11 Sep 2016, 10:34
އިންޑިއާގެ މުމްބާއީ އަށް އުފަން އުމުރުން 19 އަހަރުގެ ރެޝްމާ ގުރޭޝީ އަކީ އެސިޑު ޖެހުމުގެ ހަމަލާއެއްގެ ޝިކާރައަކަށްވެ، މޫނުގެ ސިފަ އެކީގައި ބަދަލުވެފައިވާ އަންހެން ކުއްޖެކެވެ. ދެހާސް ސާދަ ވަނަ އަހަރު ލިބުނު ހަމަލާ އަށް ފަހު ގިނަ މީހުން އޭނާ ސިފަކުރަނީ ބިރުވެރި މީހެއްގެ ގޮތުގަ އެވެ.
ނަމަވެސް ރެޝްމާ މިވަނީ، މީހުން "ރީތި" ސިފަކުރާ ގޮތް ބަދަލު ކުރަން އަޒުމް ކަނޑައަޅައިފަ އެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފެށި ނިއު ޔޯކް ފެޝަން ވީކްގެ ރޭމްޕުގައި ހިނގައިފަ އެވެ.
އެއީ ފިހާރަތަކުން ފަސޭހަކަމާ އެކު ލިބެން ހުންނަ ނުރައްކާތެރި ކެމިކަލްތައް ވިއްކުން ހުއްޓުވުމަށް، އެފްޓީއެލް މޮޑަ ޝޯ ކިޔާ ފެޝަން ޕްރޮޑަކްޓް ކޮމްޕެނީ އަކުން ފަށާފައިވާ ކެމްޕޭނުގައި ހިމެނޭ ހަރަކާތެކެވެ.
ރެޝްމާގެ މަސައްކަތަށް ގިނަ ބަޔަކު މަރުހަބާ ކިޔާފައި ވާއިރު، އެސިޑު ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީވުމަށް މަސައްކަތް ކުރާ ގްރޫޕެއް ކަމަށްވާ "މޭކް ލަވް، ނޮޓް ސްކާސް" އިން ވަނީ ރެޝްމާގެ އިސްނެގުމަށް ތާއީދުކޮށްފަ އެވެ.
ރެޝްމާގެ މޫނަށް އެސިޑު ޖަހާފައި ވަނީ، 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާގެ ދައްތަގެ ފިރިމީހާ އާއި ބައެއް އެކުވެރިންނެވެ.
ރެޝްމާ ބުނެފައި ވަނީ ފެޝްން ވީކްގައި ބައިވެރިވުމުގެ ސަބަބުން، އެސިޑު ހަމަލާތަކުގެ ޝިކާރައަކަށް ވެފައި ތިބި އެތައް ބަޔަކަށް، ބޭރަށް ނުކުމެ އުޅުމުގެ ހިތްވަރު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ފެޝަން ވީކްގައި ރެޝްމާ ދައްކާލާފައި ވަނީ ޑިޒައިނަރު އަރްޗަނާ ކޮޗަރުގެ ޑިޒައިނެކެވެ.
އިންޑިއާގައި އެކަނި ވެސް ކޮންމެ އަހަރަކު 500 އާއި 1000 ދެމެދުގެ އަދަދަކަށް އެސިޑު ޖެހުމުގެ މައްސަލަތައް ރިޕޯޓު ކުރެ އެވެ. އެފަދަ ހަމަލާތަކުގައި މީހުން މަރުވާ މިންވަރު ދަށް ނަމަވެސް، އެފަދަ ހަމަލާ އެއްގެ ސަބަބުން މީހަކަށް ލިބޭ ޖިސްމާނީ ގެއްލުމާއި ނަފްސާނީ އަދި އިޖުތިމާއީ ގެއްލުން ވަރަށް ބޮޑެވެ.