އައްޑޫ ހިތަދޫގައި ހުންނަ ހިތަދޫ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އައިޝަތު އާލާ އިގްބާލް ހޮވިއްޖެ އެވެ.

މިދިޔަ އަހަރުގެ ހިތަދޫ ސްކޫލުގެ ކެޕްޓަން އާލާ ވަނީ ޖީސީއީ އޯލެވެލްގައި ހެދި އަށް މާއްދާގެ ތެރެއިން ހަތް މާއްދާއިން އޭ ފާސް ހޯދައި، އެ އިމްތިހާނުން ރާއްޖޭގެ ގަދަ 10ގެ ދެވަނަ ހޯދާފަ އެވެ.

ހިތަދޫ ސްކޫލުގައި ރޭ ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އާލާ އަށް އެވޯޑްތައް ހަވާލުކޮށްދެއްވީ މެޑިކާ ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރު އެންޑް ސީނިއާ ކޮންސަލްޓެންޓް އޮފް އިންޓާނަލް މެޑިސިން ޑރ. އިބްރާހިމް ޔާސިރެވެ.

މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި އާލާގެ އިތުރުން އެ ސްކޫލުން މިދިޔަ އަހަރު އެންމެ މޮޅު ދެ ދަރިވަރުންނަށް ހޮވުނު ޒައްމާ ހުސެއިން ނަސީރާއި ޝަމްހާން އަހްމަދު ޒެނިތަށް ވެސް ވަނީ އިނާމު ދީފަ އެވެ.

މިދިޔަ އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނުގައި ހިތަދޫ ސްކޫލުން 88 ދަރިވަރުން ބައިވެރިވިއިރު، ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު ހިތަދޫ ސްކޫލްގެ 10 ދަރިވަރުންނަށާއި ސްކޫލްގެ އެންމެ މޮޅު އަށް ދަރިވަރުންނަށް ވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

ގްރޭޑް އެކަކުން 10 އަކަށް ކިޔަވައިދޭ ހިތަދޫ ސްކޫލުގައި މިއަހަރު 800 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެ އެވެ.