10 Sep 2016, 11:20
އިންސާނާގެ އެންމެ ނާޒުކު ގުނަވަނަކީ ހިތެވެ. ކޮންމެ ކޮންމެ މީހަކަށް ހިތަކާ ނުކުޅެވޭނެ އެވެ. ނަމަވެސް މިޝަލް މުހައްމަދު ނައީމް (މިޝް) މިހާރު ވެސް އެތައް ބައެއްގެ ހިތްތަކާ ކުޅެލާފަ އެވެ. ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފަ އެވެ. ދަނީ ހިތްތަކަށް ތަސައްލީ ގެނެސްދެމުންނެވެ. އޭނާގެ އަމާޒަކީ ވެސް ހިތްތަކާ އިތުރަށް ކުޅެލުމެވެ.
ސ. ހިތަދޫ/ ނައީމީ މަންޒިލް، އުމުރުން 16 އަހަރުގެ މިޝަލްއަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލް މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ.

މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މިޝަލް މުހައްމަދު ނައީމް (މިޝް): އޭނާ ވަނީ ޖީސީއީ އޯލެވެލް އިމްތިހާނުގައި ހަ މާއްދާއިން އޭ ސްޓާ ހޯދާއި އިސްލާމާއި ދިވެހިން އޭ ގްރޭޑް ހޯދާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މަޖީދިއްޔާގެ ކެޕްޓަން ކަމުގެ ބުރަ މަސްއޫލިއްޔަތު މިދިޔަ އަހަރު އުފުލި މިޝް ވަނީ ޖީސީއީ އޯލެވެލް އިމްތިހާނުގައި ހަ މާއްދާއިން އޭ ސްޓާ ހޯދާއި އިސްލާމާއި ދިވެހިން އޭ ގްރޭޑް ހޯދާފަ އެވެ. އަދި މިދިޔަ އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނުގައި ކޮމްޕިއުޓާ ސައިންސް އިން ދުނިޔޭގެ ހަތް ވަނަ އަދި އެ މާއްދާއިން ރާއްޖޭގެ އެއްވަނަ ހޯދައި، ގައުމީ ގަދަ 10 ގައި އެއްވަނަ ހޯދާފަ އެވެ.
މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މިޝަލް މުހައްމަދު ނައީމް (މިޝް) އަށް ލިބިފައިވާ ތަށިތަކާ އެވޯޑްތައް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ މިޝް ބުނާ ގޮތުގައި އޭނާގެ ބެލެނިވެރިންގެ ހިތްވަރާ "ގިވް އަޕް" ނުކޮށް، އަޒުމެއް ކަނޑައަޅާ އެ އަޒުމަކަށް ވާސިލްވުމެވެ.
"ރަނގަޅަށް ޕްލޭން ކޮށްލައިގެން ކިޔަވާ ނަމަ އެހާބޮޑެތި ގޮންޖެހުންތަކެއް ނާންނާނެ، ޓެސްޓުގެ ކުރީ ބައިގައި ޝެޑިއުލްއެއް ހަދާލައިގެން ކޮންމެ ދުވަހަކު ކިޔަވާނެ މާއްދާއެއް ނިންމާލާފައި އޮތުމުން، ސްކޫލުގެ އިތުރު ހަރަކާތްތަކަށް ދަމުން ވެސް ކިޔެވޭނެ،" ފޮތް ކިއުމާއި ގޭމް ކުޅެ، ފުޓްބޯޅައަށް ލޯބިކުރާ މިޝް ބުންޏެވެ.

ޖީސީއީ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއް ހޮވުމުގެ ޖަލްސާގައި ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ އަރިހުން މިޝް އިނާމު ހާސިލްކުރަނީ: މިޝް ވަނީ ގައުމީ ގަދަ 10 ގައި އެއްވަނަ ހޯދާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މޮޅަށް ކިޔެވުމުގައި މިޝް ވިދަން ފެށީ ކުއްލިއަކަށް ނޫނެވެ. ޖަމާލުއްދީން ސްކޫލުން ޕްރައިމަރީ ތައުލީމު ހާސިލްކުރި މިޝް އަކީ އެ ސްކޫލުގެ ކޮންމެ ގްރޭޑެއްގެ ވެސް އެންމެ މޮޅު ދަރިވަރެވެ. އަދި ޖަމާލުއްދީން ސްކޫލުގެ ކޮންމެ ގްރޭޑަކުން "ޔަންގް ޝޭކްސްޕިއާ އެވޯޑް" އަދި "ސަލާހުއްދީން އެވޯޑް" މިޝް ހޯދިއިރު، އޭނާ އަކީ އެ ސްކޫލުގެ އެއްވަނަ ދަރިވަރެކެވެ.
މިޝްގެ ވާހަކަ އެ ހިސާބުން ނިންމާލެވޭކަށް ނެތެވެ. އަބަދުވެސް އަޒުމެއް އޮވެއްޖެއްޔާ އެކަމެއް ވާނޭ ބުނުމަކީ މިޝްގެ މޮޓޯއެވެ. އެކަން އޭނާ ސާބިތުކޮށްދިނީ އުމުރުން އެންމެ 10 އަހަރުގައި ޖީސީއީ އޯލެވެލްގެ އިނގިރޭސި މާއްދާގައި ބައިވެރިވެ އޭ ގްރޭޑް ހޯދައި، ކެމްބްރިޖް އިންގްލިޝް ލޭންގުއޭޖް އެސެސްމެންޓުން ދޭ ސެޓްފިކެޓް އިން އެޑްވާންސް އިން އިންގްލިޝް (ސީއޭއީ) ގައި އުމުރުން 11 އަހަރުގައި ބައިވެރިވެ އޭ ގްރޭޑް ހޯދުމުންނެވެ.

ޖީސީއީ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގައުމީ ގަދަ 10ގެ އެއްވަނަ ހޯދި މިޝް އެވޯޑްތަކާއެކު --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އިމްތިހާން ހޯލަށް ވަތް އިތުވެސް ކޮންމެ ވެސް ވަރަކަށް ހާސްވި. އެކަމަކު އިމްތިހާން ހެދި އިރުވެސް އުއްމީދުކުރިން ރަނގަޅުނަތީޖާއެއް ހޯދަން. އެއަށްވުރެ ރަނގަޅަށްވެސް ހެދިދާނެ ކަންނޭނގެ. ނަމަވެސް ކަނޑައެޅި ބޭނުންވާ ނަތީޖާ ހާސިލްވި،" ހަގު އުމުރެއްގައި މަންމަގެ ލަފައާއެކު ހެދި އޯލެވެލް އިމްތިހާންގެ އިހުސާސްތައް މިޝް ކިޔައިދިނެވެ.
އޭނާ ބުނީ، ހަމައެކަނި މައިންބަފައިން ކިޔަވަން ފޮނުވައިގެން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ކިޔެވީ ކިޔަވާ ހިތުން ކަމަށާއި ކިޔެވުމުގައި އިސްކަމެއް ދިނީ އަމިއްލަ ކުރިއެރުމަށް ކަމަށް ވެސް މިޝް ބުންޏެވެ.
ދެން އޮތީ އޭނާގެ އަމާޒެވެ. އެންމެ އަމާޒެއް ނޫނެވެ. މިޝްގެ އަމާޒުތައް މިހާރު ކަނޑައަޅާފައިވާއިރު އެއީ އޭނާގެ ހިތްވަރެވެ.
ސީއެޗްއެސްސީގައި ގްރޭޑް އެގާރަ ބާރަ ކިޔަވަމުންދާ މިޝަލްގެ މިހާރުގެ އަމާޒު ހުރީ އޭލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދައި އެންމެން އުފާކޮށްދިނުމެވެ. އެމެރިކާގެ އެންމެ މަތީ ޔުނިވާސިޓީއަކަށް ވަނުމަކީ ވެސް އޭނާ ދެކޭ ހުވަފެނެކެވެ.
މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މިޝަލް ސަން އަށް އިންޓަވިއު ދިނުމަށްފަހު ލިބުނު އެވޯޑްތައް ދައްކާލަަނީ: އޭނާގެ އަމާޒަކީ އޭލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދައި އެމެރިކާގެ މަތީ ފަންތީގެ ޔުނިވާސިޓީއަކުން ޖާގަ ހޯދުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ގްރޭޑް އަށަކުން ފެށިގެން ބަޔޮލޮޖީ ނުވަތަ މެޑިސިންގެ ދާއިރާއަށް ވަރަށް އިންޓްރެސް ހުރޭ. އެހެންވެގެން އެންމެ ވާން ބޭނުންވަނީ ކާޑިއެކް ސާޖިއަން އަކަށް. އެއީ އަމާޒަކީ. އެކަން ހާސިލްކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން،" މިޝްގެ އެންމެ ބޮޑު އަމާޒު އޭނާ ކިޔައިދިނެވެ.
ކޮންމެ އަކަށް މިޝް މި ވަނީ އެތައް ދަރިވަރުންނަކަށް މިސާލަކަށްވެފަ އެވެ. ގިނަ ބައެއްގެ ނަމޫނާ ދަރިވަރަކަށްވެފަ އެވެ. އެތައް ޓީޗަރުންނަކާ އެހީތެރިއެއްގެ ހުވަފެންތަކުގައި ކުލަ ޖައްސައިދީފަ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، އެފަދަ ކާމިޔާބީއެއް ހޯދުމަށްޓަކާ ކުއްޖާގެ ގައިގައި ހުންނަންޖެހޭ އެންމެ މުހިއްމު އެއް ސިފައަކީ އަޒުމެއް ހުރުމެވެ. ޓާގެޓެއް ކަނޑައަޅައި އެޔަށް މަސައްކަތްކުރުމެވެ.
"އެހާ ރަނގަޅު ނަތީޖާއެއް ނުލިބެޔޭ ކިޔާފައި ގިވަޕް ނުކުރާށޭ. ސްކޫލް އެގްޒާމްގައި ރަނގަޅު ނަތީޖާއެއް ނުލިބުނު ނަމަވެސް ބުރަކޮށް މަސައްކަތްކޮށް އެކަން ވާނޭ. އެކަމެއް ކުރެވޭނެ ކަމަށް ގަބޫލުކުރަންޔާ އެކަމެއް ވާނޭ،" މިއީ ހުރިހާ ކުދިންނަށް މިޝް ދިން މެސެޖެވެ.
އަހަރެމެން އެންމެވެސް އެދެނީ މިޝަލް ދެކޭ ހުވެފެނުގައި ކުލަޖެހިގެން އައުމަށެވެ.