ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކޮށް ގަވާއިދަށް ފައްތަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ކެފޭ، ރެސްޓޯރެންޓުތަކުގައި ހިންގާ ގަވާއިދާ ހިލާފު ކަންކަން ފާހަގަކޮށް ސަންއިން ޝާއިއު ކުރިރިޕޯޓާގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިދިޔަ މަހު ވެސް 200 ކެފޭ، ރެސްޓޯރެންޓް ހިންގަނީ ގަވައިދަށްތޯ ބަލާފައިވާ ކަމަށެވެ.

އެތަންތަން ބަލާ ފާސްކުރާއިރު ފާހަގަވާ މައްސަލަތައް އިސްލާހު ކުރަން އަންގަމުންދާ ކަމަށާއި އިސްލާހް ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވިޔަފާރިތައް ފުޅާކޮށް ޒަމާނީ ކުރުމަށް ފުރުސަތު އެބަ އޮތް ކަމަށާއި ނަމަވެސް އޭގެ ތެރެއިންވެސް ރާއްޖޭގެ ގާނޫނާއި ގަވައިދާ ހިލާފު ކަމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

މާލޭގެ ބައެއް ކެފޭ ރެސްޓޯރެންޓްތައް ދަނީ ނައިޓް ކުލްބަތައް ނުވަތަ ބާ ތަކުގެ ބައްޓަމަށް ހިންގަމުންނެވެ. އެތަންތަނުގައި ބަދުއަހުލާގީ އަމަލު ހިންގައި މަސްތުވެ ހަދައެވެ.