11 Sep 2016, 10:18
މިއަހަރު މިހާތަނަށް މާލޭގެ އެކަނިވެސް 13 ގެއެއްގައި ވަނީ ނުރައްކާ އަލިފާނުގެ ހާދިސާތަކެއް ހިނގާފަ އެވެ. ބަރުބޮޑު ދިރިއުޅުމުގެ ތެރެއިން ހޯދާފައިވާ އެތައް ސާމާނެއް އެ ހާދިސާތަކުގައި ވަނީ އަނދާ އެވެ. ވަގުތީ ހިޔާތަކަށް ބަދަލުވާން މަޖުބޫރުވެ ދިރިއުޅުން ވަނީ އަނދަވަޅަކަށް ވެއްޓިފަ އެވެ. ކައިރި ކައިރީގައި އެފަދަ ހިތާމަވެރި ހާދިސާތައް ވަނީ ހިނގައިފަ އެވެ. މުޅިންހެން އަޑުއިވެނީ ކަރަންޓް ޝޯތަކުން ރޯވީ ކަމަށް ބުނާ ވާހަކަ އެވެ. މި ވާހަކަތަކުގެ ފަހަތުގައިވާ ސިއްރުތައް އިނގޭ ހެއްޔެވެ؟
ހަރުދަނާ އުސޫލްތަކެއް އޮވޭ، އެކަމަކު މަކަރު ހަދާ!
އަލިފާނުގެ ހާދިސާތައް ހިނގައި މިލިއަނުން ގެއްލުންވަމުންދާ މާލޭގެ ގެތަކަށް ކަރަންޓް ލައިދެނީ ހަރުދަނާ އުސޫލެއްގެ ތެރެއިންނެވެ. އެނާޖީ އޮތޯރިޓީން ހުއްދަ ދީފައިވާ އިލެކްޓްރީޝަނަކު ކަރަންޓް ލުމުން ސްޓެލްކޯއިން އެ ކަރަންޓް ފެންވަރު ބަލަ އެވެ. ކަރަންޓް ލައިދިނުމުގައި ސްޓެލްކޯގެ ޕުރޮސެސް ދިގެވެ. ވައިރުކޮށްފައިވާ ގޮތް ބަލައި ޓެސްޓް ކުރަން ވަކި ބަޔަކު އާދެ އެވެ. އެ ޓީމުން ރަނގަޅު ކަމަށް ނިންމުމުން ކަރަންޓް ފީތާ ލުމަށް ވަކި ބަޔަކު އާދެއެވެ.

ކޯސްޓްލައިން ހާޑުވެއާ ގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފައިލް ފޮޓޯ
އެ އުސޫލްތައް އެގޮތަށް ހަމަޖައްސާފައި އޮތުމުގެ ސަބަބުން އެނާޖީ އޮތޯރިޓީގެ ޑިރެކްޓަރު އަދި އިލެކްޓްރިކް އިންޖީނިއާ މުއާވިޔަތު ޝަރީފް ވިދާޅުވީ، އަލިފާނުގެ ހާދިސާތައް ހިނގަނީ ކަރަންޓް މައްސަލަތަކުގައި ކަމަށް ގަބޫލުކުރަން ދަތިކަމަށެވެ.
މަކަރު ހަދަނީ ހަރަދު ކުޑަކުރަން!
އެންމެންގެ ރައްކާތެރިކަމަށް ހަރުދަނާ އުސޫލްތަކެއް ހަދާފައިވީ ނަމަވެސް އެއަށް އަމަލެއް ނުކުރެ އެވެ. ސްޓެލްކޯއިން އައިސް ކަރަންޓް ލައިދެންދެން އުސޫލަށް ތަބާވެ އެވެ. ނަމަވެސް ކަރަންޓް ދިއުމާ އެކު ގޭގެ ވެރިފަރާތުން ބައެއް ފަހަރު ކަރަންޓަށް ބަދަލުތައް ގެނެ އެވެ.
އިލެކްޓްރީޝަނެއް ކަމަށްވާ އަބްދުލް ހަމީދު އާދަމް ބުނި ގޮތުގައި ގޭގޭގެ ވެރިފަރާތުން ގިނަ ފަހަރަށް ކަންކުރާ ގޮތަކީ ލައިސެންސް އޮތް މީހެއް ލައްވާ އެނާޖީ އޮތޯރިޓީން ހުއްދަ ދީފައިވާ މިންގަނޑަށް ކަރަންޓް ލަނީ ސްޓެލްކޯއިން ބަލައި ފާސްކުރުމުގެ ކުރިންނެވެ. ސްޓެލްކޯ އިން ކަރަންޓް ދިނުމަށް ފަހު ކަރަންޓް ދިއުމުން ހަރަދު ކުޑަކުރަން އުސޫލްތަކާ ހިލާފަށް ބަދަލުތައް ގެންނަ ކަމަށް އޭނާ ބުންޏެވެ.
"ބަދަލު މިކުރަނީ ހަރަދު ކުޑަ ކުރަން ވެގެން، މިސާލަކަށް 10 އެމްޕިއަރުގެ ބުރޭކަރަކުން އަހަރެމެން މިނަގަނީ ދެ ސޮކެޓް، އެކަމަކު ސެޓެލްކޯ މީހުން ދިޔައީމަ ގެ ހަދާ މީހުން ނަގާނެ ހަތަރު ނޫނީ ފަސް ސޮކެޓު ވެސް، ނެގީމަ އިތުރަށް ސޮކެޓް ގަންނާކަށް ވެރިމީހާއަށް ނުޖެހޭނެތާ، އެގޮތަށް އަގު ހެޔޮކުރަން ކުރާ ކަންތައްތައް، އެ މީހުން ހުންނާނެ އިތުރު ކުރެވޭ ގޮތަށް ސެޓްކޮށްފައި،" ހަމީދު ބުންޏެވެ.
ހަމީދު ބުނީ ގިނަ ފަހަރަށް އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވަނީ އެގޮތަށް ގެންނަ ބަދަލުތަކުގެ ސަބަބުން ވައިރިންއަށް ލޯޑްބޮޑުވެ ޝޯޓްވުމުގެ ތެރެއިން ކަމަށެވެ. ކަރަންޓް ދިނުމަށް އާތު އަޅަން ޖެހޭ ވަރަށް އާތު ނޭޅުމުގެ ސަބަބުން ޝޯޓްވުމުން އީއެލްސީބީ(ސާކެޓެއް) ނުވެއްޓުމުގެ ސަބަބުން އަލިފާން ރޯވާން މެދުވެރިވާ ކަމަށް ހަމީދު ބުންޏެވެ.

އިލެކްޓްރީޝަނަކު ކަރަންޓް ވަޔަރު ކުރަނީ-- ކަރަންޓް ވަޔަރު ކޮށްފައި ހުންނަ ގޮތުން އެތައް މައްސަލައެއް ފެންމަތިވޭ-- ފޮޓޯ:
އުސޫލުތަކާ އެއްގޮތަށް ވައިރުކުރާ ނަމަ ޝޯޓްވުމުން ސާކެޓް ވެއްޓި ކަރަންޓް ކެނޑޭނެ އެވެ. އޭރުން އަލިފާން ރޯވުން ފަދަ ހާދިސާތައް ނުހިނގާނެ އެވެ. ނަމަވެސް އަގުހެޔޮކުރަން ގެންނަ ބަދަލުތަކުން ޝޯޓްވިޔަސް ސާކެޓް ނުވެއްޓެ އެވެ.
ފޭކް ނަރު ނުވަތަ ފޭކް ކަރަންޓް ސާމާނު ބޭނުން ކުރުމަކީ ވެސް ކަރަންޓް ޝޯޓުވެ އަލިފާން ރޯވަން ދިމާ ސަބަބުތަކެވެ. ރާއްޖޭގެ ބާޒާރުގައި އެފަދަ ފޭކް ސާމާނު ހުރެ އެވެ. ހަމައެހެންމެ "5 އެމްއެމް" ނަރު ބޭނުން ކުރަން ޖެހޭ ތަނެއްގައި އެއަށް ވުރެ ދަށް ނަރެއް ބޭނުން ކުރުން ފަދަ ކަންކަމުގެ ސަބަބުންނާއި ނަރާ އެކަށިގެންވާ ވަރަށް ވުރެ މަތީ ބްރޭކަރު ބޭނުން ކުރުމުގެ ސަބަބުން ނަރަށް ލޯޑްބޮޑުވެ ނަރު "ބަޑިޖަހާ" ގޮވެ އެވެ. އެއީ ވެސް އަލިފާން ރޯވަން ދިމާވާ ސަބަބުތަކެވެ.
އޭގެ އިތުރުން ވައިރު ކުރަން ބޭނުންކުރާ ނަރު ދޫކޮށް، ނަރު ލޫސްކޮށް އަޅާފައި ހުރުމުން، ލޫސްވެފައިވާ ނަރުތަކުން ކަނިކަނޑަ އެވެ. ގިނައިރުތަކެއް ވަންދެން ކަނި ކެނޑުމުން އަލިފާން ރޯވެ އެވެ. މެއިންޓެނަންސް ނުކުރާކަމަށްވާ ނަމަ އެފަދަ ހާދިސާތައް ހިންގުން ގާތެވެ.
ކަރަންޓް ބޭނުންކުރާގޮތުންވެސް އެތައް ހާދިސާއެއް!
ކަރަންޓް ވައިރުކޮށްފައި ހުންނަގޮތުގެ އިތުރުން ފަރުވާ ކުޑަކޮށް ކަރަންޓް ސާމާނު ބޭނުން ކުރުމަކީ ވެސް ކަރަންޓް ޝޯޓްވާ ސަބަބުތަކެވެ. ބައެއް ފަހަރު ސޮކެޓަކަށް އެއަށް އެކަށީގެން ނުވާ ވަރަށް ބައިވަރު އެއްޗެހި ގުޅާފާނެ އެވެ. ބަތްކައްކަން އުދާފައި ސްކޫލު ދޮށަށް ނުވަތަ ކެއިން ބޭރަށް ހިނގައިދާނެ އެވެ. އިސްތިރި ކުރަން އުޅެފައި ނުވަތަ ޓޯސްޓާ އަށް ޕާން ލާފައި ނުނަގާ ހިނގައިދާނެ އެވެ. ބޭނުންނުކުރާ ސޮކެޓުތައް ނިވާނުލައި ބޭރަށް އެދަނީ ހިޔާލެއް ފިކުރެއްނެތި އެވެ. ނޫނީ ސޮކެޓުތަކަށް އިތުރަށް ކަރަންޓް ނެގުމަށް ވާތައް ގުޅައި ލޯޑްބޮޑުވާވަރަށް ކަރަންޓް ނެގުން ހިމެނެ އެވެ. މިއީ ގިނަބައެއްގެ އާދަ އެވެ. ނަމަވެސް އެނގޭ ހެއްޔެވެ. މިއީ ހާސްބައެއްގެ ފުރާނަ އެއްފަހަރާ ހިނގައިދާނެ ފަދަ އަލިފާނުގެ ހާދިސާތައް ހިނގާފާނެ ސަބަބުތަކެވެ.
ސިފައިން ގަބޫލު ކުރާ ގޮތުގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ފަހަކަށް އައިސް ހިނގަމުން ދަނީ އެފަދަ ހާދިސާތަކަށް މީހުން އަހުލުވެރިވެފައި ހުންނަ މިންވަރު ކުޑަވުމުގެ ސަބަބުންނެވެ. އަދި ހަމަ އެހެންމެ ފަރުވާ ވެސް ކުޑައީ އެވެ.

މާލޭގައި ކޭބަލް ވިއްކާ ފިހާރައެއް: ބައެއް ފިހާރަތަކުން އަންނަނީ ފެންވަރުދަށް ކޭބަލް ވިއްކަމުން-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ
"ކަރަންޓް ވޭރީ ވެއްޖެއްޔާ ފުރުސަތު އޮންނާނެ ރޯވުމުގެ، ކަރަންޓު ޝޯޓްވުމަށް އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ މީހުން އެތަކެތި ބޭނުންކުރާ ގޮތް،" ކަމާބެހޭ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
އަލިފާން ރޯވާ އެހެން ސަބަބުތަކެއްވެސް ވޭ!
ކަރަންޓުގެ މައްސަލަތަކަކީ އާންމު ގޮތެއްގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބަށްވާއިރު އެނޫން ވެސް ގޮތް ގޮތުން ވެސް ކުރެވޭ ކަންކަމުން އަލިފާނުގެ ހާދިސާތައް ހިނގައެވެ. ގޭސް ފަދަ ތަކެތި ގެންގުޅޭ ގޮތާއި ކުޑަކުދިންނަށް އަލިފާނާއި ބެހުމުގެ ފުރުސަތު ލިބޭގޮތަށް ހުރުމަކީ ވެސް އަލިފާން ރޯވަން ދިމާވެދާނެ ސަބަބުތަކެވެ. އަދި ހާއްސަކޮށް އެއްގޭ އަނެއްގެއާއި ފިތިފިތިގެން ހަދާފައި ހުންނައިރު އެއީވެސް އަލިފާން ފެތުރެން އޮތް ފުރުސަތެކެވެ. ގެތައް އިމާރާތްކުރާއިރު ވެސް އަލިފާން ނުހިފާ ސާމާނު ބޭނުން ކުރަނީ ވަރަށް މަދުންނެވެ.
އަލިފާނުގެ ހާދިސާތަކަށް އިންތިހާއަށް ފަރުވާ ކުޑަވުމަކީ ވެސް އެފަދަ ހާދިސާތައް ބޮޑުވާން ދިމާވާ ސަބަބުތަކެވެ. އެގޮތުން ގޭބިސީތަކުގައި އެއްވެސް ތައްޔާރީއެއް ނެތް މައްސަލަ ފާހަގަވެ އެވެ. ކުދިއަލިފާނުގެ ހާދިސާތައް ބޮޑުވާ ސަބަބުތަކުގެ ތެރޭގައި ގޭގޭގައި އަލިފާން ނިއްވޭނެ ގޮތެއް ނެތުން ފާހަގަކުރެވެ އެވެ. އަލިފާން ނިއްވަން ބޭނުންކުރާތަކެތި ގޭގޭގައި ނެތްކަން ފާހަގަކުރެވެ އެވެ. އެހެންކަމުން ކަމާ ބެހޭ ފަރާތްތަކުގެ އިލްތިމާސަކީ އަލިފާން ނިއްވާ ފުޅި ނުވަތަ އަލިފާން ނިއްވަން ބޭނުންކުރާ ވަސީލަތްތައް ގޭގޭގައި ބޭނުން ކުރުމެވެ.
ކޮންމެ އަކަސް ހަރަދު ކުޑަކުރުމަށް ކުރާ ކަންތައްތަކާއި ފަރުވާ ކުޑަކުރުމުގެ ސަބަބުން ގާތްގާތުގައި އެދަނީ ހިތާމަވެރި އެތައް އަލިފާނުގެ ހާދިސާއެއް ހިނގަމުންނެވެ. އުސޫލުތަކުގެ ނާޖާއިޒު ފައިދާ އެދަނީ ނަގަމުންނެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން ގޭގޭގެ ކަަރަންޓް ނިޒާމް ބެލުން ނުވަތަ ކަރަންޓު އުސޫލުތަކާއި ހިލާފްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުންފަދަ އުސޫލްތަކެއް ގާއިމު ކުރަންޖެހެ އެވެ.