އަހަރުތަކެއް ކުރިން އިދިކޮޅު ސިޔާސީ ވާދަވެރިޔާ މަރާލިކަން ސާބިތުވެ، ސްރީލަންކާގެ ޕާލަމެންޓްގެ ކުރީގެ މެންބަރަކު މެރުމަށް ކޯޓުން ހުކުމްކޮށްފި އެވެ.

ދުމިންދާ ސިލްވާގެ މައްޗަށް މަރުގެ ހުކުމް އައީ، 2011 ވަނަ އަހަރު އޮތް ލޯކަލް އިލެކްޝަންގައި އޭނާގެ ވާދަވެރިޔާ ބަހަރާތު ލަކްސްމަން ޕްރެމަޗޮންދުރާ މަރާލިކަން ސާބިތުވެގެންނެވެ. އެ ހާދިސާގައި އޭނާގެ އިތުރު ތިން ސަޕޯޓަރު ވެސް ވަނީ މަރުވެފަ އެވެ.

އެ ދެ މީހުންނަކީ ވެސް އޭރު ވެރިކަން ކުރި ޕާޓީ އަށް ނިސްބަތްވާ ދެ މެންބަރުންނެވެ.

ސްރީލަންކާގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތީ އެ މީހުން ގިނަ ދުވަހު ޖަލުގައި ތިބެން ޖެހޭނެ ކަމަށް ބީބީސީ އިން ބުންޏެވެ.

ދުމިންދާ ސިލްވާގެ ވަކީލުން ބުނީ އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ.

ސިލްވާއަކީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަން މިދިޔަ އަހަރު ވެއްޓެއްދެން، ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާގެ އަރިސް ބޭފުޅެކެވެ.

ދުމިންދާ ސިލްވާގެ މައްޗަށް އިއްވި ހުކުމާ އެކު ސްރީލަންކާއި އަދުލު އިންސާފު ގާއިމު ކުރެވިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.