އަނިޔާއަށްފަހު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އައިސް ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑަކާއެކު އޮސަސޫނާ އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު ސްޕެނިޝް ލަލީގާގެ މެޗުގައި އޮސަސޫނާގެ މައްޗަށް ރެއާލް ކުރި ހޯދާފައި ވަނީ 5-2 ލަނޑުގެ ނަތީޖާއަކުންނެވެ.

މިރޭ ކުޅުނު މެޗުގައި ހަ ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ގެރެތު ބޭލް ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. އޮސަސޫނާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ، ރޮނާލްޑޯ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު ޑެނީލޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައި ވަނީ އަލްވާރޯ މޮރާޓާ އުފެއްދި ހަމަލާ އޮސަސޫނާގެ ކީޕަރު ޕެރޭޒް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ރެއާލުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ނަގައިދިން ރީތި ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ރެއާލުން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ކްރޫސް ނަގައިދިން ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕޯޗުގަލް ޑިފެންޑަރު ޕެޕޭ އެވެ. ރެއާލްގެ ފަސް ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 62 ވަނަ މިނެޓުގައެވެ. އެ ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އެވެ.

ރެއާލްގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށް ފަހު ލޫކާ މޮޑްރިޗް އުފާފާޅުކުރަނީ: އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވެފައިވަނީ 5-2 ލަނޑުން --- ފޮޓޯ: ގެޓީ

ރެއާލުން ފަސް ލަނޑު ލީޑެއް ނެގިތާ ދެ މިނެޓް ފަހުން އޮސަސޫނާ އިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ޑެ ލަސް ކުއޭވޭސް ނަގައިދިން ހުރަހަކުން އޮސަސޫނާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނިގެންދިޔަ އޮރިއޮލް ރިއޭރާ އެވެ.

މެޗުގެ 72 ވަނަ މިނެޓުގައި އޮސަސޫނާ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ރޮބާޓޯ ޓޮރޭސް ފޮނުވާލި ޕެނަލްޓީ ރެއާލްގެ ގޯލްކީޕަރު ކިކޯ ކަސިއްޔާ ވަނީ މަތަކޮށްފަ އެވެ. އޭގެ ހަ މިނެޓް ފަހުން ޖެމީ ރޮމޭރޯ ދިން ބޯޅައަކުން އޮސަސޫނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑޭވިޑް ގާސިއާ އެވެ.

މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް އޮސަސޫނާގެ ބޮނިން އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކި ނަމަވެސް، އޭގެ ފައިދާ ނަގައި ރެއާލަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ބޮނިން އަށް ދެވަނަ ރީނދޫ ކާޑެއް ދައްކާފައި ވަނީ ރެއާލްގެ ނާޗޯ ފެނާންޑޭޒް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ލީގުގައި ރެއާލުން މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދާފައިވެ އެވެ.