11 Sep 2016, 00:58
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން އެންމެ ފަހުގެ ޗެމްޕިއަން ހާސްކަމުގެ ތެރެއަށް ވައްޓާލައިފި އެވެ.
އަމިއްލަ ދަނޑުގައި މިރޭ ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލް މޮޅުވެފައިވަނީ ފަސޭހަކަމާއެކު 4-1 ލަނޑުންނެވެ. މި ސީޒަނުގައި ލެސްޓާ އިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާ އިރު، މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި އެއް މެޗުން އެ ޓީމު އެއްވަރުވެފައިވެ އެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މިލްނާ ދިން ރީތި ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ރޮބާޓޯ ފާމީނޯ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލިވަޕޫލް މޮޅުވެފައިވަނީ 4-1 ލަނޑުން --- ފޮޓޯ: ރޮއިޓާސް
މެޗުގެ 31 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ދެ ލަނޑު ލީޑެއް ހޯދައިފަ އެވެ. އިނގިރޭސި ފޯވަޑް ޑެނިއެލް ސްޓަރިޖް ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު ސެނަގާލް ފޯވަޑް ސާޑިއޯ މާނޭ އެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ލިސްޓާ އިން ވަނީ ލަނޑެއް ޖަހައި ލިވަޕޫލުން ދަމަހައްޓަމުން ދިޔަ ލީޑު ހަނިކޮށްފަ އެވެ. ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ލޫކަސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެ ލަނޑު ލެސްޓާ އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް ޖެމީ ވާޑީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އަލުން ލީޑު ފުޅާކޮށްފަ އެވެ. ނެދަލެންޑްސްގެ ޖޯޖީނިއޯ ވައިނަލްޑަމް ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު އެޑަމް ލަލާނާ އެވެ.
ލިވަޕޫލުން ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ކައުންޓާ އެޓޭކެއްގައި މާނޭ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ފާމީނޯ އެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ޓީމުގެ ކުޅުންތެރިންނާއެކު މާނޭ އުފާފާޅުކުރަނީ: ލެސްޓާގެ މައްޗަށް ލިވަޕޫލުން ކުރި ހޯދާފައިވަނީ 4-1 ލަނޑުން --- ފޮޓޯ: ގެޓީ
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، އާސެނަލުން ވަނީ 2-1 ލަނޑުން ސައުތުހެމްޓަން އަތުން މޮޅުވެފަ އެވެ. އާސެނަލްގެ ގޯލްކީޕަރު ޕީޓާ ޗެކް އަތުން ބައިކޮޅަށް ވަން ލަނޑުން ސައުތުހެމްޓަން އަށް ލީޑު ލިބުނު ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑިފެންޑަރު ލޯރެންޓް ކޮޝިއެލްނީ ވަނީ އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ އާސެނަލަށް ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ސްޕެއިން މިޑްފީލްޑަރު ސެންޓި ކަޒޯލާ އެވެ.
ރަށުން ބޭރުގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ހޮޓްސްޕާ ވަނީ ފަސޭހަކަމާއެކު 4-0 ލަނޑުން މޮޅުވެފަ އެވެ. ޓޮޓެންހަމްގެ ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ހިއުންގް މިން ސޮން ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ޑެލޭ އަލީ އާއި ހެރީ ކޭން އެވެ.
އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްވިޗް އަލްބިއޮންއާ ދެކޮޅަށް ކުޅުނު މެޗުގައި 1-0 ލަނޑުން އޭއެފްސީ ބޯންމައުތު މޮޅުވި އިރު، ރަށުން ބޭރުގައި މިޑްލްސްބްރޯ އަތުން ކްރިސްޓަލް ޕެލަސް މޮޅުވެފައިވަނީ 2-1 ލަނޑުންނެވެ. ރަށުން ބޭރުގައި ވެސްޓް ހާމް ޔުނައިޓެޑް އަތުން 2-1 ލަނޑުން ވެޓްފޯޑް މޮޅުވި އިރު، ބާންލީ އާއި ހަލް ސިޓީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.