ޒީރޯ ޑިގްރީ އެޓޯލްސްގެ ދޯނި އަލްބަމުގައި ނާޝިދު (ފުލޫ ނާޝިދު) ހުށަހަޅައިދިން ދިވެހިވަންތަ ރާގުގެ ލަވަތަކަކީ އަދިވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ލަވަތަކެވެ. އެއީ އަދިވެސް ދިވެހިންގެ ވިންދާ ކުޅެމުންދާ ރާގުތަކެކެވެ. ރާއްޖޭގައި ހިންގާ ގިނަ ރިސޯޓު ތަކެއްގައި އަދިވެސް އެ ލަވަތައް ޖަހަމުން އަންނަ އިރު، ނާޝިދު ދިވެހި މިއުޒިކީ ދާއިރާއަށް ކޮށްދީފައި އެ ވަނީ ނުހަނު އަގު ހުރި މަސައްކަތެއް ކަމާމެދު ދެބަހެއް ނުވެވޭނެ އެވެ.

ހަގީގަތުގައި އޭނާގެ އެ ހިދުމަތަކީ ހަަމައެކަނި ދިވެހި މިއުޒިކަށް ކޮށްދިން ހިދުމަތެއް ނޫނެވެ. އެއީ ދިވެހި ސަގާފަތަށް ވެސް އޭނާ ކޮށްދިން އަގު ހުރި މަސައްކަތެކެވެ. މިއުޒިކީ ދާއިރާގައި އޭނާގެ އަޑު މިހާރު ނީވުނު ކަމުގައިވީ ނަމަވެސް އޭނާގެ ހިދުމަތުގެ އަގުވަޒަން ކުރުން އެއީ ހައްގު މަސައްކަތެކެވެ.

ދިވެހި ފަންނާނުންނަށް ހިތްވަރު ދިނުމަށާއި، ދިވެހި އޮރިޖިނަލް މިއުޒިކް ޕްރޮމޯޓު ކުރުމަށް މީގެ ހަތް އަހަރު ކުރިން އުފެއްދި މިސްކު މެގަޒިން އަކީ މިއުޒިކަށް ހާއްސަކޮށްގެން ރާއްޖޭގައި ނެރެމުން އަންނަ ހަމައެކަނި މެގަޒިނެވެ. އެ މެގަޒިން އިން މިހާރު ވަނީ ނާޝިދުގެ ހިދުމަތްތައް ބަލައިގަނެ، އޭނާގެެ އަގުވަޒަން ކުރުމަށް ހާއްސަ ޝޯއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ދިވެހި ފަންނާނުން ވެސް ނާޝިދަށް ޓްރިބިއުޓެއް ހަދިޔާ ކުރަން ބޭނުންވުމާ އެކު މިސްކުން އިސްނަގައިގެން އެކަން ކުރުމަށް ނިންމާފައި ވަނީ ނާޝިދުގެ އާއިލާއާއެކު ވެސް މަޝްވަރާ ކުރުމަށްފަހުގަ އެވެ.

"ނާޝިދަކީ ދިވެހި މިއުޒިކަށް އެތައް ހިދުމަތެއް ކޮށްދެއްވި ބޭފުޅެއް. އެހެން ކަމުން ނާޝިދު ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ދިވެހި ފަންނާނުން ވެސް އެކަމަށް ބޭނުންވާތީ މި ޝޯ ބޭއްވުމަށް ނިންމީ،" މިސްކުގެ ފައުންޑާ ރިއާޔަތު އަބްދުލް މަޖީދު ވިދާޅުވި އެވެ.

ޓްރިބިއުޓް ޝޯ އެއް ބާއްވާއިރު، ނާޝިދުގެ ދަރިފުޅު، ނިޝްފާ ނާޝިދު ޝޯ ބޭއްވުމުގަ ބައިވެރިވާ ފަރާތްތަކަށް ޝުކުރުވެރިވެ އެވެ.

"އަހަރެން މިކަން ދެގޮތަކަށް ދެކެން. ދަރިއެއްގެ ހައިސިއްޔަތުންނާއި، ފަންނާނެއްގެ ހައިސިއްޔަތުން. ނާޝިދުގެ ދަރިއަކަށް ވުމުން އަހަރެން ވަރަށް ފަހުރުވެރިވޭ. ބައްޕައަކީ މިއުޒިކީ ދާއިރާގައި ރާއްޖޭގަ އާއި، ރާއްޖެއިން ބޭރުގައި ބޮޑެތި ކާމިޔާބީއެއް ހޯދާފައިވާ މީހެއް. އަހަރެންނަށް މިދާއިރާއިން ދަސްވެފަހުރި ހުރިހާ އެއްޗަކީ ބައްޕަގެ ފަރާތުން ދަސްވެފަ ހުރި އެއްޗެއް،" ނިޝްގެ އިހްސާސްތައް "ސަން" އާ ހިއްސާކުރި އެވެ.

ނިޝް ބުނީ ބައްޕަގެ ސަބަބުން މި ދާއިރާއަށް ހިތްހަމަޖެހި ޝައުގުވެރިވި ފަންނާނުން އެކީގަ ބައްޕަ މި ދާއިރާއަށް ކޮށްދީފައިވާ އަގުހުރި ހިދުމަތްތައް ބަލައިގަނެ އެކަން ފާހަގަ ކުރާ ކަމަށެވެ. އަދި ބައްޕަ ބަލި އެނދުގައި އޮތް ދުވަހު މިކަހަލަ ފުރުސަތެއް ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށްވެސް އޭނާ ބުންޏެވެ.

ނާޝިދު --- ފޮޓޯ/ ނިޝްފާ ނާޝިދު

ނާޝިދުގެ ހިދުމަތްތައް ބަލައިގަންނަ ކަން އެ ޝޯގެ ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބަލާލުމުންވެސް ހާމަވެގެންދާނެ އެވެ. އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ފަސް ފަރާތެއް ހަމަޖައްސާފައިވެ އެވެ. އެއީ، ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އާއި ދިރާގާއި އެސްޓީއޯގެ އިތުރުން އެޒިޑަން އަދި ޕީއެސްއެމް އެވެ.

ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ދިރާގުން ބުނީ، ދިވެހި ޒުވާނުން ފަންނާނުންގެ ކުރިއެރުމަށް ކުރާ ކޮންމެ ކަމެއްގައި ވެސް ދިރާގުން ބައިވެރިވާނެ ކަމަށެވެ. އަދި ނާޝިދަކީ ޒުވާން ފަންނާނުން އައިޑަލް އެއްގެ ގޮތުގައި ދެކޭ ފަރާތެއް ކަމަށްވެސް ދިރާގުން ބުނެ އެވެ.

"ދިވެހި މިއުޒިކަށް އިންގިލާބެއް ގެނެސް ރާއްޖޭގެ މިއުޒިކު ރާއްޖެއިން ބޭރަށް ގެންގޮސްދިން މީހަކީވެސް ނާޝިދު. ދިވެހި ފަންނާނުންނަށް ވެސް ފޮލޯ ކުރާނެ ލެޖެންޑެއްގެ ގޮތުގައި ދިވެއްސަކަށް މިހުރީ ނާޝިދު،" ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވި އެވެ.

މިމަހުގެ 21 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ނާޝިދަށް ދޭ ޓްރިބިއުޓް ޝޯ ބޭއްވުމުގެ ތައްޔާރީތައް މިސްކުންނާއި ފަންނާނުން އަންނަނީ ވަމުންނެވެ.