"އީދުން ސައީދުން" ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން އަޟްހާ އީދު ފާހަގަ ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މިއަހަރުގެ އީދުގައި މައިގަނޑު ތިން ހަރަކާތެއް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ.

އަޟްހާ އީދުގެ ފުރަތަމަ ދުވަހު ދެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އިރު، އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ހަރަކާތެއްގެ ގޮތުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާލެ، ވިލިނގިލި އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތް ހެދުމަށް ނިންމާފައިވާ އިރު، މާލޭގައި ބޮޑު ޖަމާއަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމް ގަ އެވެ. އަދި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގައި ބޮޑު ޖަމާއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގެ ބޮޑު ޖަމާއަތަށް ދުއްވާ އެއްޗެހީގައި ދާ ފަރާތްތަކަށް ޕާކް ކުރުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާނެ ކަމަށާއި، ނަމަވެސް އެ މިނިސްޓްރީގެ އެދުމަކީ ގިނަ ފަރާތްތަކުން ފައިމަގުގަ އެ ޖަމާއަތަށް ދިއުން ކަމަށެވެ.

ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ތިން ތަނެއް ހަމަޖައްސާފައި ވީ ނަމަވެސް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެ ހިމެނޭގޮތަށް 21 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވެ އެވެ.

އިސްލާމީ މިންގަނޑުތަކަށް ފެތޭ ގޮތަށްް އީދުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ތައްޔާރު ވަމުން ދާއިރު އެ ހަރަކާތްތަކުގައި އެ ހަރަކާތްތަކުގައި އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން ހަ ޖަމިއްޔާއަކުން ބައިވެރިވެ އެވެ. އެގޮތުން އެ ހަރަކާތްތަކުގައި ބައިވެރި ވަނީ ޖަމިއްޔަތުއް ސަލަފް، މަހަލްދީބް ފައުންޑޭޝަން، އަލްހިޖްރާ، އަޞްރު އަދި ޕީސް ފައުންޑޭޝަންގެ އިތުރުން އެހީ ޖަމިއްޔާ އެވެ.

އީދު ދުވަހުގެ ހަވީރު ހަތަރަކުން ފެށިގެން ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އީދު ދުވަހު އައިޖީއެމްއެޗާއި، އޭޑީކޭ، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލަށް ޒިޔާރަތްކޮށް ބަލިމީހުންނަށް ހަދިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންވެސް އީދުގެ ހަރަކާތްތަކުގައި ބައިވެރި ކުރުމަށް އެތަނަށް ޒިޔާރަތްކޮށް ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ހަދިޔާ ދިނުމަށް ވެސް ނިންމާފައިވެ އެވެ.

އީދުން ސައީދުންގެ ހަރަކާތްތަކުގެ ތެރެއިން ތިންވަނަ ހަރަކާތަކަށް މިމަހުގެ 13 އަދި 14 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމާފައިވެ އެވެ. ގިނަ ސްޓޯލް ތަކެއް ހިމެނުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ރަސްފަންނުގަ އެވެ. އެ ހަވީރުގައި ފުއްޕާހަން ފެޅުމާއި، ގޮލްފާއި، ލުނބޯ ރޭހާއި، ގޯނި ރޭސް ފަދަ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން މިއަދު މީޑިއާ އަށް މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ބުނީ މިއަހަރުގެ އީދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސި ބައެއް ކަންކަން ހާސިލް ވެފައިނުވާ ކަމަށެވެ. އެގޮތުން އުޟުހިޔާ ކަތިލުމުގެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް މިއަހަރު އެކަން ކުރުމުގެ އިންތިޒާމް ހަމަ ނުޖެހުން ކަމަށް އެ މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވި އެވެ.