10 Sep 2016, 17:13
މިނާގައި ދިވެހިން ހައްޖުވެރިން ތިބި ސަރަހައްދެއްގައި މިއަދު ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއްނުވެ އެވެ. ނަމަވެސް އެހެން ގައުމުތަކުގެ ބައެއް ހައްޖުވެރިންނަށް ދުމުގެ އަސަރުކޮންމެ ވެސް ވަރަކަށް ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް "ސަން"އަށް މިއަދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ ދިވެހިން ތިބި ސަރަހައްދުގެ ޓެންޓެއްގައި ކަމަށެވެ. އަލިފާން ރޯވީ ޓެންޓުގެ އޭސީގައި ކަމަށާއި މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިން ތިބި ސަރަހައްދާ ވަރަށް ކައިރީ އެ ހާދިސާ ހިނގީ، އެކަމަކު އެތަނުގައި ދިވެއްސަކު ނެތް،" ޔާމީން ވިދާޅުވި އެވެ.
ހައްޖުގެ މާތް އަޅުކަމަށް ރާއްޖެއިން 2000 އެއްހާ މީހުން ހައްޖަށް ދިޔައިރު އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ޔާމީން ވިދާޅުވި އެވެ.
ދިވެހި ހައްޖުވެރިން މިހާރު ތިބީ މިނާގަ އެވެ. އަރަފާތައް ދިއުމަށް ފުރާނީ މިރެ އެވެ.