުސްނުވެ ހުންނަ ގޮތުގެ ހަޤީޤަތް ވަނީ މިއަދާ ހަމައަށްވެސް ނުހޯދިފައި ---
ޒަމްޒަމްވަޅުކޮޅު
ޒަމްޒަމް ވަޅުކޮޅު ހުންނަނީ މައްކާގައި، ކަޢްބަތުﷲ ގެފުޅު އެހުންނަ "ވާދީ އިބްރާހީމް" ގައެވެ. ގެފުޅާ ޖެހިގެންނޭ ބުނެވޭހައި ގާތުގައެވެ. ޠަވާފު ކުރާ ސަރަހައްދުގައި، މަޤާމު އިބްރާހީމުގެ ފަހަތުގައެވެ. ޒަމާނުއްސުރެ ހާމަޔަށް ހުރި އެ ވަޅުކޮޅު މިހާރު ހުންނަނީ ޠަވާފު ކުރާ ސަރަހައްދުގެ އަޑިއަށް ވާގޮތަށެވެ. ވަޅުކޮޅު ހުންނަ ދިމާ ދައްކައިދޭ ނިޝާނެއް ޠަވާފު ކުރާ ސަރަހައްދުގައި ހުރެއެވެ. މިހާރު ވަޅުކޮޅުން ސީދާ ފެން ނެގޭކަށް ވެސް ނުހުރެއެވެ. ފެން ނަގަނީ ބިމުއަޑީން ވަޅުކޮޅަށް ގުޅައިފައި ހުންނަ ފެންނަގާ ނިޒާމެއްގެ ބޭނުން ކޮށްގެން ފެން އިސްކުރުތަކުންނެވެ.
އެންމެ ފުރަތަމަ ޒަމްޒަމް ވަޅުކޮޅު ހުރީ އަތުން ކޮނެވިފައި، އާދައިގެ ގޮތަކަށެވެ. އެއިރު ޒަމްޒަމް ވަޅުކޮޅު މިހާރަށް ވުރެ ތިލައެވެ. ނަމަވެސް މިހާރު އެ ވަޅުކޮޅު ވަނީ ކުރިޔަށްވުރެ ފުނަށް ކޮނެވިފައެވެ. "ސަޢޫދީ ޖިއޮލޮޖިކަލް ސާރވޭ" ގެ ބެލުމުގެ ދަށުން ޒަމްޒަމް ފެނާ ބެހޭ ކަންތައްތައް ބެލެހެއްޓުމަށް ޓަކައި ގާއިމު ކޮށްފައި ހުންނަ މުއައްސަސާއެއް ކަމަށްވާ "ޒަމްޒަމް ސްޓަޑީޒް އެންޑް ރިސާރޗް ސެންޓަރ" ގެ ވެބްސައިޓުގައި ވާގޮތުން މިހާރު ޒަމްޒަމް ވަޅުކޮޅުގެ ފުންމިނަކީ ގާތްގަނޑަކަށް 98 ފޫޓެވެ. ވަޅުކޮޅުގެ ފުޅާމިން އެކި ހިސާބުހިސާބުގައި ތަފާތެވެ. އެންމެ ހަނި ހިސާބުތަކުގައި ފުޅާމިނަކީ ގާތްގަނޑަކަށް 3.5 ފޫޓެވެ. އެންމެ ފުޅާ ހިސާބުގައި ފުޅާމިނަކީ ގާތްގަނޑަކަށް 7 ފޫޓެވެ. ވަޅުކޮޅުގެ ފެންގަނޑު ފެށެނީ ބިމުގެ ސަތުހުން ފެށިގެން 10.6 ފޫޓު އަޑީގައެވެ.
ޒަމްޒަމް ފެނުގެ މަސްދަރަކީ ކޮބައިތޯ، ނުވަތަ ޒަމްޒަމް ވަޅުކޮޅަށް ފެން އަންނަ އަސްލަކީ ކޮބައިތޯ މިއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. 1971 ވަނަ އަހަރު ކުރެވުނު ތަހުގީގުތަކުން އެނގޭ ގޮތުގައި ޒަމްޒަމް ވަޅުކޮޅަށް ފެން އަންނަ އެންމެ މުހިއްމު ވަސީލަތަކީ "ވާދީ އިބްރާހީމް"ގެ ބިމުއަޑީގެ ހިލަދާނެވެ. އެއިރު ކުރެވުނު ދިރާސާތައް ދައްކާ ގޮތުން ވަޅުކޮޅުގެ ތިލަވަތްގަލުގެ ހުރިހާ ދިމާއަކުން އެއްވަރަކަށް ފެން އަރައެވެ. ވާދީ އިބްރާހީމްގެ ހިލަދާނުގެ އިތުރުން އެ ވާދީގެ ފަސްގަނޑުން ވެސް ޒަމްޒަމް ވަޅުކޮޅަށް ފެން އައުދެއެވެ.
ސައިންސީ ހޯދުމަކުން ފެންނަ ދެ މަސްދަރަކީ މި ދެންނެވީއެވެ. ނަމަވެސް ސައިންސުގެ ލޮލަށް ނުފެންނަ، ރޫހާނީ މަސްދަރެއް މި ވަޅުކޮޅަށް ވާނަމަ، އެކަމަކީ ސައިންސަށް ދެނެގަނެވޭނޭ، އަދި ސައިންސަސް ދޮގު ކުރެވޭނޭ ކަމެއް ނޫނެވެ. ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ރިވާ ކުރައްވައިފައިވާ ޙަދީޘްފުޅެއްގައި އޮންނަ ގޮތުން ޒަމްޒަމްގެ މަސްދަރަކީ ސުވަރުގޭގެ އާރުކޮޅުތަކުގެ ތެރެއިން އާރުކޮޅެކެވެ. އަޅުގަނޑުމެންނަށް އެނގޭ ކަމަކީ އެ ވަޅުކޮޅުގެ ފެން ބޭނުން ކުރެވޭ މިންވަރަށް ބަލާއިރު، 1400 އަހަރު ވަންދެން ވަޅުކޮޅުގެ ފެން ހުސްނުވެ ހުރުމަކީ ސައިންސަށް ޝަރަހަ ކޮށްނުދެވޭ ހަގީގަތެއް ކަމެވެ. ޒަމްޒަމްގެ މަސްދަރަކީ މައްކާގެ ބިމުއަޑީގެ ހިލަދާން ނުވަތަ ފަސްގަނޑުގައި ހިމެނޭ ފެންފަށަލަ ކަމުގައި ވާނަމަ، ވަޅުގެ ފެން ބޭނުންކުރާ ނިސްބަތަށް ބަލާއިރު، އެ ވަޅުކޮޅުން ދޭތެރެދޭތެރެއިން ނަމަވެސް ފެން މުޅީން ހުސްވާން ޖެހޭނެއެވެ. ނަމަވެސް އެކަން ވެފައިވަނީ އެހެންނެއް ނޫނެވެ. ޒަމްޒަމްގެ 4000 އަހަރުގެ ތާރީޚުގައި ވެސް، އަދި އެވަޅުކޮޅުގެ ބޭނުން މެދުނުކެނޑި ކުރާތާ ވެފައިވާ 1400 އަހަރުގެ ތެރޭގައި ވެސް އެ ވަޅުކޮޅުގެ ފެން ހިނދިފައެއް ނުވެއެވެ.

ބަޔަކު ޒަމްޒަމްފެން ނަގަނީ ---
ޒަމްޒަމް ފެނަކީ ޚާއްސަ ފެނެއް
ޒަމްޒަމް ފެނަކީ ޚާއްސަ ފެނެކެވެ. އެކަން ސައިންސްގެ އެހީތެރިކަމާ އެކު ކުރެވިފައިވާ ދިރާސާތަކުން ވަނީ ހާމަވެފައެވެ. އެމެރިކާގައި ނެރެވޭ އިސްލާމީ މަޖައްލާއެއް ކަމަށްވާ "އަލްޖުމްޢާ" ގެ 13 ވަނަ ވޮލިއުމްގެ 12 ވަނަ ޢަދަދުގައިވާ ގޮތުން، ޒަމްޒަމް ފެން ސައިންސްގެ އުސޫލުތަކާއި މަންހަޖު ބޭނުން ކުރައްވައިގެން ދިރާސާ ކުރެއްވި އެއް ބޭފުޅަކީ ޑރ. އަޙްމަދު ޢަބްދުލްޤާދިރު އަލްމުހަންދިސެވެ. އޭނާގެ ދިރާސާތަކުގެ މަސައްކަތް ކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގު ފަރުވިންސުގެ "ޑިޕާޓްމަންޓް އޮފް ވޯޓަރ އެންޑް ވޭސްޓް ވޯޓަރ ޓްރީޓްމަންޓް" ގެ ލެބޯޓަރީގައެވެ. އޭނާގެ ތަހުލީލުތަކުން ދައްކާ ގޮތުގައި ޒަމްޒަމް ފެނަކީ ސާފުތާހިރު ބޯފެނާ ދާދި އެއްފަދަ ފެނެކެވެ. ކުލައެއް ވަހެއް ނެތް ފެނެކެވެ. ނަމަވެސް އެ ފެނުގައި ޚާއްސަ ރަހައެއް ހުރެއެވެ. ފެނުގެ ހައިޑްރޯޖަން އެކްސްޕޯނަންޓަކީ 7.5 އެވެ. އެހެންކަމުން އެ ފެނުގެ އަލްކަލައިން ކޮލިޓީ އާދައިގެ ފެނަށް ވުރެ މަތިކަން އެނގެއެވެ.
"އަލްޖުމްޢާ" މަޖައްލާގައި އިތުރަށް ބުނެފައިވާ ގޮތުގައި ޒަމްޒަމް ފެން އެމެރިކާގެ ލެބޯޓަރީތަކުގައި ވެސް ޓެސްޓު ކުރެވިފައި ވެއެވެ. އެ ޓެސްޓުތަކުން ދައްކާ ގޮތުގައި ވެސް ޒަމްޒަމް ފެނަކީ އާދައިގެ ސާފު ބޯފެނާ ދާދި އެއްފަދަ، އެކަމަކު ސައިންސުގެ ލޮލަށް ވެސް ފާހަގަ ކުރެވޭ ފަދަ ޚާއްސިއްޔަތެއް ލިބިގެންވާ ފެނެކެވެ. މި ޓެސްޓުތަކުން ދައްކާ ގޮތުގައި ޒަމްޒަމް ފެނުގައި ތިރީހަކަށް ކެމިކަލް އުންސުރު ވެއެވެ. އަދި ޒަމްޒަމް ފެނުގައި ކެލްސިއަމާއި މެގްނީޒިއަމް ސޯލްޓް ހިމެނޭ މިންވަރު، އާދައިގެ ފެނާ އަޅާބަލާއިރު މައްޗެވެ. ހަމައެހެންމެ ޒަމްޒަމް ފެނުގައި އާދައިގެ ފެނުގައި ހިމެނޭ ވަރަށްވުރެ ގިނައިން ސޯޑިއަމް ވެސް ހިމެނެއެވެ. މީގެ ނަތީޖާއަކީ ޒަމްޒަމް ފެނުން އިންސާނާގެ ހަށިގަނޑަށް ލިއްބައިދޭ ފައިދާތައް ވެސް ގިނަވުމެވެ.
ޒަމްޒަމް ފެނުގައި ހިމެނޭ ގުދުރަތީ ފްލޮރައިޑް ވެސް އާދައިގެ ފެނަށްވުރެ ގިނައެވެ. އެހެންކަމުން އާދައިގެ ފެނުގައި ދިރޭ ގިނަ ބާވަތްތަކެއްގެ ޖަރާސީމު އެފެނުގައި ނުދިރެއެވެ. ސައިންސް ބުނާ ގޮތުގައި ކޮންމެ ފެންގަނޑެއްގައި ވެސް އަދި ފެން ވަޅެއްގައި ވެސް ފެން ހުރެ ދުވަސް ވާ ވަރަކަށް އަލްގީ އާއި ވަޅުފެހި ފަދަ ދިރުންތައް ހެދޭނެއެވެ. މިފަދަ ދިރުންތަކުގެ ސަބަބުން ފެންގަނޑުގެ ވަހާއި ކުލަޔާއި ރަހަ ވެސް ތަގައްޔަރުވެގެން ދެއެވެ. މި ބާވަތުގެ ދިރުންތަކުގެ ސަބަބުން ފެންގަނޑުގަނޑާއި ފެންވަޅުވަޅު ކިލަނބުވާލެއް ހޫނު މާހައުލުތަކުގައި ވަކީން އަވަހެވެ. ނަމަވެސް ޢަރަބިކަރައިގެ ހޫނު މާހައުލުގައި، ވެއަތުވެދިޔަ 1400 އަހަރުގެ ތެރޭގައި ޒަމްޒަމް ވަޅުކޮޅު އެގޮތުގައި ހުރި އިރު، މި ދެންނެވި ބާވަތުގެ އެއްވެސް ކަހަލަ ދިރުމެއް އެވަޅުކޮޅުގެ އެއްވެސް ހިސާބެއްގައި އުފެދިފައި ނެތްކަން އެއީ ފެންނާން ހުރި ހައިރާން ކުރުވަނިވި ހަގީގަތެވެ. މީގެ ސަބަބަކީ އިސްވެ ދެންނެވި ފަދައިން ޒަމްޒަމް ފެނުގައި އާދައިގެ މިންވަރަށްވުރެ ގިނައިން ގުދުރަތީ ފްލޮރައިޑް އެކުލެވުމެވެ.
އިތުރު ރަސޫލާގެ ޙަދީޘެއްގައި އޮންނަ ގޮތުން "ބިންމަތީގައިވާ އެންމެ ހެޔޮ އަދި އެންމެ ރަނގަޅު ފެނަކީ ޒަމްޒަމް ފެނެވެ". އިތުރު އެކަލޭގެފާނުގެ މި ބަސްފުޅުގެ ތެދުކަމާ މެދު އެއްވެސް މުސްލިމަކު ޝައްކެއް ނުކުރާނެއެވެ. ހަމައެހެންމެ ޙަދީޘުން އެނގޭ ގޮތުގައި ޒަމްޒަމް ފެނަކީ އޭގައި ޝިފާ އެކުލެވިގެންވާ ފެނެކެވެ. އެ ޝިފާ އެކުލެވެނީ ކިހިނެއްކަން، އަދި ޒަމްޒަމް ފެން ބޭނުންކުރާ މީހަކަށް ޝިފާ ދެއްވަނީ ކިހިނެއްކަން މިއީ އިސްލާމީ އިލާހިއްޔާތުގެ އިލްމުތަކުގައި ވަރަށް ފުންކޮށް ބަހުސް ކުރެވިފައިވާ މައުޒޫތަކެވެ. މި ދަނޑިވަޅުގައި އަޅުގަނޑު ފާހަގަ ކޮށްލާން ބޭނުންވާ ނުކުތާއަކީ، ހަމަ ކޮންމެ މީހަކު އެ ފެން ބޯލާ އިރަށް، އެމީހަކަށް ޖެހިފައި ހުރި ކޮންމެ ބައްޔެއް ވަގުތުން ފަސޭހަވުން އެއީ އެފެނުގައި ޝިފާ އެކުލެވިގެންވާ ކަމަށް އޮންނަ ބަސްފުޅުގެ މުރާދެއް ނޫން ކަމެވެ. ހަމައެފަދައިން، ޒަމްޒަމް ފެނާ ބެހޭގޮތުން ވާހަކަދައްކާ އިރު އަޅުގަނޑުމެން ގަބޫލުކުރާން ޖެހޭ ހަގީގަތަކީ މި ފެނުގެ މުއުޖިޒާތީ ސިފަތައް ސައިންސުގެ އަލީގައި ކުރެވޭ މާއްދީ ތަހުލީލުތަކަކުން ނުފެނި ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމެވެ. އެހެނީ މުއުޖިޒާތަކީ ބައެއް ފަހަރުފަހަރު ރޫހާނީ ބާރެކެވެ. އެ ބާރު އެއްޗެއްގައި ހުއްޓަސް ސައިންސުގެ މާއްދީ އާލާތްތަކުގެ ބޭނުން ކޮށްގެން، ސައިންސުގެ މާއްދީ ލޮލުން ބެލީމައި، އެ ބާރު ނުފެނުމަކީ ބައެއް ހާލަތުތަކުގައި ވެދާނޭ ކަމެކެވެ.
އަޅުގަނޑުގެ ވިސްނުމުގައި ޒަމްޒަމް ފެނުގެ އެންމެ ބޮޑު ޚާއްސިއްޔަތަކީ އެ ވަޅުކޮޅުން ފެން ހުސް ނުވާކަމެވެ.
ފަހުގެ ތާރީޚެއްގައި، ޒަމްޒަމް ވަޅުކޮޅުން ފެން ނެގުމުން، ވަޅުކޮޅުގެ ދިޔަ މަދުވާ މިންވަރު ޓެސްޓު ކުރުމަށް ޓަކައި ސިކުންތަކު 8000 ލިޓަރުގެ ފެން ނެގޭ ޕަންޕެއްގެ ބޭނުން ކޮށްގެން 24 ގަޑިއިރު ވަންދެން ފެން ނެގުނެވެ. މިއީ ޖުމުލަ 691.2 މިލިއަން ލިޓަރުގެ ފެނެވެ. އެވަރަށް ފެން ނެގުނު އިރު ވަޅުކޮޅުގެ ދިޔަ ތިރިވެފައި ވަނީ ގާތްގަނޑަކަށް ދެބައިކުޅައެއްބައިގެ މިންވަރުންނެވެ. ޕަމްޕު ކުރުން ހުއްޓައިލުމަށްފަހު އެންމެ 11 މިނިޓުގެ ތެރޭގައި ކުރީން ހުރި ވަރަށް ވަޅުކޮޅުގެ ފެންގަނޑު ވަނީ އުފުލިފައެވެ. މިއީ ކިހައި އަވަސްމިނެއްކަން އަޅުގަނޑުމެންނަށް ފުރިހަމަޔަށް ވަޒަން ކުރެވޭނީ އަޅާކިޔުމެއްގެ ޒަރީއާއިންނެވެ. ދިވެހިރާއްޖެއަކީ ފެންފަށަލަ ނުހަނު ތިލަ ބިމެއް އޮންނަ ގައުމެކެވެ. ރަށްތައް ކުދިވެފައި، ވަށައިގެން ކަނޑު އޮތުމާއެކު، ފެން ފަށަލައަށް ކަނޑުން މެދުނުކެނޑި ފެން ލިބިލިބި ހުރެއެވެ. ރާއްޖޭގެ ބިމުގައި ކޮނެފައި ހުންނަ އާދައިގެ ވަޅެއްގެ ވަޅުދިޔައިގެ އުސްމިނަކީ ތިންހަތަރު ފޫޓެވެ. އެ ފެންފޮދު ހިއްކައިލުމުން، ވަޅުދިޔަ އަލުން އަރައި ފުރެން ތިންހަތަރު ނުވަތަ ފަސްވަރަކަށް ގަޑިއިރު ނަގައެވެ!
ޒަމްޒަމް ވަޅުކޮޅުގެ ވާހަކަދައްކާ އިރު އަޅުގަނޑުމެން މި ދައްކަނީ ހަނަފަސް ސަހަރާގެ ތެރޭގައި ހުރި ވަޅެއްގެ ވާހަކައެވެ. ބިޔަ ފެންގަނޑެއް ނުވަތަ ކުޅިއެއް ނުވަތަ ކޯރެއް ނުވަތަ ކަނޑުގެ އައްސޭރީގައި ހުރި ވަޅެއްގެ ވާހަކައެއް ނޫނެވެ. އެ ވަޅުކޮޅުގެ ފެން ބޭނުން ކުރެވެން ފެށީ މީގެ ހަތަރުހާސް އަހަރު ކުރީންނެވެ. އޭގެ ފަހުން ޒަމާންތަކެއް ވަންދެން ވަޅުކޮޅު ފޮރުވިފައި ހުރި ނަމަވެސް، އެ ވަޅުކޮޅުގެ ފެން މެދުނުކެނޑި ބޭނުން ކުރާތާ މިހާރު 1400 ވަރަކަށް އަހަރު ވަނީ ވެފައެވެ. މިހާރުވެސް ކޮންމެ ދުވަހަކު އެ ވަޅުކޮޅުން އެތައް މިލިއަން ލީޓަރެއްގެ ފެން ނެގެއެވެ. ދުވާލަކު އެތައް މިލިއަން ލިޓަރެއްގެ ފެން ހަދިޔާގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކަށް ފޮނުވުމުގެ ބޭނުމުގައި ނެގެއެވެ. މަސްޖިދުލް ޙަރަމުގެ އިތުރަށް މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ވެސް އެ ވަޅުކޮޅުގެ ފެން ހުންނަނީ ގުޅައިލެވިފައެވެ. މި ދެ މިސްކިތުން ދުވާލަކު އެތައް ހާސް ބަޔަކު ފެން ބޮއެވެ. ނަމަވެސް އެ ވަޅުކޮޅުގެ ފެން ހުހެއް ނުވެއެވެ. ޚުދު މައްކާގެ އެހެން ތަންތަނުގައި ކޮނެވޭ ފެންވަޅުތަކުގެ ފެން ވެސް މުއްދަތަކަށް ފަހު ހުސްވެއެވެ. ނަމަވެސް ޒަމްޒަމް ވަޅުކޮޅުގެ ފެން ހަމަ އެ ހުންނަ ވަރަށް ހުރެއެވެ.
މިއީ މުއުޖިޒާތެއް ނޫން ބާވައެވެ!
ޒަމްޒަމް ވަޅުކޮޅުގެ ތާރީޚު
ނަބީ ބޭކަލުންގެ ބަފައިކަލުނަވި އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ތަބާވެވަޑައިގަތުމުގެ ގޮތުން، އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ހާޖަރާއި ދަރިކަލުން އިސްމާޢީލުގެފާނު ގެންދަވައި މައްކާގެ ހަނަފަސް ވާދީގެ ތެރެއަށް ދޫކޮށްލެއްވީ ޢީސާ ޢަލައިހިއްސަލާމްގެ މީލާދުގެ 2000 ވަރަކަށް އަހަރު ކުރީންނެވެ. އެ ދެމައިކަނބަލުންގެ ފުރާގުގެ ގޮތުގައި ޖަނަވާރު ހަމުގެ ފެންހަމެއްގައި އޮތް ފެންފޮދަކާއި ކަދުރުކޮޅެއް ދެއްވައިފައެވެ. އެ ކަދުރުކޮޅާއި ފެންފޮދު ދާދި އަވަހަށް ހުސް ވިއެވެ. ދެން ހާޖަރާއި އެކަމަނާގެ ލޮބުވެތި ދަރިކަލުންނަށް ޖެހިވަޑައިގަތީ ބަނޑުހައިކަމާއި ކަރުހިއްކުމުގެ ވޭން ތަޙައްމަލު ކުރައްވާންށެވެ.
މި ޙާލުކޮޅުގައި، ނިހާއީ ބޭޤަރާރުކަމުގައި ހުންނަވައިގެން ހާޖަރު އެ ވާދީގެ ތެރޭގައި ދުވެވަޑައިގެންނެވިއެވެ. އެކަމަނާގެ ދަރިކަލުން ބަނޑުހައިފުޅުކަމާއި ކަރުފުޅުހިއްކުމުގެ ވޭނުގައި ކީރިތި ކުރައްވަމުން ގެންދެވި އިރު ޚުދު އެކަމަނާ ވެސް ހުންނެވީ ގަދަ ހޫނުގެ ސަބަބުން މީހަކަށް ތަސައްވުރު ވެސް ކޮށްނުލެވޭފަދަ ހާލުކޮޅެއް ޖެހިވަޑައިގެންފައެވެ.އެ ދަނޑިވަޅުގައިއެއްވެސް އެހީތެރިކަމެއްގެ ހިލަންހުވަން ވިޔަސް ފެނިވަޑައިގަންނަވާތޯ އެކަމަނާ ކައިރީގައި ހުރި ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދައާ ދެމެދުގައި ހިންގެވިއެވެ. ތުއްޕުޅު އިސްމާޢީލު އޮންނެވި ތަނާ ދިމާއިން އެކަމަނާއަށް އަޑެއް އިވިވަޑައިގަތީ ހަތްވަނަ ފަހަރަށް މަރުވާ ފަރުބަދަޔަށް އަރައިވަޑައިގަންނަވަނިކޮށެވެ. އެ ދިމާޔަށް ބެއްލެވުމުން އެކަމަނާއަށް ފެނިވަޑައިގަތީ ޖިބްރީލުލްއަމީން އިސްމާޢީލުގެފާނު އޮންނެވި ދިމާޔަށް ފައިބައިވަޑައިގެންނެވި މަންޒަރެވެ. ޖިބްރީލުގެފާނު އެކަލޭގެފާނުގެ ފުންނާބުފުޅުންނުވަތަ ފިޔަފުޅުން ބިންމަތީގައި ޖެއްސެވިއެވެ. ނުވަތަ ކޮންނެވިއެވެ. އެ ކޮންނެވި ތަނުން ފައިދާވެ ކޯދުލައިފައި އަރައިގެން އައީ ޒަމްޒަމްގެ ބަރަކާތްތެރި ފެނެވެ.
ޒަމްޒަމްގެ ރަޙުމަތް ބާވައިލެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައްކާ އާބާދުވިއެވެ. ދާދި ކުރު މުއްދަތެއްގެ ތެރޭގައި އެ ޝަހަރު ޢަރަބިކަރައިގެ އެންމެ މުހިއްމު ޝަހަރަށް ވެގެން ދިޔައެވެ. އިސްމާޢީލުގެފާނު އަވަހާރަވެ، އެކަލޭގެފާނުގެ ބޭބޭފުޅުން ވެސް އަވަހާރަވުމަށް ފަހު، އެއިރު މައްކާގައި ވެރިކަން ކުރި ޖުރްހުމް ޤަބީލާގެ މީހުން މައްކާގައި ފިތުނަފަސާދަ އުފައްދަން ފެށިއެވެ. މައްކާގެ ކަންތައްތައް ބަދަލުވެގެން ދިޔަގޮތުން، ޖުރްހުމް ޤަބީލާގެ މީހުން ޝަހަރުން ނިކުމެގެން ހިނގައިދާން ޖެހިދާނޭކަމުގެ ނިޝާންތައް ފެންނަން ފެށުމުން، ޖުރްހުމްގެ ވެރިޔާ ޒަމްޒަމް ވަޅުކޮޅަށް ފަސް އަޅައި ފޮރުވައިލިއެވެ. އޭގެ ފަހުން އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބު ބިން ހާޝިމުގެ ދައުރާ ހަމަޔަށް އެ ވަޅުކޮޅުގެ ޚަބަރު އޮތީ ވަންހަނާ ވެފައެވެ. ނަމަވެސް ޢަބްދުލްމުއްޠަލިބުގެފާނަށް ހުވަފެންފުޅަކުން ލިބިވަޑައިގަތް އިޝާރާތަކާ ވިދިގެން އެ ވަޅުކޮޅު އަނެއްކާވެސް ކޮންނެވިއެވެ. އެއީ އިތުރު ރަސޫލާ އުފަންވެވަޑައިގަތުމުގެ ތިރީހަކަށް އަހަރު ކުރީންނެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ވެސް ޒަމްޒަމްގެ ބޭނުން ދަނީ ކުރެވެމުންނެވެ.
ޢަބްދުލްމުއްޠަލިބުގެފާނުގެ ޒަމާނުގައި ޒަމްޒަމް ވަޅުކޮޅު ކޮންނެވުމަށް ފަހު ވެސް އެ ވަޅުކޮޅު ހުރީ އާދައިގެ ވަޅެއްގެ ސިފައިގައެވެ. ވަޅުކޮޅުގެ ވަށައިގެން ހުރީ އާދައިގެ ހިލައިގެ ފާރެކެވެ. ނަމަވެސް މީލާދީން 771 ގައި ޢައްބާސީ ޚަލީފާ އަލްމަންޞޫރު، ޒަމްޒަމް ވަޅުކޮޅަށް ހިޔާ ލިބޭ ގޮތަށް ގުއްބެއް ބިނާ ކުރެއްވިއެވެ. އޭގެ ފަހުން އެކި ދައުރުތަކުގައި މުސްލިމް ވެރީން ވަނީ ވަޅުކޮޅު ހުންނަ ތަން ހިޔާ ކުރައްވައި ޒީނަތްތެރި ކުރެއްވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، މީލާދީން 775 ވަނަ އަހަރު ޢައްބާސީ ޚަލީފާ އަލްމަހްދީ އާއި، މީލާދީން 835 ގައި ޢައްބާސީ ޚަލީފާ އަލްމުޢްތަޞިމް އާއި، މީލާދީން 1417 ގައި މިޞުރުގެ މަމްލޫކީ ސުލްޠާން ވެސް ޒަމްޒަމްގެ ގުއްބު އިތުރަށް ފުރިހަމަ ކުރައްވައި ނުވަތަ އަލުން ބިނާ ކުރައްވައި ހެއްދެވިއެވެ. މީލާދީން 1430 އާއި 1499 ގައި ވެސް އެ ބިނާއަށް ބަދަލުތައް ގެނެވި، މަރާމާތު ކުރެވިފައި ވެއެވެ. މީލާދީން 1915 ވަނަ އަހަރު ޢުޘްމާނީ ސުލްޠާން ޢަބްދުލްޙަމީދު ދެވަނަ ޒަމްޒަމް ވަޅުކޮޅުގެ ގުއްބު އަލުން ބިނާކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ރަސްކަން އުފެދުމަށް ފަހު ސަޢޫދީ ރަސްރަސްކަލުން ވަނީ ޒަމްޒަމް ވަޅުކޮޅު ހުންނަ ސަރަހައްދު ވަރަށް ބޮޑަށް ބަދަލު ކުރައްވައިފައެވެ. މިއަދު އެ ވަޅުކޮޅު ހާމަޔަށް ފެންނާކަށް ނުހުރެއެވެ. ކުރީންވެސް ދެންނެވިފައި ވާނޭ ފަދައިން، މިހާރު ޒަމްޒަމް ވަޅުކޮޅު ހުންނަނީ ޠަވާފު ކުރާ ތަނުގެ އަޑިއަށް ވާގޮތަށެވެ. ވަޅުކޮޅުން ފެން ނަގަނީ ބިމުއަޑީން ވަޅުކޮޅަށް ގުޅައިލެވިފައިވާ ފެން ޕަންޕުކުރާ ނިޒާމެއްގެ އެހީގައެވެ.
ޒަމްޒަމް ފެނާ މެދު ދެކެވޭ ވާހަކަތަކެއް
މުސްލިމުން ގަބޫލުކުރާ ގޮތުގައި ޒަމްޒަމް ވަޅުކޮޅުގެ ފެނަކީ މުޤައްދަސް ފެނެކެވެ. ޚާއްސިއްޔަތެއް ލިބިގެންވާ ބަރަކާތްތެރި ފެނެކެވެ. މުސްލިމުންގެ ގާތުގައި މިފަދަ މަގާމެއް ލިބިގެންވާ ކޮންމެ އެއްޗަކާ ބެހޭގޮތުން ފާޑުފާޑުގެ ވާހަކަތައް ނުފެތުރި އޮތުމަކީ މި ޒަމާނުގައި މުސްތަހީލު ކަމެކެވެ. އެގޮތުގެމަތީން، ޒަމްޒަމްގެ ފެނާ ބެހޭގޮތުން ވެސް މި ދަންނަވާފަދަ ވާހަކަތަކެއް ވަނީ ފެތުރިފައެވެ.
މީލާދީން 1971 ވަނަ އަހަރުގެ ތެރޭގައި މިސުރުގެ ޑޮކްޓަރަކު ޔޫރަޕުގެ ނޫސްތަކަށް ސިޓީއެއް ލިޔުނެވެ. އެސިޓީގައި އޭނާ ބުނެފައި ވަނީ ޒަމްޒަމް ވަޅުކޮޅުގެ ފެނަކީ އިންސާނުން ބޯން ކަމުދާ ފެނެއްނޫން ކަމަށެވެ. އޭނާ ބުނެފައި ވަނީ މައްކާ ފަދަ ކަނޑުގެ ސަތުހަށް ވުރެ ތިރި ވާދީއެއްގައި، ބޭނުން ކޮށްފައިވާ ފެން ބިމަށް ހިންދާ ނަމަ އޭގެ ސަބަބުން ޒަމްޒަމްގެ ފެން ތަގައްޔަރު ވާން ޖެހޭނޭ ކަމަށެވެ. ސަޢޫދީ ޢަރަބިއްޔާގެ އެއިރުގެ ރަސްގެފާނު އަލްމަލިކު ފައިޞަލް ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް މި ސިޓީގެ ޚަބަރު ލިބިވަޑައިގަތުމުން އެކަމާ އެމަނިކުފާނު ވަރަށް ބޮޑަށް ކޯފާވެ، ޒަމްޒަމް ފެނާ ބެހޭ ފުރިހަމަ ސައިންސީ ތަހުލީލުތަކެއް ކުރަން އެންގެވިއެވެ. އެ ތަހުލީލުތައް ކުރުމުގައި ޒަމްޒަމް ފެނުގެ ސާމްޕަލް ޔޫރަޕްގެ އެންމެ ކުރިއަރައިފައިވާ ލެބޯޓަރީތަކަށް ފޮނުވައިގެން ޓެސްޓު ކުރަން ވެސް އަމުރު ކުރެއްވިއެވެ. ސަޢޫދީގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ވޯޓަރ ރިސޯރސަސްގެ ފަރާތުން މި މަސައްކަތް ހަވާލު ކުރީ "ޖިއްދާ ޕަވަރ އެންޑް ޑީސެލިނޭޝަން ޕްލާންޓް" އާއެވެ. ރަސްގެފާނުގެ އަމުރުފުޅާ އެއްގޮތަށް އެފަރާތުން އެ ތަހުލީލުތައް ކުރިޔަށް ގެންދިޔައެވެ. ފެނުގެ ސާމްޕަލް ނެގީވެސް ވަޅުކޮޅަށް ފައިބައިގެންނެވެ.
ޒަމްޒަމް ފެނުގައި އާދައިގެ ފެނަށްވުރެ ތަންކޮޅެއް ގިނައިން ކެލްސިއަމާއި މެގްނީޒިއަމް ސޯލްޓާއި ސޯޑިއަމާއި ގުދުރަތީ ފްލޮރައިޑް ހިމެނޭކަން ފުރަތަމަ ހާމަވީ އެއިރު ކުރެވުނު ތަހުލީލުތަކުންނެވެ. އެ ތަހުލީލުތަކުން އިތުރަށް އެނގުނު ގޮތުގައި ޒަމްޒަމް ފެނަކީ އިންސާނުން ބުއިމަށް ކަމުދާ ފެން ހުންނާން ޖެހޭ ކަމަށް އަލިފުދާލު ޖަމްއިއްޔާގެ "ވޯރލްޑް ހެލްތު އޯރގަނައިޒޭޝަން" ނުވަތަ "ޑަބްލިއޫއެޗްއޯ" އިން ބަޔާން ކޮށްފައިވާ މިންގަނޑަށް ފުރިހަމަޔަށް ފެތޭ ފެނެކެވެ. މަލިކު ފައިޞަލްގެ އެދިވަޑައިގަތުމާ އެއްގޮތަށް މި މައުލޫމާތު ޔޫރަޕްގެ ނޫސްތަކަށް ވެސް ފޯރުކޮށްދެވުނެވެ.
1970 އިގެ އަހަރުތަކަށް ފަހު، މި ބާވަތުގެ ވާހަކައެއް ދެކެވެން ފެށީ 2005 ވަނަ އަހަރުއެވެ. އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިނގިރޭސި ވިލާތުގެ "ބްރިޓިޝް ފޫޑް ސްޓޭންޑަރޑްސް އޭޖެންސީ" އިން ނެރުނު އިންޒާރުގެ އިއުލާނެއްގައި އޮތް ގޮތުން، އިނގިރޭސި ވިލާތުގައި "ޒަމްޒަމް ފެން" ކަމަށް ބުނެ ވިއްކަމުން ދިޔަ ފެނެއްގައި އިންސާނުން ބޯ ފެނުގައި ހުރެގެން ނުވާނޭ މިންވަރަށް "އާރސަނިކް" އެކުލެވިފައި ވެއެވެ. މި މާއްދާއަކީ ކެންސަރަށް ވާރުތަ ކުރާ މާއްދާއެކެވެ.
ޒަމްޒަމް ފެނުގެ ނަމުގައި ބަންދު ކުރެވިފައި ހުރި ފެނެއް ބާޒާރުގައި ގަނެވިއްކަމުންދާކަމުގެ ޝަކުވާ " ބްރިޓިޝް ފޫޑް ސްޓޭންޑަރޑްސް އޭޖެންސީ" އަށް އެއިރު އުފުލީ ވެސް އިނގިރޭސި ވިލާތުގެ މުސްލިމް މުޖުތަމައުގެ ލީޑަރުންނެވެ. އެހެނީ ޒަމްޒަމް ފެން ވިޔަފާރީގެ ގޮތުގައ ބޭނުން ކުރުމާއި ގައުމުން ބޭރު ކުރުމަކީ ސަޢޫދީ ޢަރަބިއްޔާގެ ގާނޫނުތަކުން ވަރަށް ވަރުގަދަޔަށް މަނާކުރެވިފައި އޮންނަ ކަމެކެވެ.
2005 ވަނަ އަހަރުގެ ހާދިސާއާ ގުޅިގެން"ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯރޕޮރޭޝަން" ނުވަތަ ބީބީސީން ވަނީ ޒަމްޒަމް ފެން ތަހުގީގު ކުރަން "ޚާއްސަ ސިއްރު ތަހުގީގެއް" ހިންގައިފައެވެ. 2011 ވަނަ އަހަރުގެ ތެރޭގައި ބީބީސީގެ "ތަހުގީގު"ގެ ނަތީޖާ ހާމަކުރަމުން ބުނިގޮތުގައި އެމީހުން ވަނީ މުސްލިމް ފިހާރަތަކުން ގަނެގެންނާއި، ހައްޖާޖީއެއްގެ ގޮތުގައި މީހަކު މައްކާއަށް ފޮނުވައިގެން ވެސް ޒަމްޒަމް ފެނުގެ ސާމްޕަލް ހޯދާފައެވެ. ބީބީސީން ބުނާގޮތުގައި އެމީހުން ޓެސްޓު ކުރި ޒަމްޒަމް ފެނުގައި، އިންސާނުން ބޯ ފެނުގައި އާރސަނިކް ހުރުން ޑަބްލިއޫއެޗްއޯގެ މިންގަނޑުތައް ހުއްދަ ކުރާ މިންވަރަށް ވުރެ ތިން ގުނަ އިތުރަށް އާރސަނިކް ހުއްޓެވެ. މީގެ އިތުރަށް އެ ފެނުގައި ނައިޓްރޭޓާއި ބައެއް އެހެން ޖަރާސީމު ހުރިކަމަށްވެސް ބީބީސީން ބުނެފައި ވެއެވެ.
ބީބީސީގެ މި ދިރާސާއާ ގުޅިގެން ދެކަމެއް ފާހަގަ ކޮށްލަން ޖެހެއެވެ. ފުރަތަމަ ކަމަކީ ބީބީސީ އެބުނާފަދަ ހާލަތެއް ޒަމްޒަމް ފެނަށް ކުރިމަތިވެދާނެކަމަށް ވިދާޅުވާ މުސްލިމް ރިސާޗަރުން އެބަ ތިއްބެވިކަމެވެ. އެފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި ފަހަކަށް އައިސް މައްކާގައި ހިންގިފައިވާ އަދި ހިންގޭ ބޮޑެތި އިމްރާނީ މަޝްރޫއުތަކުގެ ތެރޭގައި އެތައް ބާވަތެއްގެ ކެމިކަލާއި ހަޑިފެން މައްކާގެ ފަސްގަނޑަށް ގިނަ އަދަދަކަށް ހިންދަމުންދާ ދިޔުމުގެ އަސަރު ޒަމްޒަމް ވަޅުކޮޅުގެ ފެނަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ﷲ ކިތަންމެ މާތްކޮށް، ކިތަންމެ ތާހިރުކޮށް އުފެއްދެވި އެއްޗެއް ވެސް އިންސާނާގެ އަތުން ހަޑި ކުރަން ފަށައިފިއްޔާ، އެ އެއްޗެއް ހަޑިވެދާނޭކަން އެއީ ޚުދު ﷲ ގެ ފޮތުން އެނގޭ ހަގީގަތެކެވެ.
މި ދެންނެވި ފަދަ މުސްލިމް ރިސާރޗަރުންގެ ތެރެއިން އެއް ބޭފުޅަކީ އިނގިރޭސި ވިލާތުގެ "އިސްލާމިކް ހެރިޓޭޖް ރިސާރޗް ފައުންޑޭޝަން" ގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ޢިރުފާން އަލް ޢަލަވީއެވެ. 2011 ވަނަ އަހަރު ބީބީސީން ކުރި "ތަހުގީގު" ގެ ނަތީޖާ ހާމަވުމުން ޑރ. ޢިރުފާން ވިދާޅުވި ގޮތުގައި އެ ނަތީޖާތައް އެއީ ތެދެއް ކަމަށް ވިޔަސް، އެކަމާ އޭނާ ހައިރާންފުޅެއް ނުވާނެއެވެ. ޑރ. ޢިރުފާނަކީ އޭގެ މާކުރީއްސުރެ، މައްކާގައި ހިންގޭ އިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ޒަމްޒަމް ފެން ތަގައްޔަރު ވެދާނޭ ކަމަށް ހަރުއަޑުފުޅުން ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. އެކަމާ ގުޅޭ އެތައް ދިރާސާތަކެއް އޭނާ ކުރައްވާފައި ވެއެވެ. 2011 ވަނަ އަހަރު އޭނާ ވިދާޅުވެފައި ވެއެވެ. "ޒަމްޒަމް ވަނީ ނުރައްކަލުގެ ތެރޭގައި އަޅުގަނޑު ބުނާތާ މިހާރު 25 އަހަރު ވެއްޖެ. 1970 އިގެ ކުރީކޮޅު މަސްޖިދުލް ޙަރަމްގައި ހިންގުނު އިމާރާތް ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ވެސް ޒަމްޒަމް ފެނުގެ މަޞްދަރުތަކަށް ތަގައްޔަރުކަން އައި. މީގެ އިތުރުން ވަޅުކޮޅުގެ ކައިރީގައި ކުރީއްސުރެ ހިންގުނު ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ސަބަބުން ވެސް މިކަން ވެފައި ހުރެދާނެ."
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ޑރ. ޢިރުފާން ވަނީ ޒަމްޒަމް ވަޅުކޮޅަށް ގެއްލުންތަކެއް ފޯރާފަދަ ގޮތަކަށް ސަޢޫދީ ސަރުކާރުން ހިންގާ އިމާރާތްކުރުމުގެ މަޝްރޫއުތަކާ މެދު އިސްލާމީ ދުނިޔެ ލޯމަރައިލައިގެން އޮންނަ އޮތުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ. މިހާރުވެސް ސަޢޫދީ ސަރުކާރުން ގެންދަނީ މައްކާގެ އެކިހިސާބުތަކުގައި އިމާރާތްކުރުމުގެ މަލްޓިބިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިންގަމުންނެވެ. އުޑާ ވާހަކަހައި އުސް "ސްކައިސްކްރެޕަރޒް"ތަކުން ބަރާވެފައިވާ "މެޓްރޮޕޮލިސް" އެއްގެ ސިފަ މުސްލިމުންގެ ރޫހާނީ ވެރިރަށަށް ގެންނަމުންނެވެ. މައްކާއަކީ އިގްތިސާދީ މަރުކަޒަކަށް ހެދުމުގެ ގޮތުން ކުރެވޭ މި މަސައްކަތްތަކުގެ ސަބަބުން، ޝަހަރުގެ ރޫހާނީ ސޫރަ މުޅީން ގެއްލި، ހަގީގީ މައްކާ ތާރީޚުގެ ތެރޭގައި ގެއްލިދިޔުމުގެ ބިރު މިއަދު ވަނީ ކުރިމަތިވެފައެވެ.
ބީބީސީގެ "ތަހުގީގާ" ގުޅިގެން ފާހަގަކުރަން ޖެހޭ ދެވަނަ ނުކުތާއަކީ އެ "ތަހުގީގުގެ" އިތުބާރު ގެއްލުވައިލާ ސަބަބުތަކެއް އެބަހުރި ކަމެވެ. އެންމެ ފުރަތަމަ ކަމަކަށް، އެ ދިރާސާ "ޕިއަރ ރިވިއު" ކުރެވިފައެއް ނުވެއެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ބީބީސީގެ ތަހުލީލުތަކުގައި މަސައްކަތް ކުރި ސައިންސްވެރީންނާ އެއް ފެންވަރެއްގެ ސައިންސްވެރީންތަކެއް، ބީބީސީގެ ތަހުލީލުތަކާ ވަކީން މިނިވަން ގޮތެއްގައި އެ ތަހުލީލުތަކުގެ ސައްހަކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ބީބީސީގެ ތަހުލީލުތައް ޔޫރަޕުގެ ވެސް އެހެން އެއްވެސް ލެބޯޓަރީއަކާ ހިއްސާ ކުރެވި، އޭގެ ސައްހަކަން އެހެން ލެބޯޓަރީއެއްގައި ބެލިފައެއް ނުވެއެވެ. މިއީ މިފަދަ ސައިންސީ ހޯދުންތަކާ ގުޅިގެން ސައިންޓިފިކް މުޖުތަމައުގައި ކަންކުރެވޭ އާއްމު އުސޫލުތަކުގެ ދަށުން ކުރަން ޖެހޭ، އެކަމަކު ބީބީސީން ޒަމްޒަމް ފެން ތަހުގީގު ކުރި އިރު ނުކުރާ ކަންކަމެވެ.
ހަމައެފަދައިން، ބީބީސީގެ "ތަހުގީގުގެ" ނަތީޖާ ސައިންޓިފިކް މުޖުތަމައު ގަބޫލުކުރާ އެއްވެސް ޖާރނަލްއެއް ފަދަ އެއްޗެއްގައި ތަފްސީލުތަކާއެކު ޝާއިއު ކޮށްފައެއް ނުވެއެވެ. މި ވާހަކަ ދެއްކީ ހަމައެކަނި ބީބީސީގެ މީޑިއާ އައުޓްލެޓްތަކުގައެވެ. ހަމައެހެންމެ، ބީބީސީގެ މި ތަހުގީގުތަކަށްފަހު ވެސް "ޑަބްލިއޫއެޗްއޯ" އިން ޒަމްޒަމް ފެނަކީ ބޯން ކަމުނުދާ ފެނެއް ކަމަށް އެއްވެސް ސިފައެއްގައި ބުނެފައެއް ނުވެއެވެ. ބީބީސީގެ ހޯދުމަށް ޑަބްލިއޫއެޗްއޯއިން އިތުބާރު ކުރާ ނަމަ، އެ ކަމާ ގުޅިގެން ޑަބްލިއޫއެޗްއޯ ހިމޭނުން އޮވެދާނެކަން ގަބޫލެއް ނުކުރެވެއެވެ.
ނަމަވެސް މި ހުރިހާ ނުކުތާތަކަށްވުރެ ވެސް އެއްގޮތަކުން ބަލާއިރު މުހިއްމު ސުވާލަކީ، މައްކާއާއި މަދީނާގައި ތިބެގެން އެތައް ލައްކަ ބަޔަކު ކޮންމެ ދުވަހަކު ޒަމްޒަމް ފެން ބޯ އިރު، އެ ބުނާ ދަރަޖައަށް އެ ފެނުގައި އާރސަނިކް ހުރި ނަމަ، މައްކާ އާއި މަދީނާގައި ކެންސަރު ފެތުރި އާއްމު ނުވަނީ ކީއްވެގެން ބާވައޭ މި ސުވާލެވެ.
ޒަމްޒަމް ފެނަކީ ބަރަކާތްތެރި ފެނެއްކަން ކަށަވަރު ކޮށްދެއްވީ މަތިވެރި މާތްރަސްކަލާނގެ ރަސޫލާއެވެ. އެ ފެނަކީ ޝިފާއެއް ކަމުގެ ގަރަންޓީ ދެއްވީ އެކަލޭގެފާނެވެ. އެ ފެނަކީ ނަބީބޭކަލުންގެ ބަފައިކަލުނަވި އިބްރާހީމް ޢަލައިހިއްސަލާމަށް މާތްރަސްކަލާނގެ ދެއްވެވި އެންމެ ބޮޑު އެއް ހަދިޔާއެވެ. މި ދުނިޔޭގައި އެއަށްވުރެ ދިގު، އަދި އެއަށްވުރެ ރީތި ތާރީޚެއް އޮތް އެހެން ފެންގަނޑެއް، ފެންވަޅެއް، ފެންއާރެއް ފަދަ އެއްޗެއް ނެތްކަމާ މެދު ޝައްކެއް ނެތެވެ.
އެހެންކަމުން ޒަމްޒަމްގެ ބަރަކާތްތެރި ފެނާ މެދު މުސްލިމުން ޝައްކެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ. އެފެން ވަނީ 1400 އަހަރު ވަންދެން މުއުމިނުންގެ ރޫހާނީ އަދި މާއްދީ ކަރުހިއްކުން ފިލުވައިދީފައެވެ. މުސްލިމުންގެ ހިތްތަކުން ޚާއްސަ މަގާމެއް ހާސިލު ކޮށްފައެވެ. ނަމަވެސް ޒަމްޒަމް ރައްކާތެރިކަމާއެކު މާދަމާއަށް ޓަކައި ބަހައްޓަން އަޅުގަނޑުމެން ބޭނުން ނަމަ، އަޅުގަނޑުމެން ކުރާން ޖެހޭ ކަންތައްތަކެއް ވެއެވެ. ކުރުކޮށް ދަންނަވާނަމަ، އެކަމަކީ އެ ނިއުމަތާ މެދު ރައްކައުތެރިވެ ފަރުވާތެރި ވުމެވެ. އެހެނީ ކޮންމެ ނިއުމަތަކީ ވެސް އިންސާނަގެ ކުފުރުވެރިކަމުގެ، ނުވަތަ ޝުކުރުވެރިނުވުމުގެ، ނުވަތަ އިހުމާލުވުމުގެ އަތްތަކުން ތަގައްޔަރުކޮށް، ކިލަނބުކޮށް، ނަގައިލެވިދާނޭ ނިއުމަތެކެވެ.
--
ނޯޓު: މިއީ 07 ޑިސެމްބަރ 2012 ގައި ސަން ގައި ޝާއިއުކޮށްފައިވާ ރިޕޯޓެކެވެ. މިއަދަކީ ބަރަކާތްތެރި ހައްޖު ދުވަސް ކަމަށް ވެފައި، ޒަމްޒަމް ފެނާ ގުޅޭ މި ފަދަ ރިޕޯޓެއް މި ދުވަސް ވަރަށް މުނާސަބު ކަމަށް ގަބޫލު ކުރެވޭތީ ސަން އިން ކިޔުންތެރީންނަށް މި ރިޕޯޓު އަލުން މި ގެނެސްދެނީ އާޓިކަލް ގެ އަސްލަށް އެއްވެސް ބަދަލެއް ނުގެނެހެވެ.