އިނގިރޭސިވިލާތުގެ ރޮކް ބޭންޑް "ކޯލްޑްޕްލޭ" އިންޑިއާގެ މުމްބާއީގައި ޝޯ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނަމުން އަންނަތާ މިހާރު ދެ މަސް ވަނީ ވެފަ އެވެ. ނަމަވެސް މިހާރު މިވަނީ ހުރިހާ ކަމެއް ހަމަޖެހި "ކޯލްޑްޕްލޭ" މުމްބާއީގައި ޝޯ ދޭނެ ކަން ކަށަވަރު ވެފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން "ކޯލްޑްޕްލޭ"ގެ ޝޯ އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު، މުމްބާއީ މެޓްރޯޕޮލިޓަން ރީޖަން ޑިވެލޮޕްމެންޓް އޮތޯރިޓީގަ އެވެ.

އެއީ ގްލޯބަލް ސިޓިޒެން ފެސްޓިވަލް އިން އިންތިޒާމުކުރާ ޝޯއެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

"ކޯލްޑްޕްލޭ" މުމްބާއީ އަށް އަންނަކަން ކަށަވަރުވެފައިވާ އިރު، މާދަމަ އިން ފެށިގެން ޝޯގެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.

އެ ޝޯގެ ޓިކެޓުތަކުގެ އަގު ހާމަކޮށްފައި ވާ އިރު، ޓިކެޓެއް ވިއްކާ އެންމެ ކުޑަ އަގަކީ 25،000 އިންޑިއަން ރުޕީޒް އެވެ. އަދި ޓިކެޓުގެ އަގު ފަސް ލައްކަ އާ ހަމައަށް ވެސް އަރަ އެވެ.

އެއާއެކު ޓިކެޓު އަގުބޮޑު ކަމުގެ ޝަކުވާތައް މިވަނީ ގިނަ ވެފަ އެވެ. ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާ ގައި ޓިކެޓުގެ އަގާ މެދު ހިތްޖަމަ ނުޖެހުން ފާޅުކުރަމުންނެވެ.

އެގޮތުން އެންމެ ފަހުން ތައާރަފު ކުރި އެޕަލްގެ އައިފޯނު 7 އާއި ޝޯގެ ޓިކެޓުގެ އަގާ އަޅާކިޔައި ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

"ކޯލްޑްޕްލޭ"ގެ އިތުރުން އެ ޝޯގައި ރެޕް އާޓިސްޓު ޖޭ ޒީ، ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަން، ކުޅަދާނަ އެކްޓަރު އާމިރު ޚާން، ހުނަރުވެރި ލަވަކިޔުންތެރިޔާ އަދި ކޮމްޕޯޒާ އޭއާރް ރަހްމާން އަދި ހުނަރުވެރި އެކްޓްރެސް ދީޕިކާ ޕަދުކޯން ވެސް ބައިވެރިވާނެ އެވެ. އެ ޝޯގައި ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ވެސް ބައިވެރިވާނެ އެވެ.