10 Sep 2016, 16:02
ހައްޖުގެ އަޅުކަމަށް އެތައް ބަޔަކު ގޮސް އުޅޭއިރު މީގެ ކުރިން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ގެއްލުމެވެ. ދާނެ ތަނެއް ނޭންގުމެވެ. އެކަން ހައްލު ކުރަން ސައުދީން މިފަހަރު މިވަނީ ކޮންމެ ހައްޖު ވެރިއެއްގެ އަތުގައި ޓެގެއް އަޅުވާފަ އެވެ.
އިއްޔެ ވަނީ ހައްޖަށް ގޮސްފައިވާ ކޮންމެ ހައްޖުވެރިއެއްގެ އަތުގައި QR ކޯޑެއް ހިމެނޭ ޓެގެއް އަޅުވާފަ އެވެ. އެކޯޑުން ބަލާލުމުން ކޮންމެ ހައްޖުވެރިއެއްގެ މައުލޫމާތާއި ތިބޭ ޓެންޓު ބުނެދެ އެވެ. އެހެންކަމުން ހައްޖުވެރިއަކު ގެއްލުނު ނަމަވެސް ސެކިއުރިޓީ އަށް ޓެގް ދައްކާލުމުން އޭނާ ހުންނަން ޖެހޭ ސަރަހައްދަށް ގެންގޮސްދޭނެ އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އިން ބުނީ ރާއްޖެ އިން ދިޔަ ހުރިހާ ހައްޖާޖީންގެ އަތުގައި ވެސް އެޓެގް އަޅުވާފައިވާ އިރު ކާޑް ނުލައި އުޅޭއިރު ވެސް ގެއްލުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
ދިވެހި ހައްޖުވެރިން މިހާރު ތިބީ މިނާގަ އެވެ. މިރޭ އަރަފާތައް ދިއުމަށް ފުރާނެ އެވެ. ހައްޖު ދުވަހަކީ މާދަމަ އެވެ.
ހައްޖު ކޯޕަރޭޝަންއިން މައުލޫމާތު ދޭގޮތުގައި ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅެވެ.