އަޟްހާ އީދުު ފާހަގަ ކުރުމަށް ލ. ކަންދޫ އެއާޕޯޓުން ފަންނާނުންތަކެއް އަރުވައިގެން ދިޔަ ހަތަރު ކާރެއް ލ. ގަމު ބޮޑު މަގުގައި އެކްސިޑެންޓްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 10:30 އެހާކަންހާއިރު މަތިމަރަދޫ އަވަށު، ގަމު، ބޮޑުމަގައި ހަތަރު ކާރެއް ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ. އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއިން މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެކްސިޑެންޓުވި ވެހިކަލްތަކުގައި ތިބި ފަންނާނުންތަކުގެ ތެރޭގައި މޯލްޑިވިއަން އައިޑޮލްއިން މަގުބޫލުކަން ހޯދި ޝަލަބީ ހިމެނެ އެވެ. އަދި އޭނާއާއެކު މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ހިމެނެ އެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ކޮން ފަންނާނުންނެއް ކަމެއް އަދި ނޭނގެ އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބެއް ކަމަށް ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ގަމު ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއް އަބުރާލަން އުޅުމުގެ ތެރޭގައި އެ ސައިކަލުގެ ފަހަތުން އައި ކާރުތަކެއްގައި ޖެހިގެން އެކްސިޑެންޓް ހިނގަން މެދުވެރިވީ ކަމަށެވެ.