މާލޭގެ ހުޅަނގު ފަރާތު ބީޗުގައި ޕެވީލިއަނެއް ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އެމްޑަބްލިއުއެސްސީ އިން އިއުލާނުކޮށްފި އެވެ.

ޕެވީލިއަން އެޅުމަށް ހައުސިން މިނިސްޓްރީން އެމްޑަބްލިޔްއެސްސީ އާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

އެމްޑަބްލިއުއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާލެ ވެސްޓް ކޯސްޓް ބީޗް ޕެވިލިއަން ތަރައްގީކޮށް ހިންގައި ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

އެބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެވެ. އެމްޑަބްލިއުއެސްސީން ބުނީ ބީލަން ފޮތް ވިއްކާނީ 2500 ރުފިޔާ އަށް ކަމަށެވެ.

ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ މި މަހުގެ 21ވަނަ ދުވަހުގެ ރަސްމީގަޑީގައި ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.

އެމްޑަބްލިޔުއެސްސީ އިން މައުލޫމާތުދޭ ގޮތުގައި ޕެވީލިއަން ވެގެންދާނީ ޒަމާނީ ފެންވަރުގައި ތަރައްގީ ކުރެވޭ ތަނަކަށެވެ. އެގޮތުން އެތަނުގައި ޒަމާނީ ފެންވަރުގެ ފާހާނަ އާއި ފެންވެރޭނެ ނިޒާމް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ރަސްފަންނު ބީޗު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 41.5 މިލިއަން ރުފިޔާ އަށެވެ.