ޓެލެވިޒަން މޯލްޑިވްސް ]ޓީވީއެމް[ އާއި ދިވެހިރާއްޖޭގެ އަޑާއި އެ ދެ ތަނުގެ މުދަލާއި ދައުލަތުގެ ބަޖެޓުން އެ ދެ ތަނަށް ދީފައިވާ ފައިސާ 20 ދުވަހުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ]އެމްބީސީ[އާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ނެރެފައިވާ ހުކުމް ތަންފީޒުކޮށްދިނުމަށް އެކޯޓުގައި އެދިއްޖެ އެވެ.

އެމްބީސީގެ ވަކީލާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ދައުލަތުގެ މީޑިއާ އެމްބީސީއާ ހަވާލުކުރުމަށް ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކޮށްފައިނުވާތީ އެ ހުކުމް ތަންފީޒު ކޮށްދިނުމަށް ސިވިލް ކޯޓުގައި އެދުނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފައްދަވާފައިވާ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން )އެމްއެންބީސީ(ގެ ދަށުން މިހާރު ހިންގަމުންދާ ކުރީގެ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު 20 ދުވަހުގެ ތެރޭގައި (އެމްބީސީ) އާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ 12 ވަނަ ދުވަހު އެވެ.

ނަމަވެސް މާނަ ކުރުމާ ބެހޭ ގާނޫނަށް ބަލާއިރު މުއްދަތު ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށްވާތީ، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ހިމެނޭ 20 ދުވަހުގެ މުއްދަތު ހަމަވާނީ މި މަހު އަށް ވަނަ ދުވަހަށެވެ.

ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ވިދާޅުވެފައި ވަނީ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށެވެ. ނަމަވެސް، އިސްތިއުނާފަށް ހުށަހެޅިކަމެއް އަދި އެ އޮފީހަކުން ނުބުނެ އެވެ.