ޑިސެބިލިޓީ ކައުންސިލްގެ މެންބަރުންގެ އިސްތިއުފާ އަށް ގޮވާލައި ނުކުޅެދުންތެރިކަން ހުރި ބަޔަކު ހެލްތު މިނިސްޓްރީ ކުރިމަތީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.

ހެލްތު މިނިސްޓްރީ ކުރިމަތީގައި ބޯޑުތައް ހިފައިގެން މެންދުރު 2 އަކުން ފެށިގެން މުޒާހަރާ ކުރަމުންދަނީ ގާތްގަނޑަކަށް 25 މީހުންނެވެ. ލޮލަށް ފެނުމުން މަހްރޫމްވެފައިވާ މީހުންނާއި އަޑުއިވުމުން މަހްރޫމްވެފައިވާ މީހުންނާއި އޯޓިޒަމް ހުންނަ މީހުން ވެސް ބައިވެރިވާ އެ މުޒާހަރާގެ ބައިވެރިން އެދެމުންދިޔައީ ޑިސެބިލިޓީ ކައުންސިލްގެ މެންބަރުން އިސްތިއުފާ ދިނުމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދީ އެފަދަ މީހުންނާ މެދު އާންމުން ހޭލުންތެރިކުރުވައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު ހަމަހަމަ ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލައިފައިވެ އެވެ.

"އަޅުގަނޑުމެންގެ މި އެދެނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ވެސް އެހެން މީހުންނާ ހަމަހަމަ ކުރުމަށް. ޑިސެބިލިޓީ ކައުންސިލް ވެސް ރަނގަޅަށް ހިންގުމަށް. ނޫނީ އެ ކައުންސިލް އިސްތިއުފާ ދިނުމަށް. އެ ކައުންސިލްގެ ބައިވަރު ޒިންމާތަކެއް އެބަ ހުރި. މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކައުންސިލްގެ އެހީ ލިބިފައެއް ނުވޭ،" މުޒާހަރާ އިންތިޒާމް ކުރުމުގައި ބައިވެރިވި ޑެފް އެސޯސިއޭޝަނުގެ ޝަހީޒް އަބްދުލް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން މުޒާހަރާ ކުރަމުންދިޔައިރު އެމީހުންގެ ދައުވަތަށް އެ ތަނަށް ބައެއް ސިޔާސީ ބޭފުޅުން ވެސް ވަޑައިގަތެވެ. އެގޮތުން ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ވެސް ބައިވެރިވަޑައިގަތެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ހެލްތު މިނިސްޓްރީ ކުރިމަތީގައި މުޒާހަރާ ކުރަން ފެށުމުން ހެލްތު މިނިސްޓްރީން ވަނީ އެމީހުންނާ ބައްދަލު ކުރުމަށް ދައުވަތު ދީފަ އެވެ.

މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އިތުރުން އެ މުޒާހަރާ އިންތިޒާމްކޮށްފައި ވަނީ ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެހެން ޖަމިއްޔާއަކުންނެވެ.