ފަސޭހަކަމާއެކު ސެލްޓާ ވިގޯ ބަލިކޮށް، މި ސީޒަނުގެ ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑް ފުރަތަމަ މޮޅު ހޯދައިފި އެވެ.

ރަށުން ބޭރުގައި މިރޭ ކުޅުނު ސްޕެނިޝް ލަލީގާ މެޗުގައި ސެލްޓާގެ މައްޗަށް އެތުލެޓިކޯ އިން ކުރި ހޯދާފައިވަނީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ ސެލްޓާ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ވެސް ސެލްޓާއަށެވެ. މެޗުގެ 34 ވަނަ މިނެޓުގައި ސެލްޓާގެ ތިއޯ ބިންގޮންޑާ އުފެއްދި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 53 ވަނަ މިނެޓުގައި އެތުލެޓިކޯ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހަކުން އެތުލެޓިކޯ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިން މިޑްފީލްޑަރު ކޮކޭ އެވެ.

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ އާއި ސެލްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ފަސޭހަކަމާއެކު 4-0 ލަނޑުން ކާމިޔާބުކުރީ އެތުލެޓިކޯ ---

މެޗުގެ 73 ވަނަ މިނެޓުގައި އެތުލެޓިކޯ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ސައުލް ނިގޭޒް ދިން ރީތި ބޯޅައަކުން އެތުލެޓިކޯ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގްރީޒްމަން އެވެ. އެއީ މި ސީޒަނުގެ ލަލީގާގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މެޗުގެ 81 ވަނަ މިނެޓުގައި އެތުލެޓިކޯ އިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ސްޕެއިން ޑިފެންޑަރު ހުއާންފްރާން ނަގައިދިން ހުރަހަކުން އެތުލެޓިކޯ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ގްރީޒްމަން އެވެ. އޭނާގެ ފުރަތަމަ ލަނޑެކޭ އެއްގޮތަށް ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

މެޗުގައި އެތުލެޓިކޯ އިން ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. ކޮކޭ ދިން ބޯޅައަކުން އެތުލެޓިކޯ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ އެންހެލް ކޮރިއާ އެވެ.

ސްޕެނިޝް ލަލީގާގައި މިހާތަނަށް އެތުލެޓިކޯ އިން ތިން މެޗު ކުޅެފައިވާ އިރު، ދެ މެޗުން އެއްވަރުވެ އެއް މެޗުން ވަނީ މޮޅުވެފަ އެވެ.