10 Sep 2016, 12:46
އަޟްހާ އީދާ ދިމާކޮށް ބާއްވާ އެންމެ ބޮޑު ޝޯ، ދިރާގު އީދު ޝޯ އަންނަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ދިރާގުން ނިންމައިފި އެވެ.
ދިރާގުގެ ކޯޕްރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ދިރާގު އީދު ޝޯއަކީ ރާއްޖޭގެ ޒުވާން ފަންނާނުންގެ ހުނަރު ދައްކާލާނެ ޕްލެޓްފޯމެއް ގާއިމް ކޮށްދިނުމުގެ ގޮތުން ބާއްވަމުން އަންނަ ޝޯ އެކެވެ.
އެ ޝޯ ގައި މިއަހަރު ފެނިގެން ދާނީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ފަންނާނުން ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން މިއަހަރުގެ ޝޯ ގައި ހައިޝަމް ތައުފީގް އެންޑް ބޭންޑް، އިޝާމް އެންޑް ބޭންޑް، ޒަލީފް އެންޑް ޓީމް ފިޓް އަދި ޑީޖޭ ފާރިހް ގެ އިތުރުން ހަރުބީ ބޮޑުބެރުގެ ހަރަކާތްތައް ފެނިގެން ދާނެ ކަމަށް ދިރާގުން މައުލޫމާތު ދެ އެވެ.
ދިރާގުން ބުނީ އެ ޝޯ އަކީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް އީދު ހަދިޔާއެއް ދިނުމުގެ ގޮތުން ބާއްވާ ޝޯ އެއް ކަމަށާއި، އެ ޝޯ އަކީ ދިވެހި ފަންނާނުންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
"ދިރާގުގެ އަމާޒަކީ ރާއްޖޭގެ ޒުވާނުންނަށް އެ ކުދިން ގެ ހުނަރު ދައްކާލަން ބޮޑު ޕްލެޓްފޯމެއް ކޮންމެ އަހަރަކުވެސް ބިނާ ކުރުން. އެހެން ކަމުން އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރުވެސް މި ޒުވާން ފަންނާނުންނަށް ތަރުހީބު ދީ ޢީދުގެ އުފަލުގައި ބައިވެރި ވުމަށް ވީހާވެސް ގިނަ ބޭފުޅުން ޝޯވ އަށް ޒިޔާރަތް ކުރުން،" ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަަރު އިމްޖާދް ޖަލީލް ވިދާޅުވި އެވެ.
ދިރާގު އީދު ޝޯ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އެކުވެނި ޓްރެކް ދަނޑުގައި ބާއްވާއިރު، މީގެ ކުރިން ދިރާގުން ބޭއްވި އީދު ޝޯ ތައް ބައްލަވާލެއްވުމަށް 7000 އަށް ވުރެ ގިނަ މީހުނުް ޒިޔާރަތް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.