02 Jun 2011, 15:23
މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ޖީއެމްއާރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 3.5 މިލިއަން ޑޮލަރު ނުދައްކައި އޮތް ކަމަށް ސާބިތުވުމުން، ޖީއެމްއާރުން އެ ފައިސާ މީރާ އަށް ދައްކައިފި އެވެ.
މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު މިއަދު ވިދާޅުވީ، ޖީއެމްއާރުން ނުދައްކައި އޮތް 3.5 މިލިއަން ޑޮލަރު މިލިއަން ޑޮލަރު މީރާ އަށް ދައްކާފައި ވަނީ، ކުރިން ޖީއެމްއާރުން ސާވިސް ޗާޖުގެ ގޮތުގައި އެ އޮތޯރިޓީ އަށް ދައްކާފައިވާ ފައިސާ އަންދާޒާ ކުރި އަދަދަށް ވުރެ މަދުވުމުން ހިންގި އޮޑިޓަށް ފަހު އެއީ ދައްކަން ޖެހޭ ފައިސާ ކަމަށް ހިސާބުތަކުން އެނގެން އޮތުމުން، އެ ފައިސާ ދެއްކުމަށް ޖީއެމްއާއަށް އެންގުމުން ކަމަށެވެ.
"އަޅުގަނޑުމެންގެ އޮޑިޓް ޓީމުން ގޮސް ބެލީމާ މި އެނގުނީ އެބޭފުޅުންނަށް ލިބިފައި ހުރި އެއްޗެއް ވެސް ނުދައްކައި ހުރިކަން. އެ ފައިސާ ދެއްކުމަށް އެންގުމުން އެބޭފުޅުން މިހާރު ވަނީ ފައިސާ ދައްކައިފައި،" ޔަޒީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަދިވެސް އޮޑިޓް ކުރިއަށް ދާ ކަމަށާއި ފަސިންޖަރުންގެ އަތުން ސާވިސް ޗާޖު ގޮތުގައި ފައިސާ ނެގުމަށް ފަހު އެއާލައިންތަކުން ޖީއެމްއާރުގެ އެކައުންޓަށް ޖަމާކޮށްފައިވާ ޕޭމަންޓްތައް ހޯދައިގެން ހިސާބުތައް ތައްޔާރުކުރަމުންދާ ކަމަށެވެ.
އަދި މަހުން މަހަށް ފައިސާ ދައްކަމުން ދިޔުމަށް ވެސް ޖީއެމްއާރަށް ވަނީ އަންގައިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މީ ގާތްގަނޑަކަށް ހައެއްކަ އަށެއްކަ މަސް ވަންދެން ނުދައްކައި ހުރި ފައިސާތަކެއް ކަލެކްޓް މިކުރީ. އެހެންވެ، އިޝޫތަކެއް މި ފެންމަތިވީ. ދެން މިހާރު މަހުން މަހުން ދައްކަމުން ގެންދާށޭ އަޅުގަނޑުމެން ވަނީ އަންގައިފައި." ޔަޒީދު ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް އައި ޓޫރިސްޓުންގެ އަދަދަށް ބަލާއިރު މީރާއިން އަންދާޒާކޮށްފައި ވަނީ އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. ނަމަވެސް، މީރާ އިން ބުނެފައިވާ ގޮތުގައި، ޖީއެމްއާރުން ސާވިސް ޗާޖު ގޮތުގައި ދައްކައިފައި ވަނީ 3.9 މިލިއަން ޑޮލަރެވެ. އެއީ ފުރާ ކޮންމެ ބޭރު ފަސިންޖަރެއްގެ އަތުން ނަގާ 18.5 ޑޮލަރު އަދި ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރުގެ ރޭޓުންނެވެ.
ނަމަވެސް، އަންދާޒާ ކުރި އަދަދަށް ވުރެ މަދުވުމުން މީރާއިން ފެށި އޮޑިޓުން އިތުރަށް 3.5 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ސާބިތުވެ، އެ ފައިސާ ޖީއެމްއާރުން ދެއްކުމުން އެއާޕޯޓް ސާވިސް ޗާޖު ގޮތުގައި މިހާރު މީރާ އަށް ވަނީ ޖުމްލަ 7.4 މިލިއަން ޑޮލަރު (ރަސްމީ ރޭޓުން 114.08 މިލިއަން ރުފިޔާ) އެވެ.
މީރާ އަށް ދައްކަން ޖެހޭ ފައިސާ މަދު ކަމަށް މީރާއިން ބުނުމުން، ޖީއެމްއާރުންބުނެފައި ވަނީ ފައިސާ ދެއްކުމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށެވެ.
ޖީއެމްއާރުން އެއާޕޯޓުން ރީއެކްސްޕޯޓް ކުރި ޖެޓް ފިއުލްގެ ރޯޔަލްޓީގެ ގޮތުގައި ދެއްކި ފައިސާ ވެސް މަދު ކަމަށް މީރާއިން ލަފާކުރެ އެވެ. އެހެންކަމުން އެކަން ވެސް ދަނީ ބަލަމުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެއާޕޯޓް ހިންގުމާ ހަވާލުވި އިންޑިއާގެ ޖީއެމްއާރް ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭ ރީއެކްސްޕޯޓްކުރާ ޖެޓް ފިއުލްގެ ރޯޔަލްޓީ އާއި އެއާޕޯޓް ސާވިސް ޗާޖު ނުދައްކައި އޮންނަތާ ހަތަރު މަސް ދުވަސް ފަހުން އެންމެ ފަހުން އެ ފައިސާ ދެއްކީ މީރާ އިން ނެރުނު ތަފާސް ހިސާބުތަކުން އެ ފައިސާ ޖީއެމްއާރުން ނުދޭކަން މީޑިއާގައި ފެންމަތިވުމުންނެވެ.
މީރާއިން އޭރު ދައްކައިފައި ވަނީ އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 3.9 މިލިއަން ޑޮލަރު (60 މިލިއަން ރުފިޔާ) އަދި ތެލުގެ ރޯޔަލްޓީގެ ގޮތުގައި މިއަދު 10.28 މިލިއަން ރުފިޔާ އެވެ.