ބޮލީވުޑްގެ އަރަމުން އަންނަ އެކްޓަރު ސުޝާންތު ސިންގ ރާޖްޕުތު އަދި އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ޓީވީ އެކްޓްރެސް އަންކިތާ ލޮކާންޑޭ މިހާރު އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ކަމަށް ސުޝާންތު ބުނެފި އެވެ.

ސުޝާންތު އާއި އަންކިތާ ބައްދަލުވެ، ރައްޓެހިވީ ޒީޓީވީ އިން ގެނެސްދިން މަގްބޫލު ޝޯވ "ޕަވިއްތުރަ ރިޝްތާ" އިންނެވެ. ދެމީހުން މި އަހަރުގެ ކުރީ ކޮޅު ރުޅިވީ ހަ އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު އެވެ.

ދެމީހުންގެ ގިނަ ދުވަސްވީ ގުޅުން ނިންމާލި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް، ދެމީހުން ވަކިވީ ކައިވެނީގެ ހުރިހާ ކަމެއް ވެސް ނިމިފައި ވަނިކޮށެވެ.

ސުޝާންތުގެ މިހާރު އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު، "އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ"ގެ ޕްރޮމޯޝަންގެ މަސައްކަތުގައި ވަރަށް އަވަދިނެތި އެވެ. ނަމަވެސް އޭނާ ވަނީ އަންކިތާ އާއި ގުޅުވައިގެން ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދިނުމަށް މަޑުކޮށްފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޝާންތު ބުނީ އަންކިތާ އާ ދެމީހުންގެ ދެމެދުގައި މިހާރު އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ދެމީހުން ވާހަކަ ނުދައްކާ ކަމަށެވެ.

ނަމަވެސް އަންކިތާ އަށް ބޮލީވުޑަށް ނުކުތުމަށް ލިބުނު ފުރުސަތެއްގެ ވާހަކަ ސުޝާންތު ގާތުގައި ބުނި ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ވަރަށް އުފާކުރަން އަންކިތާ އަށް ލިބުނު ފުރުސަތަށް. އަހަރެން އޭނާ އަށް ރަނގަޅު ގޮތް ވުމަށް އެދެން،" ސުޝާންތު ބުނެފައިވެ އެވެ.

ސުޝާންތު ވަނީ އޭނާ އާއި ބަތަލާ ކްރިތީ ސަނޯން އާ ގުޅުވައިގެން ދެކެވޭ ވާހަކަތައް ވެސް ދޮގުކޮށްފަ އެވެ.

"އެމްއެސް ދޯނީ"ގެ އިތުރުން ސުޝާންތު އާއި ކްރިތީގެ "ރާބްތާ"ގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.