އެޕަލްގެ ސްމާޓްފޯން، އައިފޯނުގެ ހަތް ވަނަ ސީރީޒްގެ ދެ ފޯނު ކަމުގައިވާ އައިފޯން 7 އަދި އައިފޯން 7 ޕްލަސް މިމަހު 23 ވަނަ ދުވަހު ރާއްޖެއަށް ތައާރަފް ކުރާނެ ކަމަށް އެޕަލްއިން ބުނެފިއެވެ.

އެޕަލްގެ ރީޖަނަލް ޑިސްޓިބުއުޓާ އެންޑް ސްޓޮކިސްޓް ކަމަށްވާ ސޮފްޓް ޓަޗް މޯލްޑިވްސް ސީއޯއޯ މުހައްމަދު ރިފާއު "ސަން"އަށް މިއަދު ވިދާޅުވީ އައިފޯނު 7ގެ އަގުތައް 14500 ރުފިޔާއިން ފެށޭއިރު މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ލިބެމުންދާނެ ކަމަށެވެ.

އަގުތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

އިއްޔެއިން ފެށިގެން ޕްރީ އޯޑާ ނަގަމުންދާއިރު 23 އިން ފެށިގެން ފޯންތައް ރާއްޖެއިން ލިބޭނެ ކަމަށް ރިފާއު ވިދާޅުވިއެވެ.

އެޕަލް އައިފޯނު 7 އަދި އައިފޯން 7 ޕްލަސް --

އެކުންފުނިން ނިންމާފައިވަނީ ރާއްޖޭގެ މުއާސަލާތީ ތަކެތި ވިއްކާ އެކިއެކި ފަރާތްތައް މެދުވެރިކޮށް އެފޯންތައް ވިއްކުމަށެވެ.

އައިފޯނުގެ ފަހުގެ ސީރީޒު ފުރަތަމަ ލޯންޗުކުރަނީ މިމަހު 16 ވަނަ ދުވަހުއެވެ. އެއީ ސިންގަޕޫރު ފަދަ ގައުމުތަކުގައެވެ. މިމަހު 23 ދުވަހު ރާއްޖޭގައި ކުރާއިރު އެއީ ދެ ވަނައަށް ބާއްވާ ލޯންޗިން އެވެ.

އައިފޯން 7 އަދި 7 ޕްލަސްގެ ޑިޒައިނަށް ބަލާއިރު އޭގައި ހުންނަނީ ރިފްލެކްޓިވް ސާފެސް އެކެވެ. އޮކްސައިޑް ޕްރޮޓެކްޓިވް ފަށަލައެއް ލެވިފައިވެ އެވެ.

އައިފޯން 7 ގެ ކެމެރާތައް ވަރަށް ފުރިހަމަ ވާނެ ކަމަށް އެޕަލްއިން ބުނެ އެވެ. އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒް ކުރެވޭ މި ކެމެރާތަކުން އެކްސްޕޯޝަރ ވަގުތު ތިން ގުނައަށް އިތުރުވެ އެވެ. އައިފޯން 7 ގެ ކެމެރާގައި 1.8 އެޕެޗަރގެ ލެންސްއަކާއި ކުއަޑް އެލްއީޑީ ފްލޭޝެއް ހުރެ އެވެ. އަދި ފްރަންޓް ފޭސިންގް ކެމެރާގައި ހަތް މެގަޕިކްސެލް ހުންނާނެ އެވެ.

އައިފޯން 7 ޕްލަސްގެ ޑުއަލް ކެމެރާގެ ސަބަބުން ވައިޑް އޭންގަލް ފޮޓޯތަކާއި ޓެލެފޮޓޯ ނެގެ އެވެ. އެއް ލެންސުން ޒޫމް ކުރެވޭ ވަރަށް ވުރެ އަނެއް ލެންސްގެ ޒޫމް ކުރުމުގެ ގާބިލިއްޔަތު ދެގުނައަށް އިތުރެވެ.

އައިފޯން 7 ގައި ހިމެނެނީ ސްޓޭރެއޯ ސްޕީކަރުތަކެކެވެ. އަދި ކުރީގެ ފޯނުތަކުގައި ހުންނަ ހެޑްފޯން ޖެކުތައް ވަނީ ނަގައިފަ އެވެ. އޭގެ ބަދަލުގައި، ހެޑްފޯނު ޖަހަން ދެން ޖެހޭނީ ފޯނުގެ ޗާޖަރު ޖަހާ ލައިޓްނިންގް ޕޯޓަށެވެ. އާ ހެޑްފޯނެއް ވެސް މި ފޯނާ އެކު ތައާރަފު ކޮށްފައިވެ އެވެ.

އަދި ވަޔަލެސް ޓެކްނޮލޮޖީއާ އެކު "އެއާޕޮޑް" ކިޔާ ވަޔަލެސް ހެޑްފޯނެއް ވެސް އެޕަލްއިން ތައާރަފު ކޮށްފައި ވެ އެވެ. ކަންފަތަށް ހެޑްފޯނު ޖެހި ކަން އިންފްރާރެޑް ސެންސަރުތަކަކުން ދެނެގަނެވޭ އިރު، މި ހެޑްފޯނު މަސައްކަތް ކުރަނީ ހަމައެކަނި މީހެއްގެ ކަންފަތުގައި އެ ލައްވާފައި ހުންނަ އިރު އެވެ.

އެއާޕޮޑް ހެޑްފޯންސްއަކީ އައިފޯނާ ވަކިން ވިއްކަން ހުންނަ އެއްޗެކެވެ. އޭގެ އަގަކީ 169 އެމެރިކާ ޑޮލަރެވެ.

އައިފޯން 7 އަދި 7 ޕްލަސް މިއަދު އިފްތިތާހު ކޮށްފައިވާ އިރު، އައިފޯން 7 ގެ އަގު ފެށެނީ 649 ޑޮލަރުންނެވެ. އަދި އައިފޯން 7 ޕްލަސްގެ އަގުތައް ފެށޭނީ 769 ޑޮލަރަށެވެ. ދެ ފޯނުގެ ވެސް 256 ޖީބީގެ މެމޮރީއާ ހަމައަށް ލިބެން ހުންނާނެ އެވެ.