އިނގިރޭސި ޕްރިމިއާ ލީގްގައި ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު މެންޗަސްޓާ ޔުނައިޓެޑް 2-1ގެ ނަތީޖާ އަކުން ވާދަވެރި ޕެޕް ގާޑިއޯލާގެ މެންޗަސްޓާ ސިޓީ އަތުން ބަލިވެއްޖެއެވެ.

އެ ނަތީޖާ އާއި އެކު ސިޓީ ވަނީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިގެން ތާވަލުގެ އެއްވަނަ އަށް އަރާފައެވެ. ދެ ވަނާގައި ތިން މެޗު ކުޅު ނުވަ ޕޮއިންޓާއި އެކު ޗެލްސީ އޮތް އިރު މިރޭގެ މެޗުން ބަލިވި ޔުނައިޓެޑް އޮތީ ނުވަ ޕޮއިންޓް ލިބުނު ނަމަވެސް ގޯލުގެ ތަފާތުން ތިން ވަނާގައެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު އެ މެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ 15 ވަނަ މިނެޓްގައި ކެލެޗީ އިހެނާޗޯ ޖައްސާލި ބޯޅަ އަކުން މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ކެވިން ޑެބްރޭނާ ވަނީ ސިޓީ އަށް ލީޑް ނަގާދީފައެވެ. ސިޓީގެ ދެވަނަ ގޯލު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ އިހެނާޗޯ އެވެ.

ޔުނައިޓެޑް އާއި ސިޓީ ކުޅުނު މެޗުގައި ޑެބްރޭނާ ޔުނައިޓެޑްގެ ގޯލަށް ބޯޅަ ފޮނުވާލަނީ --- ފޮޓޯ: ގާޑިއަން

ޔުނައިޓެޑަށް ސުން ކަނޑުވާލަ ދިން ގޯލު މެޗުގެ ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބް ކޮށްދިނީ ޒަލްޓަން އިބްރަހިމޮވިޗު އެވެ. އޭނާ އެ ގޯލު ކާމިޔާބް ކުރީ ސިޓީގެ ގޯލު ކުރި މައްޗަށް ހުރަސްކޮށްލި ބޯޅަ އެއް ކީޕަރު ކްލައުޑިއޯ ބްރާވޯ އަތުން ޖައްސާ ބޭރުކޮށްލުމުން ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފް ފެށިގެން އެއް ގޯލުގެ ލީޑްކާއި އެކު ސިޓީން ކުޅެމުން ދިޔަ އިރު ޔުނައިޓެޑް އިން ވަނީ ނަތީޖާ އެއްވަރު ކުރުމަށް ގިނަ މަސަތްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޔުނައިޓެޑްގެ މާކަސް ރަޝްފާޑް ހައިފައިގެން ދިޔަ ބޯޅަ އެއް ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ނަމަވެސް ގޯލަށް ވަނީ އޮފްސައިޑްގައި ހުރި އިބްރަހިމޮވިޗުގެ ފައިގަ ޖެހިފައެވެ.

ދެވަނަ ހާފްގައި ސިޓީއަށް ވެސް ވަނީ ލީޑް އިތުރަށް ފުޅާ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. ކެވިން ޑެބްރޭނާ ފޮނުވާލި ބޯޅަ ޖެހުނީ ގޯލުގެ އަރިމަތީ ދަނޑީގައެވެ.