10 Sep 2016, 17:54
މި ސީޒަނުގައި އާސެނަލުން ބޯންމައުތަށް ލޯނުގެ ދަށުން ދޫކޮށްލި ޖެކް ވިލްޝެއާ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު، ފެންނާނީ އާސެނަލްގެ ކޯޗުގެ ގޮތުގައި ކަމަށް މިހާރު އެ ކްލަބަށް އިރުޝާދުދެމުންދާ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އުމުރުން 24 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ވިލްޝެއާ އަށް ގިނަ އަނިޔާތަކަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން އާސެނަލްގައި އޭނާ އަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެ އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ(ކ) އާއި އިނގިރޭސި މިޑްފީލްޑަރު ޖެކް ވިލްޝެއާ(ވ): ކުރިއަށްއޮތްތާ ވެސް ވިލްޝެއާ ފެނިގެންދާނީ ފުޓްބޯޅައިގެ ތެރެއިން ކަމަށް އާސެނަލްގެ ކޯޗު ވެންގާ ބުނޭ ---
"އެއް ދުވަހަކުން އަހަރެންގެ މަގާމަށް އޭނާ އަންނާނެ. ވިލްޝެއާ އަށް ފުޓްބޯޅައަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގޭ. އޭނާގެ ފުޓްބޯޅައިގެ ވިސްނުން ވެސް ވަރަށް ރަނގަޅު. އޭނާ ކުރިއަށް އޮތްތާ ވެސް ފެންނާނީ ފުޓްބޯޅައިގެ ތެރެއިން،" އާސެނަލްގެ ކޯޗު ވެންގާ ބުންޏެވެ.
ވެންގާ ބުނީ، ވިލްޝެއާ އަކީ ކޯޗެއްގެ ވިސްނުން ވެސް ގެންގުޅޭ ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ ކުޅުންތެރިންގެ ކުޅުން ބަލައި ދިރާސާކުރާ ކުޅުންތެރިއެއް ކަމަށެވެ.
މި ސީޒަނުގެ ޕްރިމިއާ ލީގުގައި މިހާތަނަށް އާސެނަލް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާ އިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. އަދި ލީގުގައި އާސެނަލް ކުޅުނު އެއް މެޗުން އެއްވަރުވެފައި ވެސް ވެއެވެ.